Roadha Mihaaru
ސްޓުއާޓް، އެމްއޭސީއެލް ހިންގުމާ ހަވާލުވެއްޖެ

ސްޓުއާޓް، އެމްއޭސީއެލް ހިންގުމާ ހަވާލުވެއްޖެ

27 ޖުލައި 2020

އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް، އިއްޔެ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް، އިއްޔެ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތަށް އުފަން ސްޓުއާޓް އެ ދެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 28 ގައި ކަމަށް ވިޔަސް އޭނާ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް މި ހަވާލުވެވަޑައިގަތީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އިއްޔެ ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ 39 އަހަރު ވަންދެން އެމްއޭސީއެލް އަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އާ ސީއީއޯ އަދި އެމްޑީ ސްޓުއާޓް އަކީ ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި އޭޝިއާ އާއި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރެއްވީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަމުތަކުގަ އެވެ.

ސްޓުއާޓް ސޮއިކުރައްވައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް އެކުގައި މަސައްކަތް ކޮށް، އެކަމުން އަރައިގަނެވޭނެ ކަމަށެވެ. އެ ގާބިލުކަން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ކުންފުނި އެމްއޭސީއެލްގެ މުވައްޒަފުންގެ ކިބައިގައި ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް ރަސްމީކޮށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކޮށްފައި މިވަނީ ގާތްގަޑަކަށް ދެ އަހަރަށް ފަހު އެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވީ ސަރުކާރު ބަދަލުވުމާ ގުޅިގެން ނޮވެމްބަރު 2018ގަ އެވެ. އޭގެ ފަހުން އެ ކުންފުނި ހިންގުމުގެ ޒިންމާ ނެންގެވީ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މޫސާ ސޯލިހެވެ.