Roadha Mihaaru
ހުޅުމާލޭގައި އިތުރު އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދަނީ

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް ފްލެޓް ހަދަން ހުޅުމާލެ އިން ހަތަރު ބިމެއް ދޫކުރަނީ

24 ޖުލައި 2020

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، ހުޅުމާލޭގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް ހަދައި، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހެ އެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ބިލްޑިންގް ކައިރި އާއި ރެނާޓަސް ފްލެޓުތައް ހުރި ސަރަހައްދުގައި އަލަށް ހަދަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އެއް އިމާރާތެކެވެ. މީގެ ތެރެއިން ތިން އިމާރާތް ހަދަނީ ޕްލެޓިނަމް ފްލެޓުތައް ހުރި ސަރަހައްދުގަ އެވެ.

ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ. މި އިމާރާތްތަކުގައި ހިމެނޭނީ 2-3 ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.

ހުޅުމާލޭގައި އާ އެޕާޓްމަންޓު ބިލްޑިންގްތަކެއް ހަދައި ވިއްކުމުގެ އިއުލާން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، މި އިމާރާތްތައް ހަދަނީ މެދުފަންތީގެ އާއިލާތަކަށް ކަމަށާއި ކޮންމެ އިމާރާތެއްގެ 60 ޕަސެންޓު ޚާއްސަ ކުރަންޖެހެނީ ވެސް އެގޮތަށް ކަމަށެވެ.

"އެކަމަކު ބާކީ ފްލެޓުތައް ޑިވެލޮޕަރު ބޭނުން އަގެއްގައި ދެވިދާނެ. ފްލެޓުތައް ވިއްކާއިރު ވެސް އަކަފޫޓަކަށް ޖެހޭވަރު 2،400ރ. އަށް ވުރެ ބޮޑު ކޮށްގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ޝަރުތެއް،" އޭނާ ވިދާޅުވި އެވެ.

އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހެ އެވެ. ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.

Microsoft Forms

ހަތަރު އެޕާޓްމަންޓް ބިލްޑިންގް ހަދަން ޝައުގުވެރިވާ މީހުންގެ ރަޖިސްޓްރޭޝަން ފޯމު

އެޗްޑީސީން ބުނީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކަމުން ހުށަހަޅާ ޕްރޮޕޯޒަލްތަކާ ބެހޭ މައުލޫމާތު ދޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 13 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީޚަކީ އެޗްޑީސީން ބުނިގޮތުގައި އޮގަސްޓް 27 އެވެ. މައުލޫމާތު ސާފުކުރަން ހުށަހަޅަން ޖެހެނީ sales@hdc.com.mv އަށެވެ.

ހުޅުމާލޭގައި އާ އެޕާޓްމަންޓު ބިލްޑިންގްތަކެއް ހަދައި ވިއްކުމުގެ އާރްއެފްޕީ

ހުޅުމާލޭގައި މިހާރު ވެސް އެޕާޓްމަންޓު ބިލްޑިންގްތަކެއް ހަދައި ވިއްކާފައިވާއިރު، އެކިއެކި ޑިވެލޮޕަރުން ގެންދަނީ އެފަދަ އިމާރާތްތައް ހަދަމުންނެވެ.