Roadha Mihaaru
ހިޔާގެ ބައެއް ފްލެޓްތައް ވާރެއިން ސަލާމަތް ނުވެވިފައި!

ވާރޭގައި ހިޔާގެ ބައެއް ފްލެޓްތަކުގެ ތެރެއަށް ފެން ވަދެ ބޮޑެތި ކަންބޮޑުވުންތަކެއް!

15 ސެޕްޓެމްބަރ 2021

މާލޭ ސަރަހައްދަށް ގަދަވަޔާއެކު މިއަދު ވެހުނު ބޯ ވާރޭގައި، ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސަރަހައްދަށް ގަދަވަޔާއެކު މިއަދު ވެހުނު ބޯ ވާރޭގައި، ހިޔާ ފްލެޓްގެ ބައެއް އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްލައިޑް ކުރެވޭ ގޮތަށް ހުންނަ އެ ކުޑަދޮރުތަކުގެ ތިރީ ބައިގައި ފެން ހަރުލައި، އެ ތަން ފުރި، އެޕާޓްމަންޓުތަކުގެ ތެރެއަށް ވަނީ ފެން ވަދެފަ އެވެ. ބެލްކަނީ ދޮރުގެ ތިރިން ވެސް އެޕާޓްމަންޓުގެ އެތެރެއަށް ފެން ވަންނަ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި ވަޔާ އެކު ފްލެޓްތަކުގެ ހޯލްވޭ އަށް ވެސް ފެން ވަންނަ ތަން ވެސް ފެނެ އެވެ.

ފްލެޓްތަކުގެ މަސައްކަތް އެޗްޑީސީން ނިންމައި، މިހާރު މީހުން އެ ތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު ބައެއް ތަންތަނުގެ ތެރެއަށް ފެން ވަންނަ މައްސަލަ ފާހަގަ ކުރެވުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، ކަމާ ބެހޭ ފަރާތްތަކަަށް ފާޑުކިޔަން ފަށައިފަ އެވެ.

މި މައްސަލަ ފާހަގަވުމާ އެކު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އެ ކުންފުނީގެ ބައެއް އޮފިޝަލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި މި ފްލެޓްތަކަށް ވަޑައިގެން ވަނީ އެ ތަންތަނުގެ ހާލަތު ބައްލަވައިފަ އެވެ.

އަދި ކުރިމަގުގައި މި މައްސަލަ ދިމާނުވާނެ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް އެޗްޑީސީން މިރޭ ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް، އެ ތަންތަން ލިބުނު އާއިލާތަކުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް އެއްކޮށް ނުނިންމައި ވެސް ބައެއް އާއިލާތައް މިހާރު ވަނީ އެތަނުގައި ދިރިއުޅެން ފަށައިފަ އެވެ.

ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓު ހުރެ އެވެ. ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެން އިމާރާތްކުރި މި ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހެ އެވެ.