Roadha Mihaaru
7،000 ފްލެޓު މަޝްރޫއަށް ބޮޑު ބަދަލެއް!

7،000 ފްލެޓު މަޝްރޫއަށް ބޮޑު ބަދަލެއް! ތިން ކޮޓަރީގެ ފުލެޓް ވެސް ހަދަނީ

21 ޖެނުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަކީ ދިވެހިންނާ ގުޅޭ ގޮތަށް ހަދާ ތަންތަނަށް ނުވާތީ، އެ ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ނިންމައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަކީ ދިވެހިންނާ ގުޅޭ ގޮތަށް ހަދާ ތަންތަނަށް ނުވާތީ، އެ ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރޭގައި ކުރީގެ ސަރުކާރުން މުޅިން ވެސް ހިމަނާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަނެވެ. ދެ ކޮޓަރީގެ ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިހާރު ނިންމާފައި ވަނީ އޭގެ ތެރެއިން ބައެއް ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރުމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެގޮތަށް ބަދަލު ގެންނަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ ފްލެޓްތަކުގެ ހާލަތު ބެލިއިރު، އެއީ ދިވެހިންނާ އެއްވެސް ވަރަކަށް ގުޅޭ ގޮތަށް ހަދަމުންދާ ތަންތަނަށް ނުވާތީ ކަމަށެވެ.

މި މަޝްރޫގައި 25 ބުރީގެ 16 ޓަވަރު ނުވަތަ ބްލޮކް އިމާރާތް ކުރަން ނިންމާފައިވާއިރު މިހާރު ވަނީ 10 ޓަވަރެއްގެ ސްޓްރަކްޗާ ނިންމައި އެތެރެއިން ރާނަން ފަށައިފަ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ތިން ކޮޓަރި އަށް ބަދަލުކުރެވެން އޮތީ ސްޓްރަކްޗަ އެއްކޮށް ނުނިންމައި އަދި އެތެރެއިން ރާނަން ފަށާފައި ނުވާ ޓަވަރުތަކުގައި ހިމެނޭ ފްލެޓްތައް ކަމަށެވެ.

"ރޭނިފައި ހުރި ތަނެއް އަނެއްކާ ތަޅާލާފައި ބަދަލުކުރުން އެއީ ކޮސްޓަކަށް ވާނެ. އެކަމަކު ފާރުތައް ނުރޭނި ހުރި ތަންތަނުގައި މި ވަގުތަށް ދެން އިތުރަށް ފާރުތައް ނުރާނަން އަޅުގަނޑުމެން ވާނީ އެދިފައި،" ސުހައިލް ވިދާޅުވި އެވެ.

"ސަރުކާރުން އިރުޝާދު ދެއްވާފައި އެބަ އޮތް ކިހާ ވަރެއްތޯ ތިން ބެޑްރޫމަށް ބަދަލުކުރެވޭނީ ބަލަން. މިސާލަކަށް އެތެރޭގެ ލޭއައުޓްތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ކުރެވޭތޯ އެބަ ބަލަން. އެހެންވެއްޖިއްޔާ [ފްލެޓްތަކުގެ] އަދަދު ވެސް މަދުވާނެ. ތިން ފްލެޓް އެއްކޮށްލައިގެން ދެ ފްލެޓް ނެގޭނީ. އެހެންވެ އެކްސަސައިޒެއް އެބަ ހިންގަން މިހާރު."

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ލައިފްސްޓައިލާއި އާއިލާތައް ދިރިއުޅޭ ގޮތަށް ބަލާއިރު މިހާރު އާންމު ގޮތެއްގައި ބޭނުން ވަނީ ތިން ކޮޓަރީގެ ފްލެޓްތަކެވެ.

"އަޅުގަނޑުމެންގެ ފެމިލީތައް ދިރިއުޅެން ބިނާ ކޮށްފައި ވަނީ ޝެއާ ކޮށްގެން އުޅުމަށް. ޓިޕިކަލް ފެމިލީއެއްގައި ވެސް ދެމަފިރިންނާއި ދެ ކުދިން ތިބޭނެ. ރަށްރަށުން ދޭތެރެދޭތެރެއިން އައިސް ބައްޕަ ނޫނީ މަންމަ އަބަދުވެސް އުޅޭނެ. އެހެންވީމާ ތިން ކޮޓަރި ނެތިއްޔާ އާންމުކޮށް އެއީ ކުޑަ މިންވަރެއް،" ހުޅުމާލެ ތަރައްގީ ކުރަން ފެށީއްސުރެ އެތަނުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ސުހައިލް ވިދާޅުވި އެވެ.

"ސޯޝަލް ހައުސިންއޭ ކިޔަސް އެއީ ފެމިލީއެއް ދިގު މުއްދަތަކަށް އުޅެން ހަދާ ތަނެއް. މި އުޅެނީ ކްރައިސިސްއެއް އައިސްގެން މީހުން ވަންނާނެ ތަނެއް ނެތިގެނެއް ނޫން. ބޭނުންވެގެން މި އުޅެނީ ނަމްބަރުތައް އިތުރު ކުރުމެއް ނޫން. އެއީ އެކަށީގެންވާ ތަނަކަށް ވެސް ވާން ޖެހޭނެ."

ފްލެޓްތަކުގައި ބޮޑެތި މައްސަލަތަކެއް

އެއްފަހަރާ 35،000 މީހުންނަށް ބޯހިޔާވަހިކަން ހޯދުމަށް ހިންގާ މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީ އަށް 7.5 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ނަގައިގެން ކަމަށް ވިޔަސް އެއީ އެއްގޮތަކަށް ވެސް އިންސާނުން ހަމަޖެހިލައިގެން ދިރިއުޅެން އެކަށީގެންވާ ގޮތަށް ހަދާ ތަންތަން ކަމަކަށް ނުބެލެވެ އެވެ. އެއީ އެކަށީގެންވާ ގޮތަކަށް ހަދާ ތަންތަންތޯ ސުވާލު ދެންނެވުމުން ސީދާ އެ އަށް ޖަވާބެއް ނުދެއްވި ނަމަވެސް ސުހައިލް ދެއްކެވި ވާހަކަތަކާއި ދެއްވި މައުލޫމާތައް ބަލާއިރު އެހާ ގިނަ ބަޔަކު އެ ތަނުގައި ދިރިއުޅެން ހެޔޮ ނުވާނެއޭ ބުނެވިދާނެ އެވެ.

މި 25 ބުރީގެ ކޮންމެ ފްލެޓެއްގައި [ޖުމްލަ 16 ބްލޮކް] ފަސް މީހުން ދިރިއުޅޭނެ ކަމަށް ބެލި ނަމަވެސް އެއީ 35،000 މީހުންނެވެ. އެ ހުރިހާ އެންމެން އަރައި ފޭބުމަށް ހުރީ އެންމެ ތިން ލިފްޓެވެ. ކަރަންޓު އަދިވެސް ޔަގީން ނުވާ ދުވަސްވަރެއްގައި، އެކަމަށް ހައްލެއް ނެތެވެ.

ދެ ކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 550 އަކަފޫޓެވެ. އެއް ކޮޓަރީގެ ހުރިހާ ފްލެޓެއްގެ ކުޑަ ދޮރުތައް ހުޅުވެނީ ދެ ފްލެޓް ބަރީގެ ދެމެދު ހިނގަން އޮންނަ ޖާގަ އަށެވެ. އެ ޖާގައިގެ ސައިޒް ހަތަރު ފޫޓު ވަރު ވެސް ނުވެ އެވެ.

ފްލެޓްތައް ދޫކުރާއިރު، ޓައިލްސް ޖެހުމާއި އެތެރޭގެ އެއްވެސް ދޮރެއް ނުހިމެނެ އެވެ. މާނަ އަކީ އިމާރާތުގެ އަގުގެ ތެރޭގައި އެ މަސައްކަތެއް ހިމަނައިފައި ނެތެވެ. އެހެންކަމުން މިހާރު ނަގާފައިވާ ލޯނުގެ އިތުރުން، އެ ހުރިހާ ކަމެއް ނިންމާފައި ފްލެޓްތައް އާންމުންނަށް ދޫކުރާ ނަމަ އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ބޭނުންވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޫކުރާ ފްލެޓްތަކަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޫކުރާ ފްލެޓްތަކަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ސުހައިލް ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ކަމަށެވެ. ޚާއްސަކޮށް ކޮޓަރިތަކުގެ ސައިޒް އެހާ ކުޑަވުމާއި ލިފްޓްތައް މަދުކަން އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

"ސޯޝަލް ހައުސިންގައި ވެސް އެކްސެޕްޓް ކުރެވޭނެ ލެވެލެއް ނޫން މިއީ. އެ ލެވެލްގައި މީހުން ވަދެގެން ހަ މަސް ފަހުން ޓައިލްސް ޖެހުމާއި ދޮރު ހަރުކުރުން ފަދަ ކަންކަން ކުރުމުން އެހެން މީހުންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖެ އަށް ސުއިޓަބްލް މޮޑެލްއެއް ނޫން. އިމަޖެންސީ ހާލަތެއްގައި ކަރަންޓު ބޭނުން ކުރެވޭނެ ގޮތެއް ނެތް. އޮފީހަށް، ސްކޫލަށް ދާނީ އެއް ގަޑީގައި. އެ ގަޑީގައި ވެސް ތިން ލިފްޓޭ ބޭނުންކުރަން ހަމަޖައްސާފައި އޮތީ."

މި ފްލެޓްތަކަށް ހިނގާ ހަރަދު ނިސްބަތުން ބޮޑު ކަމަށް ސުހައިލް ވިދާޅުވި އެވެ. ހިސާބު ހަދައި ލުމުން ޓައިލްސް އާއި އެތެރޭގެ ދޮރުތައް ނުލައި އެޕާޓްމަންޓަކަށް ޖެހެނީ 62،000 ޑޮލަރު ނުވަތަ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. އެއީ އަކަފޫޓަކަށް ބަލާ ނަމަ 2،000ރ. އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ފެންވަރަށް ހެދޭނެއޭ [އަކަފޫޓަކަށް] 1،000ރ އަށް،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު އަގު ބޮޑުވި ސަބަބެއް ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ، ސުހައިލް ވިދާޅުވީ، އެއީ 25 ބުރިއަށް އިމާރާތް ކުރާތީ ފައުންޑޭޝަންގެ ޚަރަދު ބޮޑުވާތީ ކަމަށެވެ.

"ޚާއްސަކޮށް ސޯޝަލް ހައުސިން އަށް 25 ބުރިއެއް ބޭނުމެއް ނުވޭ. އަޅުގަނޑަށް ފެންނަނީ މިއީ ނަމްބާސް އިތުރު ކުރަން އުޅެފައި އޮތް މަސައްކަތެއް ކަމަށް. ބަލަން ވާ ވަރަށް ނުބަލައި ކަންކަން ކޮށްފައި މި ވަނީ،" ސުހައިލް

މި މަޝްރޫއުގެ ފްލެޓަކަށް 62،000 ޑޮލަރު ޖެހޭއިރު، ފްލެޓުގެ އަގު ހޯދާ ނަމަ ކޮންމެ ފްލެޓެއް ދޫކުރެވޭނީ، ސުހައިލް ވިދާޅުވި ގޮތުގައި، މަހަކު 11،000ރ. އަށެވެ. މިއީ ކުރީ ސަރުކާރުން އެންމެ ފަހުން ދޫކުރި ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ 6،000ރ އަށް ބަލާ ނަމަ ބޮޑު އަދަދެކެވެ.

އެހެންކަމުން 7،000 ފްލެޓް މަޝްރޫއުން ފްލެޓް، 11،000ރ އަށް ވުރެ ހެޔޮ އަގެއްގައި ދޫކުރެވެނީ، ސުހައިލް ވިދާޅުވި ގޮތުގައި، ސަރުކާރުން ސަބްސިޑީ ދީގެންނެވެ.

މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް ގެންގޮސްފައިވާތީ މަސައްކަތް ހުއްޓާލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫނެވެ. އެހެންވެ، އާންމުންނާ ވީހާ ވެސް ގުޅޭ ގޮތަކަށް ފްލެޓްތަކުގެ ސްޓްރަކްޗަރާއި އެހެނިހެން ކަންކަން ބަދަލުކޮށްގެން މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ސުހައިލް ވިދާޅުވި އެވެ. އެގޮތުން އިތުރު ލިފްޓްތައް ލައި، ތިން ކޮޓަރި އަށް ތަންތަން ބަދަލުކުރުން ފަދަ ކަންކަން ކުރާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފްލެޓްތައް ދޫކުރަން މި ސަރުކާރުން ބޭނުންވަނީ ހަމައެކަނި ހަތަރު ފާރާ އެކު ނޫނެވެ.

މައްސަލަ އަކީ 25 ބުރިއަށް ހެދުން

ސުހައިލް ދެކެވަޑައިގަންނަވާ ގޮތުގައި 7،000 ފްލެޓް މަޝްރޫއު ކުރީގެ ސަރުކާރުން ފެށީ ބަލަން ވާ ވަރަށް ނުބަލަ އެވެ. ޚާއްސަކޮށް އެ ފްލެޓްތައް 25 ބުރިއަށް އިމާރާތް ކުރަން ނިންމުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަޕްލޭން އެކުލާވާލާފައި ވަނީ 160،000 މީހުންނަށް އަމާޒުކޮށްގެން ކަމަށް ވާއިރު 25 ބުރިއަށް އިމާރާތް ނުކޮށް ވެސް ސޯޝަލް ހައުސިންގައި އެ އަމާޒަށް ވާސިލް ވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ޚާއްސަކޮށް ސޯޝަލް ހައުސިން އަށް 25 ބުރިއެއް ބޭނުމެއް ނުވޭ. އަޅުގަނޑަށް ފެންނަނީ މިއީ ނަމްބާސް އިތުރު ކުރަން އުޅެފައި އޮތް މަސައްކަތެއް ކަމަށް. ބަލަން ވާ ވަރަށް ނުބަލައި ކަންކަން ކޮށްފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.

މި 7،000 ފްލެޓްގެ މަޝްރޫއު މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފަ އެވެ. އެކަމަކު އެ ހިސާބަށް ދާއިރު، ނިންމަން ޖެހޭ އެހެން ކަންކަން އަދިވެސް އެބަ ހުއްޓެވެ. އެގޮތުން ސްކޫލާއި ހޮސްޕިޓަލެއް އެ ސަރަހައްދަކު ނެތެވެ. ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ ކަންކަން ފަށައިގަތުމުގައި ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.