23 އޮކްޓޯބަރ 2016
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ލޯބިވާ ބޭބެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އަމަލުފުޅުން ދައްކަވަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި މައުމޫނާ ނުލައި 2018 ގެ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ލޯބިވާ ބޭބެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އަމަލުފުޅުން ދައްކަވަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި މައުމޫނާ ނުލައި 2018 ގެ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ދެ ފަޅިކޮށްގެން އުޅޭ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މައުމޫން ބާކީކޮށްލައްވައި ރައީސް ޔާމީން ކުރިއަށް ވަޑައިގެންފި ނަމަ 2018 ގެ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވުމަކީ ނާދިރު ކަމެއް ކަމަށެވެ. އެ ހަގީގަތް ގަބޫލުކުރައްވައި، ރައީސް މައޫމޫނާ ގުޅިވަޑައިގެން، ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ޕާޓީ ހިންގަވަން އެމަނިކުފާނަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ރައީސް މައުމޫނާ ގުޅިވަޑައިގެން އެމަނިކުފާނަށް އުނދަގުލެއް ނެތި ޕާޓީ ހިންގަވަން ރައީސް ޔާމީން ފުރުސަތު ދެއްވަން އަޅުގަނޑު ގޮވާލަން. މިއުޅެނީ ރައީސް ޔާމީނާ ދެކޮޅުވެގެން، އަދި ސަރުކާރާ ވެސް ދެކޮޅުވެގެނެއް ނޫން. ހައްގު ބަސް މި ފާޅުކުރަނީ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުމުގައި ވެސް އެ ޕާޓީ އާއި ދިވެހި ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ރައީސް މައުމޫނާ އެކުގަ އެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަން ކޯލިޝަން ހެދި އެންމެން ވެސް އެމަނިކުފާނާ ދުރަށް ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު 2018 އާ ހަމައަށް ރައީސް ޔާމީނާއެކު ކޯލިޝަންގައި ދެމިތިބޭނެ ކަމަށް ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ވަނީ ބުނެފަ އެވެ.
"އިމްރާނާއި ނާޒިމާއި ގާސިމެއް ވެސް ނެތް. އެންމެ ފަހާ ޖެހެންދެން ވެސް ހުންނެވީ ރައީސް މައުމޫން. އެމަނިކުފާނު އެކަހެރިކޮށް މިގޮތަށް ކަންތައް ކުރައްވާ ނަމަ އިންތިހާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2013 ގެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވުނީ މައުމޫނަށް އޮތް ތާއީދުން ކަން އިންތިހާބުގެ ނަތީޖާ އިން ސާފުވާނެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރެއްވި ފުރަތަމަ ބުރުގައި އެމަނިކުފާނަށް 45 ޕަސެންޓް ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް 24 ޕަސެންޓް ލިބިވަޑައިގަތެވެ.
ދެ ވަނަ ބުރުގައި ބޮޑު ކޯލިޝަނަކުން ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރެއްވީ 51 ޕަސެންޓުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 48 ޕަސެންޓެވެ.
ރައީސް ޔާމީން ފެކްޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ޕީޕީއެމްގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން "ލޯބިވާ ބޭބެ އަށް ރައްދު ދޭކަށް ނެތިން" ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، މައުމޫނާ ދޭތެރޭގައި ރައީސް ޔާމީން ކަންތައް ކުރައްވާ ގޮތް ހުރިހާ ރައްޔިތުންނަށް އެނގޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީށް މައުމޫނަށް ދެއްވަން ޖެހޭ އެ ގަދަރާއި އިހްތިރާމެއް ނުފެނޭ. ކޮން ބޭފުޅަކު ބޭނުންފުޅު ވެގެންތޯ [ޕީޕީއެމް މައްސަލަ ކޯޓަށް ހުށަހަޅައިގެން] މިގޮތަށް ކަންކަން މި ކުރައްވަނީ. ބަހުން ލޯބިވެއޭ ވިދާޅުވިއަސް އަމަލުން ފެންނަނީ ތަފާތު މަންޒަރެއް ކަން ރައްޔިތުންނަށް ސާފު،" އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޕީޕީއެމް ހިންގުމުގައި އަދި ސިޔާސަތު ކަނޑައެޅުމުގައި ވެސް، ވަހީދު ވިދާޅުވި ގޮތުގައި، ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެއްވެސް ދައުރެއް ޕާޓީގެ އަސާސީ ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ނެތް ކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކޮށް ސިވިލް ކޯޓުން ހުކުމް ކުރިއަސް، ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދެއްވެން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ކޯޓުން ހުކުމެއް ކޮށްފައި އޮތަސް މުސްތަޝާރަށް ވިދާޅު ވެވެން އެބަ އޮތް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ތިމަން މަނިކުފާނަށް ކައުންސިލް ޖަލްސާތައް ބާއްވައި ޕާޓީ ހިންގުމުގެ ފުރުސަތެއް ނެތޭ. އެހެންވީމަ ޕާޓީގެ ރައީސަށް ދަންނަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް މުސްތަޝާރަށް ވިދާޅުވެވެން އެބައޮތް. މުސްތަޝާރަށް ކޯޓަކުން މަޖުބޫރެއް ނުކުރޭ އަސާސީ ގަވާއިދުން ބޭރުވާކަށް،" މެމްބަރު ވަހީދު ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީން ވިދާޅުވެގެން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެއްވެސް މެމްބަރަކަށް، މައުމޫން ގޮވައިގެން ކޯޓަށް ވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގަންނަވާނެ އެވެ. އޭގެ ފުރިހަމަ ހެކި، މަޖިލީހުގައި މެމްބަރުން އަމަލުކުރައްވާ ގޮތުން ވެސް ފެންނަން އެބަހުރި ކަމަށް ވަހީދު ވިދާޅުވި އެވެ.
ކޯޓުން ކުރާ ހުކުމަކަށް ނުވަތަ ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދާ ގޮތަކަށް ފާޑުވިދާޅުވާން ބޭނުން ނުވާ ކަމަށާއި އެކަމަކު ކޯޓަށް މައްސަލަ ވެއްދި ބޭފުޅާ އާއި ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި މީހާ އާއި ހައި ކޯޓުގެ ރަޖިސްޓްރާ އެއްކޮށް ތިއްބަވަނިކޮށް އާއްމުވެގެން އުޅޭ ފޮޓޯ އިން ރައްޔިތުންނަށް "މިވާ ގޮތް ސާފުވާނެ" ކަމަށް ވަހީދު ވިދާޅުވި އެވެ.
"ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި މީހާގެ ކޮން މަސްލަހަތެއްތޯ އޮތީ ޕީޕީއެމް މައްސަލައިގައި؟" ވައްޑެ ސުވާލު ކުރެއްވި އެވެ.
ޕީޕީއެމް މައްސަލަ ހައި ކޯޓުގައި ކުރިއަށްދާއިރު އެ ޕާޓީ މިހާރު ހިންގަނީ ވަކި ދެ ފެކްޝަނެއްގެ ގޮތުގަ އެވެ. ދެ ފެކްޝަނުން ވެސް ޕާޓީގެ އިސް މަގާމްތަކަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު ދެ ފަޅިން ކައުންސިލް ވެސް ބާއްވަނީ ވަކި ވަކިންނެވެ.
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވައްޑެ އާއި ނާދިރާ
ޕާޓީ ހިންގޭނެ ގޮތެއް ހޯދަން މައުމޫނާ ވާހަކަ ދައްކަނީ
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!
މައުމޫން "ބާކީކުރާތީ" ވައްޑެގެ ވަރުގަދަ ސުވާލުތަކެއް!