Roadha Mihaaru
އަމީނިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާނާ

އަމީނިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާނާ

23 އޮކްޓޯބަރ 2016

އަމީނިއްޔާ ސްކޫލުގެ މިިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާނާ ޝާހިދު ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނިއްޔާ ސްކޫލުގެ މިިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާނާ ޝާހިދު ހޮވައިފި އެވެ.

މިދިޔަ އަހަރު އަމީނިއްޔާ ސްކޫލުގެ ކެޕްޓަންކަން ވެސް ކުރި އިބާނާ ވަނީ އޯލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ހޯދައިގެން ގައުމީ ގަދަ 10ގެ އެއް ވަނަ އަށް ވެސް އަރައިފަ އެވެ.

އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ރޭ އަމީނިއްޔާ ސްކޫލުން ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރިމެހެމާން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ދަރިވަރަކަށް އިނާމު ހަވާލުކޮށްދެނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން\ މިހާރު

ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ދަރިވަރަކަށް އިނާމު ހަވާލުކޮށްދެނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން\ މިހާރު

އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން ދެ ވަނަ ލިބުނީ އައިޝަތު ނާޒިޔާ ނިޔާޒަށެވެ. އޭނާ ވަނީ އޯ ލެވެލް އިން ގައުމީ ގަދަ 10 އިން އެއް ވަނަ ހޯދައިފަ އެވެ. ތިން ވަނަ ލިބުނީ އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރު ޑެޕިއުޓީ ކެޕްޓަން ނަފްހާ ނަސްރުﷲ އަށެެވެ.

"މިހާރު"އާ ވާހަކަދައްކަމުން އިބާނާ ބުނީ ރަނގަޅު ނަތީޖާއެއް ހޯދަން ކޮންމެ ދުވަހަކު ވެސް ފިލާވަޅުތައް ދަސްކުރާ ކަމަށާއި އެންމެ މޮޅު ދަރިވަރުގެ މަގާމަށް ދާން ވަރަށް މަސައްކަތްކުރި ކަމަށެވެ.

"ހަމައެކަނި ޓެސްޓު ފޮތްތަކުން ދަސްކުރުމުގެ ބަދަލުގައި އިންޓަނެޓުން ވެސް އިތުރު މައުލޫމާތު ހޯދަން،" ސީއެޗްއެސްއީގައި އޭ ލެވެލް އަށް މިހާރު ކިޔަވަމުން އަންނަ އިބާނާ ބުންޏެވެ.

ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މުހައްމަދު ޝަރުހާން\ މިހާރު

ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މުހައްމަދު ޝަރުހާން\ މިހާރު

އަމަލީ ގޮތުން ކަންކަން ދަސްކުރުމަކީ ޓެސްޓުތައް ފަސޭހައިން ހަދާލެވޭ ކަމެއް ކަމަށް އިބާނާ ބުންޏެވެ.

އޭނާގެ މިހާރުގެ އަމާޒަކީ އޭ ލެވެލްގެ ގަދަ 10ގެ އެއް ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ހޯދުމެވެ. ކުރިއަށް ދާން ވިސްނައިގެން ހުރީ އެކައުންޓިންގެ ދާއިރާއިންނެެވެ.

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު 183 ދަރިވަރުން އޯ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 66 ދަރިވަރުން ގައުމީ ގަދަ 10 ގައި ހިމެނުނުއިރު ވޯލްޑް ޓޮޕް ޓެން އަށް ނުވަ ދަރިވަރަކު އެރި އެވެ.