Roadha Mihaaru
ބޭބެގެ މަރަށް އަހަރެއް ނުވަނީސް ކޮއްކޮގެ މަރު!

ޚިދުމަތުގައި ތިބި ދެބެން: ބޭބެގެ މަރަށް އަހަރެއް ނުވަނީސް ކޮއްކޮގެ މަރު!

19 ޖުލައި 2020

އެމްއެންޑީއެފްގައި ޚިދުމަތް ކުރަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން ބޭބެ މަރުވިތާ އަހަރެއް ނުވަނީސް، ފުލުހުންގެ ޚިދުމަތުގައި ދެމިހުރި ކޮއްކޮ ވެސް ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެންޑީއެފްގައި ޚިދުމަތް ކުރަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން ބޭބެ މަރުވިތާ އަހަރެއް ނުވަނީސް، ފުލުހުންގެ ޚިދުމަތުގައި ދެމިހުރި ކޮއްކޮ ވެސް ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ ސިއްހީ މަރުކަޒުގައި ރެ އިން ފެށިގެން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހު މަރުވީ، އެ ރަށު ފަހާގޭ، އިސްމާއިލް ރިޒާ 35، އެވެ. ޕޮލިސް ސާޖަންޓް، ރިޒާ ފުލުހުންގެ ވަޒީފާގައި އުޅޭތާ 14 އަހަރު ވެއްޖެ އެވެ.

އޭނާގެ ބޭބެ، އަލީ ރިޔާޒް 38، މަރުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިފައިންގެ ތަމްރީނެއްގައި ހުޅުމާލޭގައި އުޅެފައި ގިރިފުއްޓަށް ދިޔަތަނާ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވެ އެވެ.

ރިޒާ އާއި ރިޔާޒަކީ ކުޑަހުވަދޫ ފަހާގޭ މުހައްމަދު ރަޝީދާއި ޒުލޭޚާ އިސްމާއިލަށް ލިބުނު ނުވަ ދަރިންގެ ތެރެއިން ދުނިޔޭގައި ތިބި ހަމައެކަނި ދެ ކުދިންނެނެވެ. އެއް ދަރިފުޅު ދުނިޔެއާ ވަކިވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއް ދަރިފުޅުގެ މަރާ އެކު، އެ ދެމަފިރިން ވަނީ އެކަނިވެރިވެފަ އެވެ. ދެމަފިރިންގެ އުމުރުން މިހާރު 65 އަހަރަށް ވުރެ މަތިވެދާނެ އެވެ.

"ވަރަށް ބޮޑު ހިތްދަތިކަމެއް އެ ދެމަފިރިންނަށް ކުރިމަތި މިވީ. ރިޒާ އުޅުނީ ތިން ދަރިންނާއި އަންހެނުންނާ އެކު މަންމަ އާއި ބައްޕަގެ ގޭގައި. އެ ދެމަފިރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ވެސް އެ ދަރިފުޅު،" ކުޑަހުވަދޫގެ ކައުންސިލަރަކު ވިދާޅުވި އެވެ.

"ރަށާއި ގައުމަށް ޚިދުމަތްތެރި ދެބެން މިހާ ގާތުގައި ވަކިވެ ދިއުމަކީ ރަށަށް ވެސް ވަަރަށް ބޮޑު ދެރައެއް."

މައިންބަފައިންނާ އެކު ދިރިއުޅުމަށް، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުން އައި ރިޒާ އެ ރަށު ސިއްހީ މަރުކަޒުގައި ރޭ އެޑްމިޓްކުރީ ކުއްލި އުނދަގޫތަކެއްވާތީ އެވެ. އަމިއްލަ އަށް ހިނގާލާފައި އެތަނަށް ދިޔަ ނަމަވެސް ފަހުން ހާލަތު ގޯސްވެ، ކުއްލި ގޮތަކަށް މާލެ ފޮނުވާލަން ތައްޔާރު ވެސް ވި އެވެ.

"ފަތިހު ފްލައިޓަށް އަރުވާފައި ވެސް އޮކްސިޖަން ދަށްވެ، ހާލަތު ގޯސްވާތީ ބާލައިގެން ފަރުވާދެނިކޮށް ނިޔާވީ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެބެއިން ވެސް އަޚުލާގު ރަނގަޅުވެފައި މީހުންނަށް ކަމޭހިތައި، އޯގާތެރި އެވެ. އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ރިޒާ ރަށުގައި ހުރެގެން ކުރި މަސައްކަތްތައް ކައުންސިލުން ފާހަގަކުރެ އެވެ.

ފުލުހުން ވެސް ވަނީ ރިޒާގެ ޚިދުމަތް ފާހަގަކޮށް، އާއިލާ އަށް ތައުޒިޔާ ކިޔައި ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ރިޒާ ހުރީ ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ޓީޑީ އޮފިސަރެއްގެ މަގާމުގަ އެވެ. އޭނާ އަށް ލިބިފައިވާ މެޑަލްތަކުގެ ތެރޭގައި އަޚުލާގީ ކުލަ އެކެއް، ދޭއް އަދި މިނިވަން 50 ގެ މެޑަލާއި ފުލުހުންގެ ޚިދުމަތުގެ ކުލައިގެ އިތުރުން އިޚްލާސްތެރި ޚިދުމަތުގެ ކުލަ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.