Roadha Mihaaru
ސިޓީ ބަލިކޮށް އާސެނަލް އެފްއޭ ކަޕް ފައިނަލަށް

މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލް އެފްއޭ ކަޕް ފައިނަލަށް

19 ޖުލައި 2020

ލަންޑަން (ޖުލައި 19) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 19) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ 13 ފަހަރު އެފްއޭ ކަޕްގެ ތަށި އުފުލާލައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އާސެނަލުން ފައިނަލުގައި ކުޅޭނެ 21 ވަނަ ފަހަރެވެ. އެއާ އެކު އެ ޓީމަށް ވަނީ ފައިނަލުގައި އެންމެ ގިނައިން ކުޅުމުގެ ޝަރަފް ލިބިފަ އެވެ. އެންމެ ގިނަ ފައިނަލުގައި ކުޅުމުގެ ރެކޯޑް އާސެނަލުން ހިއްސާކުރަމުން އައީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. މި މުބާރާތް 12 ފަހަރު ކާމިޔާބުކުރި ޔުނައިޓެޑް ވަނީ 20 ފަހަރު ފައިނަލުގައި ކުޅެފަ އެވެ. މިރޭގެ ސެމީގައި ޔުނައިޓެޑް ކުޅޭނީ ޗެލްސީއާ އެވެ. ޔުނައިޓެޑް ފައިނަލަށް ގޮސްފިނަމަ އާސެނަލްގެ ރެކޯޑާ އަނެއްކާ ހަމަކުރެވޭނެ އެވެ.

މިދިޔަ ޑިސެމްބަރު އާސެނަލްގެ ކޯޗުކަމާ ހަވާލުވި އާޓެޓާ އަންނަނީ ފަހަކަށް އައިސް އާސެނަލްގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. މިދިޔަ ބުދަ ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ވަނީ 2-1 އިން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފަ އެވެ. އެއީ ފަސް އަހަރު ތެރޭ އާސެނަލުން ލީގުގައި ލިވަޕޫލް ބަލިކުރި ފުރަތަމަ ފަހަރެވެ. ރޭ ސިޓީ އަތުން އާސެނަލް ހޯދި މޮޅަކީ 2017 ވަަނަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ފަހު އާސެނަލުން ސިޓީ ބަލިކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު 20 މެޗުގައި ސިޓީން ވަނީ އާސެނަލް ބަލިކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ޔޫރަޕްގެ އެންމެ މޮޅަށް ކުޅޭ ދެ ޓީމެއް އެއް ހަފްތާ ތެރޭގައި ބަލިކުރެވުމަކީ އޭނާގެ ނަޒަރުގައި ބޮޑު ކާމިޔާބެއް ކަމަށެވެ.

"މިއީ ކޮންމެ ކޮންމެ ދުވަަހަކު ކުރެވޭނެ ކަމެއް ނޫން. އަހަންނަށް އަބަދުވެސް މުހިއްމުވަނީ ކުޅޭ ކުޅުންތެރިންނެއް ނޫން. އަހަންނަށް މުހިއްމުވަނީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް. އެ ހިތްވަރު ފެނިއްޖެނަމަ ކުޅުންތެރިން ވެސް ތިބޭނީ ހިތްހަމަޖެހިގެން. މި ނަތީޖާ ތަަކަކީ އަހަރެން ބޭނުންވާ މިސްރާބަށް މި ކްލަބަށް ދެވޭނެ ކަމުގެ ފެށުމެއް ކަމަށް ބެލިދާނެ،" ސިޓީގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށް އާސެނަލާ ހަވާލުވި އާޓެޓާ ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ދެ ގޯލު ވެސް ޖެހީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން އޮބާމަޔަން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި ސިޓީން އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އާސެނަލް ޑިފެންސް ލައިނުގައި ރޭ ސިޓީ ހުއްޓުވަން އެންމެ ރަނގަޅަށް ކުޅުނީ ޑޭވިޑް ލުއިޒް އެވެ.

ސިޓީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އޮބާމަޔަން އާސެނަލްގެ ލީޑުފުޅާކޮށްދިނީ މެޗު ނިމެން 19 މިނިޓަށް ވެފައި ހުއްޓަ އެވެ. ކިއެރަން ޓިއެރަނީ ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޮބާމަޔަން ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބަދަލުތަކެއް ގެނެސްގެން އާސެނަލް ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސިޓީން ލަނޑެއް ޖަހަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލުކުރި ކަމަށް ބުނެ ޕެނަލްޓީ ހޯދަން އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗު އެއްކޮށް ބަލާއިރު ސިޓީ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށާއި ނަތީޖާ ގޯސްވުމުގައި އެންމެ ދަށްކޮށްދިޔައީ ފުރަތަމަ ހާފު ކަމަށެވެ.

"އާސެނަލުން ކުރި މަސައްކަތަށް ބަލާއިރު މި މޮޅު އެ މީހުންނަށް ކިހާ މުހިއްމުކަން އެ މީހުން ސާބިތުކޮށްދީފި. އެ މީހުން މޮޅުވީ ޓީމެއްގެ ގޮތުގައި ހުރިހާ ކަމެއް ކޮށްގެން،" ގާޑިއޯލާ ބުންޏެވެ.

މިއީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު އިނގިރޭސި ކަޕް މުބާރާތަކުން ސިޓީ ކެޓި ފުރަތަމަ ފަހަރެވެ. ސިޓީ ވަނީ މިދިޔަ ސީޒަނުގައި ލީގާއި ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަނުގައި އެ ތިން މުބާރާތުގެ ތެރެއިން ސިޓީ އަށް ލިބުނީ ހަމައެކަނި ލީގު ކަޕް އެވެ. ސިޓީ އަށް ބާކީ މި ސީޒަނުގައި ދެން އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީން ވަނީ ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލަށް ދާން އަމިއްލަ ލެގުގައި ރެއާލާ ދެކޮޅަށް ސިޓީ ކުޅޭނީ އަންނަ މަހުގެ ކުރީކޮޅުގަ އެވެ.