Roadha Mihaaru
ސިޓީ އާއި އާސެނަލް ސެމީ ފައިނަލަށް

ސިޓީ އާއި އާސެނަލް ސެމީ ފައިނަލަށް

12 މާޗް 2017

ލަންޑަން (މާޗް 12) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ މެންޗެސްޓާ ސިޓީ އާއި އާސެނަލުން ރޭ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 12) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ މެންޗެސްޓާ ސިޓީ އާއި އާސެނަލުން ރޭ ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުތަކުން މިޑްލްސްބަރާ އަތުން 2-0 އިން ސިޓީ މޮޅުވިއިރު، އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 5-0 އިން ލިންކޮން ސިޓީ ބަލިކޮށްފަ އެވެ.

ފަހަކަށް އައިސް ސިޓީގެ ފަރާތުން ފެންނަމުން އައި މޮޅު ކުޅުން ރޭ މިޑްލްސްބަރާއާ ދެކޮޅަށް ވެސް އެ ޓީމުން ވަނީ ތަކުރާރުކޮށްފަ އެވެ. މި މެޗުގެ ތިން ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. ދެ ވަނަ ހާފްގައި ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ސާޖިއޯ އަގުއޭރޯ އެވެ.

ސީޒަން ފެށިއިރު ރަނގަޅު ފޯމެއްގައި އޮތް ސިޓީ ވަކި ހިސާބަކުން ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އެހެން ނަމަވެސް މިހާރު އެ ޓީމު ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެ ޓީމު ބަލިވެފައިނުވެ އެވެ.

ގާޑިއޯލާ ބުނީ އެފްއޭ ކަޕް ސެމީ ފައިނަލުން ޖާގަ ލިބުމުން އުފާވާކަމަށާއި މިއީ ސިޓީ އަށް މި ސީޒަނުގައިވާނެ ގޮތެއް އެނގޭނެ ހަފްތާ ކަމަށެވެ.

"މިއީ އަހަރެމެންގެ ސީޒަނާ އެންމެ ބޮޑަށް ގުޅިފައިވާ ހަފްތާ. ޗެމްޕިއަންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ލީގުގައި މި ނުކުންނަން ޖެހެނީ ލިވަޕޫލާ ދެކޮޅަށް މިއީ ކުރިއަށްދާން ބަލާއިރު ވަރަށް މުހިއްމު ދެ މެޗު،" ގާޑިއޯލާ ބުންޏެވެ.

ފާއިތުވި މެޗުތަކުގައި ނަތީޖާތަށް ދަށް ވުމުގެ ސަބަބުން އާސެނަލް ރޭގެ މެޗަށް ލިންކޮންއާ ދެކޮޅަށް ނުކުތީ ހުރިހާ ކަމެއް ރަނގަޅު ކުރުމަށެވެ.

ރޭގެ މެޗުގައި އާސެނަލާ ދެކޮޅަށް މެޗުގެ ފުރަތަމަ ހާފްގައި ލިންކޮން އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އާސެނަލަށް ލިންކޮން ކޮޅަށް ފުރަތަމަ ލަނޑު ޖެހުނީ މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ. މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި އެ ޓީމުން ޖެހި 1200 ވަނަ ލަނޑެވެ.

ފަހު ހާފްގައި އާސެނަލްގެ އަނެއް ހަތަރު ލަނޑު ކާމިޔާބުކުރީ އޮލިވިއޭ ޖިރޯ އާއި އަލެކްސިސް ސަންޗޭޒް އަދި އާރޮން ރަމްސޭ އެވެ. ދެން ޖެހި ލަނޑަކީ ލިންކޮންގެ ލޫކް ވޯޓާފޯލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗަށް ފަހު ވެންގާ ބުނީ މި ނަތީޖާއިން އާސެނަލް ކުޅުންތެރިންގެ މެދުގައި ގެއްލިފައިވާ އިތުބާރު ހޯދުމަށް ފަސޭހަތަކެއް ވެއްޖެ ކަމަށެވެ.

"އަހަރެމެންގެ ކޮންފިޑެންސްގެ މައްސަލަ މިދިޔަ މެޗުތަކުގައި ވަރަށް ބޮޑަށް ދިމާވި. މި މެޗުގެ ނަތީޖާ އިން އެކަމަށް ކުޑަނަމަވެސް ހައްލެއް ލިބިގެންދާނެ ކަމުގެ އުއްމީދު އެބައޮތް،" ވެންގާ ބުންޏެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ އަނެއް ދެ ޖާގަ ލިބޭނީ ޓޮޓެންހަމް ހޮޓްސްޕާސް އާއި މިލްވޯލް ކުޅޭ މެޗާއި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.