Roadha Mihaaru

ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ލަންޑަން (މެއި 18) - ފައިނަލުގައި 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި އެވެ.

ސިޓީ ބަލިކޮށް ޕެލަސް އިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ލަންޑަން (މެއި 18) - ފައިނަލުގައި 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ޕެލަސްގެ ހަމައެކަނި ގޯލު 16 ވަނަ މިނިޓުގައި ޖަހައިދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެބެރޭޗީ އެޒީ އެވެ. މި ސީޒަނުގައި ޕެލަސް އިން އެފްއޭ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވެސް ކާމިޔާބު ކުރި ހަމައެކަނި ގޯލު ޖެހި އެޒީ ވަނީ، ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގައި ވެސް ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ޕެލަސްގެ ތައިރިކް މިޓްޗެލް، ބެނާޑޯ ސިލްވާ އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރުން ވަނީ ސިޓީ އަށް ޕެނަލްޓީއެއް ވެސް ދީފަ އެވެ. ކެވިން ޑިބްރޭނާ އާއި އާލިން ހާލަންޑް ވެސް ދަނޑުމަތީ ހުއްޓައި، އޮމަރު މަރުމޫޝް ފޮނުވާލި ޕެނަލްޓީ ޕެލަސްގެ ކީޕަރު ޑީން ހެންޑސަން ދިފާއު ކުރި އެވެ. އަދި ރީބައުންސް ވި ވަގުތު ހާލަންޑް އެ ބޯޅަ ފޮނުވާލުމުން ވެސް ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ޕެލަސްގެ ޑެނިއެލް މުނޯޒް ވެސް ގޯލެއް ޖެހި އެވެ. ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ސްޓެވާޓް އަޓްވެލް ވަނީ އޮފްސައިޑް ވެގެން އެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މިއީ ޕެލަސް އެފްއޭ ކަޕްގެ ފައިނަލް ކުޅުނު ތިން ވަނަ ފަހަރެވެ. އެނެމް ފުރަތަމަ ފަހަރަށް 1990 ވަނަ އަހަރުގެ ފައިނަލް ކުޅުމަށް ފަހު ދެން ކުޅުނީ 2016 ވަނަ އަހަރެވެ. ދެ ފަހަރު ވެސް ބަލިވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ޕެޕް ގާޑިއޯލާގެ ސިޓީ ބަލިކޮށް، އޮލިވާ ގްލެންޒާގެ އިރުޝާދުގެ ދަށުން ޕެލަސް މި ވަނީ އެޓީމުގެ 119 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް މޭޖާ ޓްރޮފީއެއް ހޯދައިފަ އެވެ.

ހަތް ފަހަރު އެފްއޭ ކަޕް އުފުލާލައިފައިވާ ސިޓީ ވަނީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލްގައި ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.