Roadha Mihaaru

ވިދިވިދިގެން ތިން މެޗުގައި ވެސް ޕެނަލްޓީން މޮޅުވެ ފޮރެސްޓް ސެމީ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕްގައި ވިދިވިދިގެން ތިންވަނަ ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ނޮޓްނަމް ފޮރެސްޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ތިން މެޗުގައި ވެސް ޕެނަލްޓީން މޮޅުވެ ފޮރެސްޓް ސެމީއަށް

އިނގިރޭސި އެފްއޭ ކަޕްގައި ވިދިވިދިގެން ތިންވަނަ ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ނޮޓްނަމް ފޮރެސްޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ފޮރެސްޓާއި ބްރައިޓަން ބައްދަލުކުރި ކުއާޓާ ފައިނަލްގައި ލަނޑެއް ނުޖެހި 120 މިނިޓުގެ ކުޅުން ނުމުނު އިރު ޕެނަލްޓީ ޝޫޓައުޓްގައި ފޮރެސްޓް މޮޅުވީ 4-3 އިންނެވެ. ފޮރެސްޓްގެ އެއް ޕެނަލްޓީ ގޯލާ އަމާޒު ނުވި އެވެ. ނަމަވެސް އެޓީމުގެ ބެލްޖިއަމް ކީޕަރު މެޓްޒް ސެލްސް ވަނީ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ފޮރެސްޓް ދަތުރު ކުރީ ކުރިން ކުޅުނު ދެ މެޗުގައި ވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ކާމިޔާބު ހޯދައިގެންނެވެ. އެއީ އެކްސެޓާ ސިޓީ އާއި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު ދެ މެޗެވެ.

ފޮރެސްޓް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް 34 އަހަރުތެރޭ ފުރަތަމަ ފަހަރަށް ދަތުރު ކުރި އިރު، އިނގިރޭސި ލީގުގައި އެ ޓީމު އޮތީ ތާވަލްގެ ތިންވަނައިގަ އެވެ. ލީގް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވީ، މުބާރާތް ކާމިޔާބު ކުރި ނިއުކާސަލް ޔުނައިޓެޑް އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

އެންމެ ފަހުން 1959 ވަނަ އަހަރު ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރި ފޮރެސްޓް ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރީ 1991 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލްގައި ކުޅެ ބަލިވީ އެވެ.

ކުއާޓާގައި ރޭ ކްރިސްޓަލް ޕެލަސް ވަނީ 3-0 އިން ފުލަމް ބަލިކޮށްފަ އެވެ. އެބެރޭޗީ އެޒީ އާއި އިސްމާއިލާ ސާގެ ގޯލުތަކުން ފުރަތަމަ ހާފު ލީޑު ކުރި އިރު ފަހު ހާފުގައި ލަނޑު ޖަހައިދިނީ އެޑީ އެންކޭޓިއާ އެވެ.

ޕެލަސް ވަނީ 2022 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީ އަތުން ބަލިވެފަ އެވެ. އޭގެ ކުރިން ވަނީ 2016 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފަ އެވެ. ހޯޒޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑުން އެ މެޗުގައި ފޮރެސްޓް ބަލިކުރީ އިތުރު ވަގުތު ކުޅެގެންނެވެ.

ފޮރެސްޓާއި ޕެލަސް ވެސް ސެމީ ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ކުއާޓާގެ ބާކީ ދެ މެޗަށް ފަހު އެވެ. އެސްޓަން ވިލާ އާއި ޕްރެސްޓަން ނޯތު އެންޑް ބައްދަލު ކުރާއިރު މެންޗެސްޓާ ސިޓީ ނުކުންނާނީ ބޯންމަތާ ދެކޮޅަށެވެ.