Roadha Mihaaru
ހައްގު ހަނިކޮށްފައި އޮތީ މަޖިލީހުން ޒިންމާ އަދާނުކުރާތީ

އެއްވެ އުޅުމުގެ ހައްގު ހަނި ކޮށްފައި އޮތީ މަޖިލީހުން ޒިންމާ އަދާ ނުކުރާތީ: އެމްއާރުއެމް

17 ޖުލައި 2020

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތްއޮތުން އުވައިލުމުގައި ރަައްޔިތުންގެ މަޖިލީހުން ޒިންމާ އަދާނުކުރާ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި އޮތްއޮތުން އުވައިލުމުގައި ރަައްޔިތުންގެ މަޖިލީހުން ޒިންމާ އަދާނުކުރާ ކަމަށް މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

އެއްވެ އުޅުމުގެ ގާނޫނު އޮތްގޮތުން މާލޭގައި ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތަށް އެ މިނިސްޓްރީން އެންގިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، މާލޭގައި ހުއްދަ ނުހޯދައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އެ އިސްލާހު އުވައިލަން މަޖިލީހަށް ބިލެއް ހުށަހެޅިޔަސް، އެ ބިލުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. ހުއްދަ ނުހޯދައި މުޒާހަރާ އާއި އެއްވުންތައް ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން، މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން، ވެރިކަމާއި ބާރު ލިބުމުން އެއްވެސް މަސައްކަތެއް ނުކުރާތީ އެތައް ބަޔަކު އަންނަނީ ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ.

އެމްއާރުއެމުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، އެއްވެ އުޅުމުގެ ހައްގު ހަނިކުރުމާ ދެކޮޅަށް އެ ޕާޓީން އަބަދުވެސް ވަކާލާތުކުރި ކަމަށާއި އެ ހައްގު ހަނިކުރުން އުވައިލަން ސަރުކާރު ކޯލިޝަނުން ވެސް ކުރިން އެއްބަސްވެފައިވާނެ ކަމަށެވެ. އެކަމަކު ހޯމް މިނިސްޓްރީން ނެރުނު އިއުލާނުން ފެނުނީ، އެ ހައްގު ހަނި ކުރެވޭ މަންޒަރު ކަމަށާއި ސަބަބަކީ މަޖިލީހުގެ ޒިންމާ ފުރިހަމަ އަށް އަދާ ނުކުރުން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހު ކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެ ޒިންމާ އަދާ ނުކުރާތީ،" އެމްއާރުއެމުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން ރައްޔިތުންނަށް ބާރު ލިބުނު ކަމަށް ވާނީ ރައްޔިތުންނާ ގުޅުން ހުރި ގާނޫނުތައް ބަދަލު ކުރެވި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެވުމުންނެވެ. އެހެންވެ، ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހު ކުރަން އެމްއާރުއެމުން ގޮވައިލި އެވެ.

ކުރިން ހުއްދަ ހޯދައިގެން ނޫން ގޮތަކަށް އެއްވުމާއި މުޒާހަރާ ނުކުރެވޭ ގޮތަށް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ކުރުމުން، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އޭރު އެއާ ދެކޮޅަށް އަޑު އުފުލައި، އެ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެ އިހުތިޖާޖު ވެސް ކުރި އެވެ. ނަމަވެސް ވެރިކަން ލިބުމުން އެ ގާނޫނު އިސްލާހު ކުރުން މަތިން ވަނީ ހަނދާން ނައްތާލައިފަ އެވެ.