Roadha Mihaaru
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި

ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާ އެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި

20 ޖުލައި 2020

ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ އެކު، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ އެކު، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލަށް، ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް އެ ޕާޓީން އަންނަނީ މައްސަލަ ބަލަމުންނެވެ.

"އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކާ އެކު މި ޕާޓީން ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ. ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ،" ފަޒީލްގެ ނަން ހާމަ ނުކޮށް އެމްއާރުއެމްގެ ޓްވީޓުގައި ވެ އެވެ.

ފަޒީލް ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ބަލައި ނިމެންދެން މަސައްކަތުން އެކަހެރިކުރުމަށް އެމްއާރުއެމް އިން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައި ވަނިކޮށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތައް ކޮށް ފާޅުގައި ވާހަކަ ދެއްކުން މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.