Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

18 ޖުލައި 2020

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޫޓްކޭސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޫޓްކޭސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. "ލޫޓްކޭސް" ގެ ކާސްޓުންނަކީ ފެބްރުއަރީގައި ރިލީޒްކުރި "މަލަންގް" ގެ ކާސްޓްގައި ވެސް ހިމެނޭ ކުނާލް ކޭމޫ އާއި ރާސިކާ ޑުއްގަލް އާއި ގަޖްރާޖް ރާއޯ އާއި ވިޖޭ ރާޒާއި ރަންވީރު ޝޯރޭ އާއި ޝަޝީ ރަންޖަނެވެ.

މި ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ދާދި ފަހުން އިއުލާންކުރި އަށް ފިލްމުގެ ތެރެއިން ބެލުންތެރިންނަށް ގެނެސްދޭ ފިލްމެކެވެ.

އެ ޕްލެޓްފޯމުން ފުރަތަމަ ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" އެވެ. އެއީ މި މަހުގެ 24 ގަ އެވެ.

"ދިލް ބޭޗާރާ" ގެ އާ ލަވައެއް

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ އިތުރު ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ ފިލްމުގެ ޓައިޓްލް ލަވަ މިދިޔަ ހަފުތާގައި ދައްކައިލުމަށް ފަހު، މި ފަހަރު އާންމުންނަށް ދޫކޮށްލި ލަވަ އަކީ "ތާރޭ ގިން" އެވެ. އޭއާރް ރަހްމާންގެ މިއުޒިކް ހިމެނޭ މި ފިލްމުގެ މި ލަވަ ކިޔާފައި ވަނީ މޯހިތު ޗޯހަނާއި ޝްރެޔާ ގޯޝަލެވެ. ލަވައިގެ ޅެން ހެދީ އަމީތާބް ބަޓަޗަރިއާ އެވެ.

މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ "ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެކެވެ.

"ޕަރީކްޝާ" ޒީ5 އަށް

"ރާޖްނީތީ" އާއި "ގަންގާޖަލް" އަދި "ދިލް ކިޔާ ކަރޭ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ޕްރަކާޝް ޖާގެ އާ ފިލްމު "ޕަރީކްޝާ: ދަ ފައިނަލް ޓެސްޓް" އަންނަ މަހުގެ 6 ގައި ޒީ5 އިން ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ މި ފިލްމަކީ އިންޑިއާގައި ޒަމާނުއްސުރެ އޮންނަ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ހަގީގީ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ޕަރިކްޝާ" ގެ ކާސްޓުންގެ ތެރޭގައި އާދިލް ހުސައިނާއި ސަންޖޭ ސޫރީ އާއި ޝުބަމް ޖާ ހިމެނެ އެވެ.

ޕްރިންސާއި ޔޫވިކާގެ ލަވައެއް

އެމްްޓީވީގެ ރޯޑީޒްގެ މެންޓޯއިންގެ ތެރޭގައި ހިމެނޭ ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން އަދި ބަތަލާ ޔޫވިކާ ޗައުދަރީ ކުޅެފައިވާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.

"ޝިކާޔަތު" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ވެދު ޝަރުމާ އެވެ. އަދި ލަވައިގެ ޅެން ހެދީ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގްގެ ފިރިމީހާ ހާޝް ލިމްބާޗިއާ އެވެ.

"ބިގް ބޮސް" ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކާމިޔާބުކޮށްފައިވާ ޕްރިންސް އާއި ޝާހްރުކް ޚާންގެ "އޯން ޝާންތީ އޯމް" ގެ ރޯލެއް ކުޅެފައިވާ ޔޫވިކާ ކައިވެނިކުރީ 2018 ގަ އެވެ.