Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 މާޗް 2021

ޝޫޓިން ފަށާފައިވާ ޑައިރެކްޓަރު އޯމް ރައުތުގެ އާ ފިލްމު "އަދިޕުރުޝް" އަށް ބަތަލާ ކްރިތީ ސެނަން އާއި ސަނީ ސިންގް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ފަށާފައިވާ ޑައިރެކްޓަރު އޯމް ރައުތުގެ އާ ފިލްމު "އަދިޕުރުޝް" އަށް ބަތަލާ ކްރިތީ ސެނަން އާއި ސަނީ ސިންގް ސޮއިކޮށްފި އެވެ.

މި ފިލްމަކީ "ބާހްބަލީ" ކުޅުނު ޕްރަބާސް ލީޑް ރޯލް ކުޅޭ އަދި ސައިފް އަލީ ޚާން ވިލަންއެއްގެ ރޯލު ކުޅޭ ވަރަށް ވަރުގަދަ ބޮޑު ފިލްމެކެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "އަދިޕުރުޝް" އަށް ކްރިތީ ސޮއިކޮށްފައި ވަނީ ފިލްމުގެ ބަތަލާއަކަށް އޭނާ ގެންނަން އުޅޭ ކަމަށް މިދިޔަ އަހަރުން ފެށިގެން ވާހަކަ ދެކެވެމުން ދަނިކޮށެވެ. ކުރިން އަޑުތައް އެރި ގޮތުން ބަތަލާ އަނުޝްކާ ޝަރުމާ ފިލްމުގެ ބަތަލާއަކަށް ގެންނަން ވެސް މަސައްކަތްކުރި އެވެ.

ކްރިތީ "އަދިޕުރުޝް" އަށް ސޮއިކުރި އިރު މަޝްހޫރު ތެލެގޫ ބަތަލާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ކީރްތީ ސުރޭޝް އަށް ފިލްމު ހުށަހެޅިކަމުގެ ވާހަކަތަކެއް ވެސް މިދިޔަ ހަފުތާގައި ދެކެވިފައިވެ އެވެ.

ކްރިތީ "އަދިޕުރުޝް" އަށް ސޮއިކުރީ އަކްޝޭ ކުމާރާ އެކު ކުޅޭ "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ނިންމާލާފައި ވަނިކޮށެވެ. ޒުވާން ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިން ކުރިއަށްދާ "ބޭޅިޔާ" އާއި "ހަމް ދޯ ހަމާރޭ ދޯ" އަދި "މިމީ" ހިމެނެ އެވެ.

ސަނީ އަކީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަދި "ޕިޔާރު ކާ ޕަންޗްނާމާ" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރެވެ.

"އަދިޕުރުޝް" އަކީ އަންނަ އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ.

"99 ސޯންގްސް" އަންނަ މަހުގެ 16 ގައި

މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން ޕްރޮޑިއުސްކޮށްފައިވާ ފިލްމު "99 ސޯންގްސް" ސިނަމާތަކަށް ގެންނަން 2018 އިން ފެށިގެން ވާހަކަ ދެކެވެމުން ދަނިކޮށް އެންމެ ފަހުން ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އާ ތަރިންތަކެއް ހިމަނައިގެން ހަދާފައިވާ ރޮމޭންޓިކް މިއުޒިކަލް ރިލީޒްކުރާނީ އަންނަ މަހުގެ 16 ގަ އެވެ. "99 ސޯންގްސް" އަލޯ ވިޝްވޭޝް ކްރިޝްނަމުރްތީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ލީޑް ރޯލު ކުޅެފައި ވަނީ އެހާން ބަޓާއި އެޑިލްސީ ވަރްގަސް އެވެ.

"99 ސޯންގްސް" އަކީ ރަހުމާންގެ ވާހަކައަކަށް ވިޝްވޭޝް ލިޔުނު ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި އަދިތިޔާ ސީލް އާއި ލީޒާ ރޭ އަދި މަނީޝާ ކޮއިރަލާ ވެސް ހިމެނެ އެވެ.

"ޗެހެރޭ" އަވަސްކޮށްފި

ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ޑައިރެކްޓަރު ރޫމީ ޖެފްރީގެ ފިލްމު "ޗެހެރޭ" ރިލީޒްކުރާ ތާރީހު އަވަސްކޮށްފި އެވެ.

އަންނަ މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 9 ގަ އެވެ. އެއާ އެކު ވަނީ ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.

މިސްޓްރީ ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޗެހެރޭ" ގެ ތަރިންނަކީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ އާއި ރިއާ ޗަކްރަބަތީ އާއި ބޮލީވުޑަށް އަލަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ އެވެ.

"ތޫފާން" ގެ ޓީޒާ ދައްކާލައިފި

މެއި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ތޫފާން" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮކްސިންތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މިއީ 2013 ގެ "ބާގް މިލްކާ ބާގް" އަށް ފަހު މެހެރާ އާއި އެކްޓަރު ފަރުހާން އަޚްތަރު އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތޫފާން" ގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ،