Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 ޖެނުއަރީ 2020

އަމީތާބް ބައްޗަންގެ ކުޅިވަރު ފިލްމު "ޖުންދު" އަންނަ މެއި މަހުގެ 8 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާބް ބައްޗަންގެ ކުޅިވަރު ފިލްމު "ޖުންދު" އަންނަ މެއި މަހުގެ 8 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި 2018 ގެ "ދަޅަކް" ގެ ވާހަކަ ބިނާކުރި މަރާޓީ ފިލްމު "ސައިތާރު" ގެ ޑައިރެކްޓަރު ނާގްރާޖް މަންޖުލޭ އެވެ.

"ޖުންދް" އަކީ އިންޑިއާގެ ސްލަމް ސޮކާސްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އޭނާއަކީ ނާގްޕޫރްގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއް ނަގައިގެން ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވައިލި މީހެކެވެ.

އަޖޭ "އާރްއާރްއާރް" ގެ ކްރޫއާ ގުޅިއްޖެ

"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އާ ފިލްމު "އާރްއާރްއާރް" ގެ ރޯލަކަށް ސޮއިކޮށްފައިވާ އަޖޭ ދޭވްގަން އެ ފިލްމުގެ ކާސްޓާއި ކްރޫއާ ގުޅިއްޖެ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދެކުނުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި އާލިއާ ބަޓް ހިމެނެ އެވެ.

ނަވާރަ ސަތޭކަ ވިހި ވަނަ އަހަރުގައި ހިނގާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭ "އާރްއާރްއާރް" ގައި އަޖޭ ފެނިގެން ދާނީ އެކްސްޓެންޑް ކެމިއޯއަކުންނެވެ.

ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (56 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖުލައި 30 ގަ އެވެ.

"ޗެހެރޭ" އަށް އާ ތާރީހެއް

އިމްރާން ހާޝިމީ އާއި އަމީތާބް ބައްޗަން މުހިއްމު ރޯލްތަކުން ފެނިގެންދާ ތުރިލާ "ޗެހެރޭ" އަންނަ ޖުލައި މަހަށް ފަސްކޮށްފި އެވެ.

ކުރިން އަންނަ އެޕްރީލް މަހުގެ 24 އަށް ތާވަލުކުރި ފިލްމު، މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި 17 ގަ އެވެ.

ރޫމީ ޖެފްރީ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ރިއާ ޗަކްރަބަތީ އާއި އައްނޫ ކަޕޫރާއި ސިދާންތު ކަޕޫރްގެ އިތުރުން ބޮލީވުޑަށް އަލަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ހިމެނެ އެވެ.

"ޖަވާނި ޖާނެމަން" ގެ އާ ޕޯސްޓަރެއް

މި މަހުގެ 31 ގައި ރިލީޒްކުރާ ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "މަތަނުވެގެން" އުޅޭ ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ޖަވާނި ޖާނެމަން" ގައި ސައިފްގެ ދަރިއެއްގެ ރޯލް ކުޅުނީ އަލަށް ތައާރަފުކުރާ އަލައިއާ ފަރްނީޗަރުވާލާ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ޗަންކީ ޕާންޑޭ އާއި ކުބްރާ ސައިތު ވެސް ހިމެނެ އެވެ.