Roadha Mihaaru
އަހަރުގެ ބޮޑު ފިލްމަށް އާ ދެ ތާރީހެއް

އަހަރުގެ ބޮޑު ފިލްމު "އާރްއާރްއާރް" އަށް އާ ދެ ތާރީހެއް

22 ޖެނުއަރީ 2022

މި އަހަރުގެ އިންޑިއާގެ ސިނަމާތަކަށް ގެންނަން އޮތް އެންމެ ބޮޑު އަދި ވަރުގަދަ ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށް އާ ދެ ތާރީހެއް ކަނޑައަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އިންޑިއާގެ ސިނަމާތަކަށް ގެންނަން އޮތް އެންމެ ބޮޑު އަދި ވަރުގަދަ ފިލްމު ކަމަށްވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަށް އާ ދެ ތާރީހެއް ކަނޑައަޅައިފި އެވެ.

މި މަހުގެ 7 ގައި ފިލްމު ރިލީޒްކުރަން އޮއްވައި އެންމެ ފަހު ވަގުތު ފަސްކުރަން ޖެހުނީ ކޮވިޑްގެ ހާލަތު އިންޑިއާގެ ބައެއް ހިސާބުތަކުގައި ގޯސްވެ، ބައެއް ސަރަހައްދުތަކުގެ ސިނަމާތައް ވެސް ބަންދުކުރަން ޖެހުމުންނެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ "އާރްއާރްއާރް" އަށް މިހާރު އާ ދެ ތާރީހެއް ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށް ބުނީ މިހާރު އަމާޒަކީ މާޗް 18 ނުވަތަ އެޕްރީލް 28 ގައި ފިލްމު ސިނަމާތަކަށް ގެނައުން ކަމަށެވެ. މި ތާރީހުތަކަށް ބަލާއިރު ފާހަގަކޮށްލެވޭ ކަމަކީ މާޗް 18 އަށް އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" ވެސް ތާވަލުކޮށްފައި އޮތް ކަމެވެ. އެކަން އެ ފިލްމުގެ ޓީމުން އިއުލާންކުރީ މި މަހުގެ 18 ގަ އެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ "އާރްއާރްއާރް" އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހުބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އިންޑިއާ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރުގެ ތެރެއިން 1920 ގެ ހާދިސާތަކެއް ފެނިގެންދާނެ ފިލްމުގެ ލީޑް ބަތަލުންނަކީ ދެކުނުގެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.

މީގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ. "އާރްއާރްއާރް" ރިލީޒްކުރާނީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުންނެވެ.