Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 އޯގަސްޓް 2021

ހުކުރު ދުވަހު ރިލީޒްކުރި، އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޓީމާ އެކު އޭނާ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުކުރު ދުވަހު ރިލީޒްކުރި، އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޓީމާ އެކު އޭނާ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އެ ފިލްމު ޕްރޮޑިއުސްކުރި ޕޫޖާ އެންޓަޓައިންމަންޓުން ހަދައި "ބެލް ބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ހުކުރު ދުވަހު އިނގިރޭސިވިލާތުގައި ފެށި އިރު، މީގެ ވަގުތީ ނަމަކަށް ހަމަޖައްސާފައި ވަނީ "ސިންޑްރެއްލާ" އެވެ.

ފިލްމުގެ ކާސްޓްގައި ޗަންދުރަޗޫރް ސިންގް އާއި ޓީވީ ބަތަލާ އަދި ޕަންޖާބީ ފިލްމު ކުޅޭ ސަރުގުން މެހެތާ ވެސް ހިމެނެ އެވެ. އޭނާ އަކީ ޒިޓީވީގެ "ޖަމާއީ ރާޖާ" ކުޅުނު މަޝްހޫރު ޓީވީ އެކްޓަރު ރަވީ ޑޫބޭގެ އަންހެނުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސިންޑްރެއްލާ" ގެ ބަތަލާ އަކީ ރަކުލް ޕްރީތު ސިންގް އެވެ.

މި ފިލްމަކީ 2019 ގައި ރިލީޒްކުރި ތެލެގޫ ސައިކޮލޮޖިކަލް ތުރިލާ "ރަކްޝަސުޑޫ" ގެ ރިމޭކެކެވެ.

"އާރްއާރްއާރް" އޮކްޓޯބަރުގައި ރިލީޒް ނުކޮށްފާނެ

އަންނަ އޮކްޓޯބަރު މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު "އާރްއާރްއާރް" އެ ތާރީހުގައި ރިލީޒް ނުކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު އަދިވެސް އޮތް ގޮތުން ފިލްމުގެ ޑިސްޓްރިބިއުޓަރުން އެދިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދަށް ފިލްމު ފަސްކުރަން ކަމަށެވެ. އެހެންވެ އެކަމާ ދޭތެރޭ ރާޖަމޯލީ ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ބުންޏެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ "އާރްއާރްއާރް" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ ފިލްމެކެވެ. މިއީ "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ހެދި ފުރަތަމަ ފިލްމެވެ. އާ ފިލްމުގެ ކާސްޓުންނަކީ ރާމް ޗަރަން، އެންޓީއާރް ޖޫނިއާ، އާލިއާ ބަޓް، އަޖޭ ދޭވްގަން އަދި ޝްރިޔާ ސަރަން އެވެ.

ސްރޭހާގެ ފަހު ފިލްމު ޒީ5 އަށް

ދާދި ފަހުން މަރުވި ބޮލީވުޑްގެ ބަތަލާ ސްރޭހާ ސިކްރީ، 75، ގެ ފަހު ފިލްމު "ކިޔާ މޭރީ ސޯނަމް ގުޕްތާ ބޭވަފާ ހޭ" ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ ކަންގަނާ ރަނާވަތުގެ މިދިޔަ އަހަރުގެ ފިލްމު "ޕަންގާ" ގެ ބަތަލު ޖައްސީ ގިލް އާއި "ގުބޫލް ހޭ" ފަދަ ސިލްސިލާތައް ކުޅުނު ސުރުބީ ޖޯތީ އެވެ.

"ކިޔާ މޭރީ ސޯނަމް ގުޕްތާ ބޭވަފާ ހޭ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒް، ބިޖެންދުރަ ކާލާ އަދި އަތުލް ޝްރިވަސްތާވް ހިމެނެ އެވެ.

މި ފިލްމު ޒީ5 އިން ސްޓްރީމްކުރާނީ އަންނަ މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"ގަނަޕަތު" އަށް ތާރީހެއް

އަންނަަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ޓައިގާ ޝްރޮފްގެ ފިލްމު "ގަނަޕަތު" ގެ ފުރަތަމަ ބައި އަންނަ އަހަރުގެ ޑިސެމްބަރު 23 ގައި ރިލީޒްކުރަން ތާވަލުކޮށް، އޭގެ އާ މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިމްމަކީ 2019 ގެ "ސުޕަ 30" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ދެ ބަޔަކަށް ހަދާ ފިލްމުގެ ފުރަތަމަ ބައެވެ. "ގަނަޕަތު" ގެ ބަތަލާ އަކީ ޓައިގާ ބޮލީވުޑަށް ނުކުތް ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ.

"ގަނަޕަތު" އަކީ ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް ޓައިގާ ކުޅޭ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު "ބާގީ 3" ކުޅުނު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 3 އަށް ތާވަލުކޮށްފައި އޮތް "ހީރޯޕަންތީ 2" އެވެ.