Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

10 ޑިސެމްބަރ 2018

"ޕެޑްމޭން" އާއި "ރުސްތުމް" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ހަތާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ކްރިއާޖް އެންޓަޓައިންމަންޓަކީ އަބަދުވެސް ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ކުންފުންޏެކެވެ. އެ ސްޓޫޑިއޯއާ ގުޅިގެން ފިލްމު ހަދާ މީހުންނަށް މައްސަލަތަކެއް ކުރިމަތި ނުވާ ފަހަރެއް ނާދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޕެޑްމޭން" އާއި "ރުސްތުމް" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ހަތާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ކްރިއާޖް އެންޓަޓައިންމަންޓަކީ އަބަދުވެސް ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ކުންފުންޏެކެވެ. އެ ސްޓޫޑިއޯއާ ގުޅިގެން ފިލްމު ހަދާ މީހުންނަށް މައްސަލަތަކެއް ކުރިމަތި ނުވާ ފަހަރެއް ނާދެ އެވެ.

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ސާރާ އަލީ ހާންގެ "ކެދަރުނާތު" އާއި މި އަހަރުގެ މެއިގައި ރިލީޒް ކުރި ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެ މައްސަލާގައި ޖޯން އާއި އަބީޝެކް ވަނީ ކްރިއާޖާ އޮތް ގުޅުން އެއްކޮށް ކަނޑާލައިފަ އެވެ. އެ ކުންފުނީގެ އެންމެ ބޮޑު މައްސަލައަކީ އެއްބަސްވާ ގޮތަށް ފައިސާގެ ކަންކަން ނުނިންމައި މަކަރު ހެދުމެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި، ކްރިއާޖް ހިންގުމާ ހަވާލުވެ ހުރި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ހީިލަތުގެ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާތީ މުމްބާއީގެ ފުލުހުންގެ ކްރައިމް ބްރާންޗްގެ އިކޮނޮމިކް އޮފެންސް ވިންގުން ޕްރޭނާ ހައްޔަރު ކުރީ ހޮނިހިރު ދުވަހު އެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ކްރިއާޖުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އޮގަސްޓްގައި ރިލީޒް ކުރި އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރުގެ "ފަނޭ ހާން" އެވެ. އެ ސްޓޫޑިއޯ އިން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކުރީގެ ދެ ފިލްމެއް ކަމަށްވާ "ވޯ ކޯންތީ" އާއި "ރާތު އޯރު ދިން" ގެ ރީމެކް ހިމެނެ އެވެ.

ޖާންވީ އަށް ހާއްސަ އެވޯޑެއް

މި އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ ޖާންވީ ކަޕޫރަށް ނޯވޭ އިން ހާއްސަ އެވޯޑެއް ދޭ ގޮތަށް ނިންމައިފި އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅަށް ދޭ އެވޯޑް ހަވާލު ކުރުން އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު މުމްބާއީގައި ބާއްވާ ނޯވޭގެ ސިނަމާ އަށް ހާއްސަ އިވެންޓެއްގަ އެވެ. އެ އިވެންޓްގައި ޖާންވީ އަށް ރޯޔަލް ނޯވީޖިއަން ކޮންސިއުލޭޓް ޖެނެރެލް އިން ދޭ އެވޯޑަކީ އަރަމުން އަންނަ އުންމީދީ ތަރިއަކަށް ދޭ އެވޯޑެވެ.

ޖާންވީ: އޭނާ ފުރަތަމަ ފިލްމަކީ

އެ ހަފުލާގައި މި އަހަރު ނޯވޭ އިން އޮސްކާގެ ފޮރިިން ލެންގުއޭޖް ފިލްމު ކެޓަގަރީ އަށް ހުށަހެޅި "ވަޓް ވިލް ޕީޕަލް ސޭ" އާއި 2016 ގެ އޮސްކާގެ ހަމަ އެ ކެޓަގަރީ އަށް އެ ގައުމުން ހުށަހެޅި ބައޮގްރިފިކަލް ޑްރާމާ "ދަ ކިންގްސް ޗޮއިސް" ދައްކަން ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓްގައި ނޯވޭ ސިނަމާގެ ނުފޫޒު ގަދަ ބައެއް ފަންނާނުން ބައިވެރިވާނެ އެވެ. ނޯވޭގެ އަމާޒަކީ އިންޑިއާއާ ގުޅިގެން އެ ގައުމުގެ ސިނަމާ އިންޑިއާގައި ޕްރޮމޯޓްކޮށް، ފިލްމީ މަސައްކަތުގެ ތަޖުރިބާ އެއް ގައުމުން އަނެއް ގައުމާ ހިއްސާ ކުރުމެވެ.

"ބުރައްމަސްތުރާ" ގެ ޝޫޓިން ވެސް ނިމުމަކަށް

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އާލިއާ ވަނީ ފިލްމުގެ ޝޫޓިން ނިންމައިލިކަން، އިންސްޓަގްރާމްގައި ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު، ހިއްސާކޮށްފަ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ގެ ވަރަށް ބޮޑު ބައި ކުރިން ވަނީ ބަލްގޭރިއާގައި ޝޫޓްކޮށްފަ އެވެ.

އާލިއާ ޑައިރެކްޓަރު އަޔާންއާ އެކު.

ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، އިންޑިއާގެ ދެކުނުގެ ސުޕަސްޓާ ނާގުރްޖުނާ އަކިނޭނީ އަދި މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި ހިމެނެ އެވެ.

"ބުރައްމަސްތުރާ" އަކީ 2013 ގައި ރިލީޒް ކުރި ލޯބީގެ ފިލްމު "ޔެ ޖަވާނީ ހެ ދީވާނީ" އަށް ފަހު އަޔާން ހަދާ ފުރަތަމަ ފިލްމެވެ.

"ދޭ ދޭ ޕިޔާރު ދޭ" އަވަސްކޮށްފި

ކުރިން މިދިޔަ އޮކްޓޯބަރު މަހު ރިލީޒް ކުރާ ގޮތަށް ހަމަޖެއްސި އަޖޭ ދޭވްގަންގެ ލޯބީގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އަންނަ އަހަރުގެ އެޕްރީލް 26 ގައި ރިލީޒް ކުރާ ގޮތަށް ނިންމުމަށް ފަހު، އަނެއްކާވެސް އެ ތާރީހަށް ބަދަލު ގެނެސްފި އެވެ.

ޓީ ސީރީޒްގެ ޓްވީޓެއް.

މި ފަހަރު ގެނައި ބަދަލާ އެކު، ފިލްމު ރިލީޒް ކުރާ ތާރީހު މި ވަނީ އަވަސްވެފަ އެވެ. މިހާރު ހަމަޖައްސާފައި ވަނީ މާޗް 15 ގައި ފިލްމު ރިލީޒް ކުރާށެވެ.

ވަރަށް ޒަމާނީ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ދޭ ދޭ ޕިޔާރު ދޭ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި ލަވް ފިލްމްސް އާއި ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. ތައްބޫ އާއި ރަކުލް ޕްރީތު ސިންގް ބަތަލާއިންގެ ރޯލް ކުޅެފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އާކިވް އަލީ އެވެ.

ކަރަންއާ އެކު "ބާހޫބަލީ" ގެ ޓީމް

ސްޓާ ވޯލްޑުން ގެނެސްދޭ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގެ އެޕިސޯޑަކުން "ބާހޫބަލީ" ގެ ޓީމް ވެސް ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ސްޓާ ވޯލްޑްގެ ޓްވީޓެއް.

ކަރަން އާއި ސްޓާ ވޯލްޑުން މިހާރު ވަނީ "ބާހޫބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އާއި ފިލްމުގެ ދެ އެކްޓަރުން ކަމަށްވާ ޕްރަބާސް އާއި ރާނާ ދަގޫބަތީ ބައިވެރިވާ އެޕިސޯޑްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.

މި އެޕިސޯޑްވެގެން ދާނީ ޔަގީނުން ވެސް ވަރަށް ޝައުގުވެރި އެޕިސޯޑަކަށެވެ. ކަރަންއަކީ "ބާހޫބަލީ" ގެ ހިންދީ ވާޝަން ބެލުންތެރިންނަށް ގެނެސް ދިނުމުގެ ޒިންމާއާ ހަވާލުވި ޕްރޮޑިއުސަރެވެ.