Roadha Mihaaru
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ

"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ

14 ޑިސެމްބަރ 2021

މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ލޯބީގެ ފިލްމު "އަތުރަންގީ ރޭ" ގައި މާ ބޮޑު ރޯލެއް ނޯންނާނެ ކަމަށާއި އެ ފިލްމުގެ އަސްލު ތަރިންނަކީ ސާރާ އަލީ ޚާނާއި ދަނޫޝް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ލޯބީގެ ފިލްމު "އަތުރަންގީ ރޭ" ގައި މާ ބޮޑު ރޯލެއް ނޯންނާނެ ކަމަށާއި އެ ފިލްމުގެ އަސްލު ތަރިންނަކީ ސާރާ އަލީ ޚާނާއި ދަނޫޝް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމާ ބެހޭ ގޮތުން އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ އާނަންދު އެލް ރާއީ ޑައިރެކްޓްކުރި ފިލްމަށް އެއްބަސްވީ ސްކްރިޕްޓް ކަމުގޮސް، ކުޅެން ލިބުނު ކެރެކްޓާއާ ގަޔާވިލެއް ބޮޑުކަމުން ކަމަށެވެ.

"އެކަމަކު މިއީކީ އަހަރެންގެ ފިލްމެކޭ ނުބުނެވޭނެ. މީގެ ހަގީގީ ލީޑަރުންނަކީ ސާރާ އާއި ދަނޫޝް. އަހަންނަކީ ހަމައެކަނި އެ މީހުންނަށް ލައިފަށް ހިނދުކޮޅަކަށް އަންނަ ކެރެކްޓާއެއް." އޭއާރް ރަހުމާން މިއުޒިކް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެރެކްޓާއެއް ކަމުގޮސްފި ނަމަ އެއީ ކިތަންމެ ކުޑަކުޑަ ރޯލަކަށް ވިޔަސް، އެ ގަބޫލު ކުރާނެ އެވެ. އަދި މާޒީގައި ވެސް އެފަދަ ބައެއް ފިލްމުތައް ކުޅެފައިވާނެ އަކްޝޭ ބުންޏެވެ.

"ބެލުންތެރިންނަށް ބުނެލަން އޮތީ ވަރަށް ކުޑަ ރޯލަކުންނޭ އަހަރެން އަތުރަންގީ ރޭގައި ފެންނާނީ. އެކަމަކު ޔަގީން އެއީ އޯޑިއަންސް ލޯބިވާނެ ކެރެކްޓާއެއް. އެއަށް އަހަރެން އެއްބަސްވީ ކަމުދިޔަލެއް ބޮޑުކަމުން." އޭނާ ބުންޏެވެ.

"އަތުރަންގީ ރޭ" ގައި ސާރާ އާއި ދަނޫޝް ފެންނާނީ ދެމަފިރިންގެ ރޯލުންނެވެ.

އެކަމަކު ސާރާގެ ކެރެކްޓާ އަކީ ވަރަށް "ހިފިނުހުރެވިގެން" އުޅޭ ކަހަލަ ސަކަރާތް ބޮޑު ކެރެކްޓާއެކެވެ. މި ފިލްމަކީ އަކްޝޭ އާއި ސާރާ، އާނަންދާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމު ނަމަވެސް ދަނޫޝް ވަނީ ކުރިން ސޯނަމް ކަޕޫރާ އެކު އާނަންދުގެ 2013 ގެ "ރާންޖަނާ" ގައި މަސައްކަތްކޮށްފަ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަންގަނާ ރަނާވަތުގެ "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ވެސް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޝާހްރުކް ޚާންގެ 2018 ގެ ފްލޮޮޕް ފިލްމު "ޒީރޯ" އެވެ.

"އަތުރަންގީ ރޭ" އަށް ފަހު އާނަންދު މިހާރު އޮތި އަކްޝޭއާ އެކު އިތުރު ފިލްމެއް ވެސް ހަދައިފަ އެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައިވާ ފެމިލީ ޑްރާމާ "ރަކްޝާ ބަންދަން" އެވެ.

"އަތުރަންގީ ރޭ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ސޫރިޔަވަންޝީ" އެވެ. މި އަހަރު ރިލީޒްކުރި އަކްޝޭގެ ފުރަތަމަ ފިލްމަކީ އޮގަސްޓްގައި ގެނެސްދިން "ބެލް ބޮޓަމް" އެވެ.