Roadha Mihaaru
ބޯޑަރު ހުޅުވުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް

ބޯޑަރު ހުޅުވުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ޖައްސައިފި

16 ޖުލައި 2020

ތިން މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިން މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.

،ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން، މެދުކަނޑާލި، އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ ބޮޑު އެއާލައިންގެ ފްލައިޓުން 101 ޕެސެންޖަރުން އައި ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުން އެންމެ ފުރަތަމަ އިއްޔެ އައީ، 212 މީހުންނާ އެކު ގަތަރު އެއާލައިންސެވެ. އެ ފްލައިޓުން 104 ޓޫރިސްޓުން ރާއްޖެ އަ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަހަށް ފަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕެވެ.

ގަތަރާއި އެމިރޭޓްސްގެ އިތުރުން އިއްތިހާދު އެއާލައިންގެ ދަތުރުތައް ވެސް، މި މަހަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

އެކަމަކު ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށަން އޮތީ އަންނަ މަހު އެވެ. އެގޮތުން ހަ އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ އެވެ. އޭގެ ތެރޭގައި ގަލްފް އެއާ އާއި ހޮންކް ކޮންގް އެއާލައިނާއި އިންޑިގޯ އާއި ސިލްކް އެއާ އާއި ސިންގަޕޯ އެއާލައިންސް އަދި ސްރީ ލަންކަން އެއާލައިންސް ހިމެނެ އެވެ.

އެމްއޭސީއެލުން ބުނީ މިހާތަނަށް ޖުމްލަ 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ކުރިއަށް އޮތް ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަންގައި މިހާރު ޝެޑިއުލްކޮށްފައިވާ މިންވަރަށް ވުރެ ތިން ގުނަ އިތުރަށް ފްލައިޓްތައް ބާއްވަން ވެސް އެއާލައިންތަކުން ހުށަހަޅާފައިވާ ކަމަށެވެ. މި ވަގުތު އެއާލައިންތަކުން ޝެޑިއުލްކޮށްފައިވަނީ ނިސްބަތުން މަދު ދަތުރުތަކެކެވެ.