Roadha Mihaaru
އީކޭ ފްލައިޓް އިމަޖެންސީގައި ހުޅުލޭގައި ޖައްސައިފި

އެމިރޭޓްސްގެ މަތިންދާބޯޓް ކުއްލި ހާލަތުގައި ހުޅުލޭ އެއާޕޯޓުގައި ޖައްސައިފި

30 އޯގަސްޓް 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ދުބާއީ އަށް ދާން ނައްޓައިލި އެމިރޭޓްސްގެ ފްލައިޓް ކުއްލި ހާލަތުގައި އަނބުރާ އެއާޕޯޓުގައި މިރޭ ޖައްސައިފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ދުބާއީ އަށް ދާން ނައްޓައިލި އެމިރޭޓްސްގެ ފްލައިޓް ކުއްލި ހާލަތުގައި އަނބުރާ އެއާޕޯޓުގައި މިރޭ ޖައްސައިފި އެވެ.

މުޅިއެކު 362 މީހުންނާއެކު ހުޅުލެއިން މިރޭ 11 ޖެހިއިރު ފުރި މި މަތިންދާބޯޓުގައި ހުރި ދިވެހި ފަސިންޖަރަކު "މިހާރު" އަށް ބުނީ އެ ބޯޓު އަނބުރާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 21 މިނިޓް އުދުހުމަށް ފަހު ކަމަށެވެ.

"އަނބުރާ ޖެއްސީ ކީއްވެ ކަމެއް ނޭނގޭ. ބޯޓު ޖެއްސުމާ ހަމައަށް ވެގެން އުޅޭ ގޮތެއް، ބޯޓުގައި ތިބި މީހުންނަކަށް ނޭނގޭ،" އޭނާ ބުންޏެވެ.

"މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ބޯޓު ޖެއްސިއިރު އެއާޕޯޓް އޮތީ ވަރަށް ބޮޑަށް ކުއްލި ހާލަތަކަށް ގެނެސްފަ އެވެ. އެގޮތުން އެމްބިއުލެންސާއި ފަޔާ ފައިޓަރުން ތައްޔާރީ ހާލަތުގައި ތިބި ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ "ކާގޯ ބައިގައި އަލިފާނުގެ ކަމެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން" ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓުގައި އެއްވެސް ކަމެއް އުޅޭތޯ ޔަގީން ކުރުމަށް ފަހު، މި ބޯޓުގައި ދަތުރުކުރާ އެންމެން މާދަމާ ހެނދުނު 10 ޖަހާއިރު ފުރަން ހަމަޖެހިފައިވާ ކަމަށް އެމިރޭޓްސްއިން އަންގާފައިވާ ކަމަށް ބޯޓުން ދަތުރުކުރި ދިވެއްސަކު ބުންޏެވެ.

ކުއްލި ހާލަތުގައި މިރޭ ހުޅުލެ އެއާޕޯޓަށް ޖެއްސި އީކޭ ފްލައިޓް: ފަސިންޖަރުންނާއެކު މާދަމާ ހެނދުނު 10 ޖަހާއިރު ފުރާނެ.---ފޮޓޯ: ކިޔުންތެރިއެއް

ކުއްލި ހާލަތުގައި މިރޭ ހުޅުލެ އެއާޕޯޓަށް ޖެއްސި އީކޭ ފްލައިޓް: ފަސިންޖަރުންނާއެކު މާދަމާ ހެނދުނު 10 ޖަހާއިރު ފުރާނެ.---ފޮޓޯ: ކިޔުންތެރިއެއް

"ހަމަ މި ބޯޓުގައި މާދަމާ ހެނދުނު 10 ޖަހާއިރު ދުބާއީއަށް ފުރާނެކަން ވަނީ އަންގާފައި. ބޯޓުން ދަތުރުކުރި މީހުން މާދަމާ ހެނދުނު ފުރުމާ ހަމައަށް އެކި ހޮޓާތަކުގައި ބައިތިއްބަން އެމިރޭޓްސް އިން ވަނީ ނިންމާފައި. ޔަގީނުން ވެސް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ އެންމެން ވަނީ ޖެން ހޮޓަލަށް މިހާރު ފޮނުވާފައި. ދެން ތިބި މީހުން ވެސް އެހެން ހޮޓާތަކަށް ފޮނުވަމުން އެބަދޭ،" އޭނާ ބުންޏެވެ

.ހުޅުލޭ އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސި އީކޭ ފްލައިޓަކީ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށް ފަހު އައި ބޯޓެކެވެ. ހުޅުލޭ އެއާޕޯޓުން ފުރައިގެން މަތިންދާބޯޓު ދާން އޮތީ ސީދާ ދުބާއީއަށެވެ.

ފަހަކަށް އައިސް އީކޭގެ ފްލައިޓްތައް ކުއްލި ހާލަތުގައި ޖެއްސުން އާންމުވެފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް ދުބާއީން މާލެ އައި ބޯޓެއް ވަނީ އިންޑިއާގެ މުމްބާއީއަށް ކުއްލި ހާލަތުގައި ޖައްސައިފަ އެވެ. އެ ފަހަރު ބޯޓު މުމްބާއީއަށް ޖައްސަން ޕައިލެޓް އެދުނީ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ. އެއީ އެ ހާލަތުގައި އިންޑިއާ ކަނޑު ހުރަސް ކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެތީ އެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން މި މަހުގެ ތިންވަނަ ދުވަހު ދިޔަ އެމިރޭޓްސްގެ ބޯޓެއް ވަނީ ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސައިފަ އެވެ. ދުބާއީގައި ބޯޓު ޖެއްސުމާއެކު އެ ފަހަރު އަލިފާން ރޯވި ނަމަވެސް ފަސިންޖަރުން ވަނީ ސަލާމަތްކޮށްފަ އެވެ.