Roadha Mihaaru
ޖީއެމްއާރަށް ދޭ ބަދަލުގައި ލޯނަށް ނެގި ފައިސާ ހިމެނޭ

ޖީއެމްއާރަށް ދޭ ބަދަލުގައި އެކްސިސް ބޭންކްގެ ލޯނު ވެސް ހިމެނޭ: އޮފިޝަލް

28 އޮކްޓޯބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލެއްގެ ގޮތުން ދޭން އާބިޓްރޭޝަނުން ނިންމި 250 މިލިއަން ޑޮލަރުގެ ތެރޭގައި، ޖީއެމްއާރުން އެކްސިސް ބޭންކުން ނެގި 160 މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމެނޭ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލެއްގެ ގޮތުން ދޭން އާބިޓްރޭޝަނުން ނިންމި 250 މިލިއަން ޑޮލަރުގެ ތެރޭގައި، ޖީއެމްއާރުން އެކްސިސް ބޭންކުން ނެގި 160 މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމެނޭ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީކުރަން ޖީއެމްއާރުން ނެގި ލޯނު ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން ކުރިން ވަނީ ނިންމައިފަ އެވެ. އަދި މި މަހު 25 ވަނަ ދުވަހު އާބިޓްރޭޝަނުން ޖީއެމްއާރުގެ މުޅި މައްސަލަ ނިންމި އިރު ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި 208 މިލިއަން ޑޮލަރުގެ ބޮޑު ބަޔަކީ އެކްސިސް ބޭންކުން ނެގި ލޯނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު އެކުލަވާލި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވައިލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު 1 ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ. އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހުކުރުމަށެވެ.

ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައި އިރު އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ.

އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ ޖީއެމްއާރަށް އެމްއޭސީއެލުން ދައްކަން ޖެހޭ ޖުމްލަ އަދަދު 400 މިލިއަން ޑޮލަރަށް އަރާ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ހަބަރުގައި މައުލޫމާތުގެ ކުށް ހުރި ކަމަށެވެ. އެ މިންވަރުގެ ބަދަލެއް ދޭން ޖެހޭ ކަމަށް ހަބަރުތަކުގައި ވަނީ، އެކްސިސް ބޭންކަށް ދައްކަން ޖެހޭ 160 މިލިއަން ޑޮލަރު ހިމެނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ތަންކޮޅު އިއްޔެ ސާފުކޮށްނުދެވި އޮތީ. އަސްލު އެކްސިސް ބޭންކްގެ ލޯނު ވެސް 250 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނު ނެތް ނަމަ ބަދަލެއްގެ ގޮތުގައި ޖީއެމްއާރަށް އަސްލު ދޭން ޖެހުނީހީ ވަރަށް ކުޑަ އެއްޗެކެވެ.

"އެ ލޯނަކީ ޖީއެމްއާރާ އެކު ހެދި މައި އެއްބަސްވުމުގައި ނެތް އެއްޗެއް. އެ އެއްބަސްވުމުގައި ނޯންނާނެ ސަރުކާރުން ސޮވެރީން ގެރެންޓީއެއް ދޭން ޖެހޭނެ ކަމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

"ސަރުކާރުގެ ސޮވެރިން ގެރެންޓީ ދީގެން ޖީއެމްއާރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސީ އެހެން އެގްރިމެންޓެއްގައި. އެހެންވެ އެވަރުގެ އަދަދެއް އަސްލު ދައްކަން މި ޖެހުނީ ވެސް އޭރުގެ ސަރުކާރުން ގޯސްކޮށް ކޮށްފައި ހުރި ކަމެއްގެ ސަބަބުން."

ޖީއެމްއާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ 270 މިލިއަން ޑޮލަރު އަރާ ގޮތެއް ބަލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ލިޔުންތަކުން ދައްކަނީ 250 މިލިއަން ޑޮލަރު ކަމަށް. އެ މީހުން 270 މިލިއަން ޑޮލަރޭ އެބުނަނީ ކީއްވެތޯ ބަލާނަން،" އޮފިޝަލް ވިދާޅުވި އެވެ.