15 ނޮވެމްބަރ 2016
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން މިއަދު އެއްކޮށް ދައްކައިފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން މިއަދު އެއްކޮށް ދައްކައިފި އެވެ.
ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައްކައި ހަލާސްކުރިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިންމާފައި ވަނީ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން މިދިޔަ އޮކްޓޯބަރު 25 ގަ އެވެ.
"މި ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓަކުން ނޫން. ނަމަވެސް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވަނީ ވަރަށް ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައި." -- އަނިލް
އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ އެ ފައިސާ ދައްކަން ވަކި މުއްދަތެއް ދީފައި ނުވި ނަމަވެސް އިންޓަރެސްޓްތަކެއް އަރަމުން އައި ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރީ ވީ އެންމެ އަވަހަކަށް ފައިސާ ދައްކަން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"މިއަދު އެ ފައިސާ ދެއްކިއިރު އޭގެ ތެރޭގައި އޭރު ޖީއެމްއާރުން އެކްސިސް ބޭންކުން ނެގި ލޯނާ ގުޅިގެން ގާތްގަނޑަކަށް 185 މިލިއަން ޑޮލަރު ވެސް ހިމެނޭ. އޭގެ ތެރޭގައި ލޯނުގެ ޕްރިސިޕަލް އެމައުންޓާއި އިންޓަރެސްޓާއި އަދި އެ މައްސަލައާ ގުޅިގެން ހިނގި އާބިޓްރޭޝަންގެ ހަރަދުތައް ވެސް ހިމެނޭ. ބާކީ އޮތް 86 މިލިއަން ޑޮލަރަކީ ޖީއެމްއާރަށް ދައްކަން ޖެހުނު ފައިސާ. އޭގެ ތެރޭގައި ޖީއެމްއާރުން އެއާޕޯޓަށް ކޮށްފައިވާ ހަރަދުތަކާއި އެއާ ގުޅިގެން އަރާފައިވާ އިންޓަރެސްޓާއި ޓާމިނޭޝަން ކޮސްޓްގެ ގޮތުގައި އާބިޓްރޭޝަނުން ކަނޑައަޅާފައިވާ އަދަދާއި އަދި އާބިޓްރޭޝަން ހިންގަން ދިޔަ ހަރަދު ވެސް ހިމެނޭ،" ރާއްޖޭގައި މިހާތަނަށް އުވާލެވުނު އެންމެ ބޮޑު މުއާމަލާތާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
"މި ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓަކުން ނޫން. ނަމަވެސް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވަނީ ވަރަށް ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައި."
ޖީއެމްއާރަށް ފައިސާ ދެއްކިކަން އިއުލާން ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަނިލް ވިދާޅުވީ ޖީއެމްއާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅިއިރު ދިފާއުގައި މަސައްކަތްކުރަން ދައުލަތަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ހުރި ލިޔެކިޔުންތައް ގެއްލިފައިވުން ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ތެރޭގައި ހުންނަން ޖެހޭ ލިޔެކިއުންތައް ނެތީ، އެކަމުގައި އޭރު އުޅުއްވި ބައެއް ބޭފުޅުން ބަހައްޓަން ޖެހޭ ފަރުވާތެރިކަމާ ނުވަތަ ގެންގުޅެންޖެހޭ އުސޫލުތައް ދަމަހައްޓާފައި ނެތުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި މައްސަލަ ފެށިގެން އައިރު ޖީއެމްއާރަށް އެއާޕޯޓް އެވޯޑްކުރުމުގެ ކުރިން ހިނގާ ދިޔަ ބިޑް ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެންގެ ކަމާ ބެހޭ މުއައްސަސާތަކުގެ މާހިރުން ކުރައްވާފައިވާ އެސެސްމަންޓުން ދައްކާ ގޮތުން ވެއްޖިއްޔާ އައިއެފްސީން ކުޅުނު ދައުރުން ރާއްޖެ އަށް ވަނީ ވަރަށް ބޮޑަށް ނެޖިލިޖެންޓްވެފައި،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަކީ އެއް ފަރާތަށް ބުރަވެފައިވާ އަދި އެމްއޭސީއެލް އާއި ދިވެހި ސަރުކާރުގެ މަސްލަހަތުތައް ހިމާޔަތް ނުކުރެވޭ ގޮތަށް ވަރަށް ގިނަ ކަންތައްތަކެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ކަމަށެވެ.
އަނިލް ވިދާޅުވީ ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރި ފަހުން ވެސް އެއްބަސްވުންތަކުގެ ބޭރުން ހެދި އެއްބަސްވުންތަކާއި ބަދަލުކުރެވުނު ސިޓީތަކާއި މުއާމަލާތްތަކުގެ ސަބަބުން ވެސް އިތުރަށް ދިވެހި ދައުލަތުގެ މަސްލަހަތު ގެއްލުނު ކަމަށެވެ. އަދި އޭގެ އިތުރުން ޖީއެމްއާރުން އެއާޕޯޓް ހިންގުމުން އެމްއޭސީއެލް އަށް ފައިސާ ދިނުމުގެ ބަދަލުގައި އެމްއޭސީއެލް އިން ޖީއެމްއާރަށް ފައިސާ ދައްކަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހާ ވެސް ނާޒުކު ހާލަތަކަށް ގޮސްފައި އޮތީ. އެހެންވީމަ އެ އެއްބަސްވުމަކީ އެއްވެސް ހާލަތެއްގައި ދިވެހިރާއްޖެ އަށް އަދި ދިވެހި ދައުލަތަށް، އެމްއޭސީއެލް އަށް ފައިދާ ހުރި އެއްބަސްވުމެއް ނޫން،" އަނިލް ވިދާޅުވި އެވެ.
ޖީއެމްއާރަށް ފައިސާ ދެއްކިކަން އިއުލާން ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަނިލް ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓުން ފޭބުމުގެ ކުރިން ހަވާލުކުރަން ޖެހޭ ލިޔެކިއުންތަކެއް ވެސް ނުލިބޭ ކަމަށެވެ. އޭގެ އިތުރުން، އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުކަން ކުރެއްވި ބައެއް ބޭފުޅުން ކަމަށް ވިޔަސް އަދި ވަކީލުން ކަމަށް ވިޔަސް އަދި އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި ސަރުކާރުން ވަކިވުމަށް ފަހު މަސްލަހަތު ފުށުއަރާ ގޮތަށް ޖީއެމްއާރަށް އެކި ގޮތް ގޮތުން އެހީތެރިވި ކަމަށް ވެސް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
"އެ ގޮތުން ވަރަށް ބޮޑަށް ފާހަގަކުރެވުނު އެއް ކަމެއް ބައެއް ހާލަތްތަކުގައި ބައެއް ފަރާތަކުގެ އެހީތެރިކަން މައްސަލަ ކުރިއަށް ގެންދިޔައިރު އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުގެ އަރިހުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުމުން، ވަރަށް މަދު ފަރާތްތަކުން އެހީތެރިކަން ފޯރުކޮށް ނުދެއްވާފައި. މިހުރިހާ ގޮންޖެހުންތަކާ އެކީ ވެސް އަޅުގަނޑުމެން މި ވަނީ މި މައްސަލައިގައި މިއަދުގެ ސަރުކާރުން ބޭނުންވި ގޮތަށް އަޅުގަނޑުމެން މި މައްސަލަ ކާމިޔާބުކޮށްފައި،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރަށް އެ ފައިސާ އެއްފަހަރާ ދެއްކި ނަމަވެސް އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ އެއްވެސް މަޝްރޫއަކަށް ބުރުލެއް ނާރާނެ ކަމަށެވެ.
ޖީއެމްއާރަށް ފައިސާ ދެއްކިކަން އިއުލާން ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ.
އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހު ކުރުމަށެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައިއިރު، އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ. އެއީ 250 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ކުރިން ބުންޏެވެ.
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
ޖީއެމްއާރަށް ދޭ ބަދަލުގައި ލޯނަށް ނެގި ފައިސާ ހިމެނޭ
މޫސަގެ ކޮލަމް: ޖީއެމްއާރުގެ ވާހަކަ ނިމިއްޖެ!
ޖީއެމްއާރުން އެޅި ބުޑުތައް ނަގައި ސާފުކޮށްފި
ޖީއެމްއާރު ބޭރުކުރުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު
ސީޕްލޭން ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ: ފައްޔާޒު
ޖީއެމްއާރުގެ ޓީމެއް އެއާޕޯޓުގައި؟!
ޖީއެމްއާރުގެ ޓެކްސް: މިއީ ކިހިނެއް ވާ ކަމެއް؟
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
ޖީއެމްއާރުގެ މައްސަލައިގައި އުޝާމްގެ ސުވާލެއް ރިފްއަތަށް