Roadha Mihaaru
ޑޮމެސްޓިކް އެއާލައިންތަކަށް ލުޔެއް ނެތުމުން ކަންބޮޑުވުން

ޑޮމެސްޓިކް އެއާލައިންތަކަށް ލުއިތަކެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

15 ޖުލައި 2020

ކޮވިޑް-19އާ ގުޅިގެން އައި ލޮކްޑައުންއަށް ފަހު އެއާލައިންތަކުގެ ދަތުރުތައް މިއަދު ފެށިއިރު، ރާއްޖޭގެ އަމިއްލަ ޑޮމެސްޓިކް އެއާލައިންތަކަށް އެކަށީގެންވާ ލުއިތަކެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން އައި ލޮކްޑައުންއަށް ފަހު އެއާލައިންތަކުގެ ދަތުރުތައް މިއަދު ފެށިއިރު، ރާއްޖޭގެ އަމިއްލަ ޑޮމެސްޓިކް އެއާލައިންތަކަށް އެކަށީގެންވާ ލުއިތަކެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން (މާނު) ވިދާޅުވީ ކޮވިޑް-19ގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނީ އެއާލައިން އިންޑަސްޓްރީއަށް ކަމަށް ވުމުން، އިންޓަނޭޝަނަލް އެއާލައިންތަކަށް ރާއްޖެ އިން ދިން ފަދަ އިނާޔަތްތަކެއް ޑޮމެސްޓިކް އެއާލައިންތަކަށް ވެސް މުހިންމު ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު މަސް ވާން އުޅެނިކޮށް ރާއްޖޭގެ ބޯޑަރު މިއަދު ވަނީ ހުޅުވައިފަ އެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތައް ކަމަށް ވާ ވިލާ އެއާ އާއި މަންޓާ އެއާ އަދި ޓްރާންސް މޯލްޑިވިއަން އެއާ (ޓީއެމްއޭ) އިން ވަނީ ގެއްލުންތަކުން އަރައިގަތުމަށް ދެވިދާނެ ލުއިތަކާ ގުޅޭ ގޮތުން އެމްއޭސީއެލަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެކަމަކު "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ސިޓީއަށް އަދި ޖަވާބެއް ނުލިބެ އެވެ.

ޑޮމެސްޓިކް އެއާލައިންތަކުން އެދެނީ ތެލުގެ އަގު ކުޑަކޮށްދިނުމާއި ގްރައުންޑް ހޭންޑްލިން އާއި ޕާކިން އާއި ނެވިގޭޝަން ޗާޖުތަކާއި ކުލިތައް ކުޑަކޮށްދިނުމަށެވެ. ނަމަވެސް މިހާތަނަށް އެމްއޭސީއެލުން ހަމައެކަނި ލުއިދިނީ އެއާލައިންތަކުގެ އޮފީހުގެ ކުއްޔަށެވެ.

ބޭރުން ރާއްޖެ އަންނަ އެއާލައިންތަކަށް އޮޕަރޭޝަން ހަރަދުތަކުގެ ބައެއް ކަންކަން މައާފްކޮށްދިން އިރު އަނެއް ބައި ހިދުމަތްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވެސް އެމްއޭސީއެލުން ދިނެވެ.

މާނު ވިދާޅުވީ އިންޓަނޭޝަނަލް އެއާލައިންތަކަށް ގްރައުންޑް ހޭންޑްލިން އާއި ލޭންޑިން އާއި ޕާކިންގެ އިތުރުން ނެވިގޭޝަން ޗާޖުތަކުގެ ތެރެއިން ބައެއް ޗާޖުތައް އެއްކޮށް ކަނޑާލައިފައިވާ ކަމަށެވެ. އަދި އަނެއް ބައި ޗާޖުތަކުން 50 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ ނިސްބަތަކުން ޑިސްކައުންޓް ވެސް ދީފައިވާ ކަމަށް، އޭޏާ ވިދާޅުވި އެވެ. ނަމަވެސް މިފަދަ އެއްވެސް ފަސޭހައެއް ޑޮމެސްޓިކް އެއާލައިންތަކަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާލައިން އޮޕަރޭޓް ކުރުމުގައި ލުއިތަކެއް ލިބިއްޖެ ނަމަ، ހިދުމަތް ދިނުމުގައި އަދި އާންމުންނަށް ވެސް ހިދުމަތް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ،" މާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ކުރާ ކޮންމެ ދަތުރެއްގެ ގްރައުންޑް ހޭންޑްލިން އާއި އެހެނިހެން ޗާޖުތަކަށް 800 ޑޮލަރު ހަރަދުވެ އެވެ. އެ ކުންފުންޏަށް މިދިޔަ ދުވަސްތަކުގައި ލިބުނު ގެއްލުމުން އަރައިގަނެ، ހިދުމަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލުއިތަކެއް ލިބުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އިންޓަނޭޝަނަލް އެއާލައިންތަކަށް ލުއިތަކެއް ލިބިފައި، ޑޮމެސްޓިކް އެއާލައިންތަކަށް އެފަދަ ލުއިތަކެއް ނެތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"ލުއިތަކެއް ލިބިއްޖެ ނަމަ މިދުވަސްވަރު ޓިކެޓަށް ވެސް ލުއިތަކެއް ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓެއް ޖައްސަނީ: ޑޮމެސްޓިސް އެއާލައިންތަކަށް ވެސް ލުއިތަކެއް ބޭނުންވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓެއް ޖައްސަނީ: ޑޮމެސްޓިސް އެއާލައިންތަކަށް ވެސް ލުއިތަކެއް ބޭނުންވޭ

ނާޝިދު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އެއާލައިނަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުގެ ވެސް އެހީތެރިކަން ބޭނުންވާ ކަމަށެވެ. ފްލައިޓްތަކުގެ އޮޕަރޭޝަން ޗާޖުގެ ގޮތުގައި އަހަރަކު ފަސް މިލިއަން ޑޮލަރު އެމްއޭސީއެލަށް ދައްކާ އިރު ކުރިއަށް އޮތް ދެތިން މަހަށް ލުއިތަކެއް ލިބުނަސް އެއީ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.