Roadha Mihaaru
"ސިޓީގެ ކިބައިން މައާފަށް އެދެންޖެހޭ މީހުން އެބަތިބި"

ސިޓީގެ ކިބައިން މައާފަށް އެދެންޖެހޭ މީހުން އެބަތިބި: ގާޑިއޯލާ

15 ޖުލައި 2020

މެންޗެސްޓާ (ޖުލައި 15) - ޔުއެފާ އިން މިދިޔަ ފެބްރުއަރީ މަހު މެންޗެސްޓާ ސިޓީ ސަސްޕެންޑްކުރުމާ ގުޅިގެން، އެ ޓީމަކީ މަކަރު ހަދާ އޮޅުވާލާ ޓީމެއް ކަމަށް ތުހުމަތުތަކެއްކުރި މީހުން އެބަތިބި ކަމަށާއި ސިޓީގެ ކިބައިން އެ އެންމެން މާފަށް އެދެންޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖުލައި 15) - ޔުއެފާ އިން މިދިޔަ ފެބްރުއަރީ މަހު މެންޗެސްޓާ ސިޓީ ސަސްޕެންޑްކުރުމާ ގުޅިގެން، އެ ޓީމަކީ މަކަރު ހަދާ އޮޅުވާލާ ޓީމެއް ކަމަށް ތުހުމަތުތަކެއްކުރި މީހުން އެބަތިބި ކަމަށާއި ސިޓީގެ ކިބައިން އެ އެންމެން މާފަށް އެދެންޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދިގު ތަހުގީގަކަށް ފަހު، ޔޫރަޕްގެ މުބާރާތްތަކުން ދެ އަހަރަށް ސިޓީ ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ. އޭރު ވެސް ސިޓީން ދިޔައީ އެއްވެސް ކަމެއް އޮޅުވާލާފައިނުވާނެ ކަމަށް ބުނެ އެކަމާ ދެކޮޅު ހަދަމުންނެވެ. މިދިޔަ ހޯމަ ދުވަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ސިޓީގެ ސަސްޕެންޝަން އުވާލީ ސަސްޕެންޝަނެއް އަންނަ ވަރުގެ ކަންތައްތަކެއް ސިޓީން ކޮށްފައިނުވާ ކަމަށް ބުނެ އެވެ.

ކޯޓުގެ މި ނިންމުމަށް ސިޓީ އާއި ޔުއެފާ އިން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. ސިޓީން ވަނީ މި މައްސަލަ ހައްލުވުމާ އެކު ގާޑިއޯލާ އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ. ގާޑިއޯލާ މި ވަގުތު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

ގާޑިއޯލާ ބުނީ ޔުއެފާ އިން އެންމެ ފުރަތަމަ ސިޓީ ސަސްޕެންޑް ކުރުމާ އެކު އެ ކްލަބްގެ އަގުވެއްޓޭ ގޮތަށް ގިނަ ބަޔަކު ވާހަކަ ދެއްކި ކަމަށެވެ.

"މި ނިންމުމުގެ ސަބަބުން އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. މީގެއިން އެނގުނީ މި ކްލަބާ ބެހޭގޮތުން ވަރަށް ގިނަ ބަޔަކު ދެއްކި ވާހަކަތަކުގައި ހަގީގަތެއް ނެތްކަން. ކޯޓުން މި ނިންމި ނިންމުމަށް ފަހު އަހަރެމެންގެ ކިބައިން މާފަށް އެދެންޖެހޭ މީހުން އެބަތިބި،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެން ގޯސްކޮށް ކަމެއް ކުރިނަމަ އެކަން ގަބޫލުކުރާނަން. ޔުއެފާގެ އަދަބާ ދެކޮޅަށް ކޯޓަކަށް ނުދާނަން،"

ސިޓީގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެފްއެފްޕީ ގަވާއިދުގައިވާ ކަންތައްތަކާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބަލަން ޔުއެފާ އިން ކުރާ މަސައްކަތް ބަލިކަށިކޮށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ގަވާއިދެއް ހެދިފައިވާނަަމަ އޭގެ ބާރެއް ނެތި ބޭނުން ބަޔަކަށް ވަކި އުސޫލުތަކެއްގެ ތެރެއިން ސަލާމަތްވެވޭނަމަ އެ ގަވާއިދެއްގެ ބޭނުމެއް ނެތް ކަމަށް މޮރީނިއޯ އާއި ކްލޮޕް ދެކެ އެވެ.

ގާޑިއޯލާ ބުނީ ވާދަވެރި ކްލަބްތަކުން ސިޓީގެ ދިފާއުގައި ވާހަކަ ނުދެއްކިޔަސް ކޯޓުން އޮތީ ރަނގަޅު ގޮތަށް ކަންކަން ނިންމާފައި ކަމަށެވެ.

"އުއްމީދެއް ނުކުރަން ލިވަޕޫލް، ޓޮޓެންހަމް، އާސެނަލް، ޗެލްސީ ނޫނީ ވުލްވްސް ވިޔަސް ނޫނީ ދެން އޮތް އެހެން ބޮޑެތި ކްލަބްތަކުން ވެސް އަހަރެމެން ދިފާއުކުރާނެ ކަމަަށް. ސިޓީން އަމިއްލަ ނަފްސު ދިފާއުކުރަން ކުރި މަސައްކަތުގެ ހައްގު އިނާމް ލިބިއްޖެ،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ކަށަވަރުކޮށްފައިވާ ސިޓީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ބޯންމައުތާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 10 ޖަހާއިރެވެ.