Roadha Mihaaru
އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

14 ޖުލައި 2020

ސްޕޯޓްސް ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސްޕޯޓްސް ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ފަހުން އެ ދާއިރާ އިން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް އަށް ކޮވިޑް-19 ޖެހުނުކަން އެނގުނީ ރޭގައި ކަމަށް އެނގިފައި ވެ އެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

އުމުރުން 70 އަހަރުގެ އިބްރާހިމް އިސްމާއިލަކީ ތައުލީމީ ދާއިރާގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ މުހިއްމު ޝަހުސިއްޔަތެކެވެ. ތައުލީމީ ދާއިރާއާ ދުރަށް ވަޑައިގެންނެވި ނަމަވެސް އޭނާ އަކީ މިހާރު ވެސް ކުޅިވަރާ ގުޅޭ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވާ ބޭފުޅެކެވެ.

އިބްރާހިމް އިސްމާއިލް އެޑިއުކޭޝަން މިނިސްޓްރީގަިއ އެންމެ ފަހުން ހުންނެވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަކީ ގައުމީ ފެންވަރުގައި އެތައް ކުޅިވަރެއްގައި ވިދާލި ކުރީގެ ކުޅުންތެރިއެކެވެ. ހާއްސަކޮށް ފުޓްބޯޅައިގަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެކުލަވައިލި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.

ކޮވިޑް އަށް މިހާރު 2،762 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައި ވާއިރު، 2،290 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 444 މީހުންނެވެ. އެ ބަލީގައި މިހާތަނަށް ވަނީ 13 މީހަކު މަރުވެފަ އެވެ.