11 ޖުލައި 2020
ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ބެހެއްޓިދާނެ ކަމަށް، ދީނީ ބައެއް އިލްމުވެރިން "މިހާރު"އަށް ވިދާޅުވެއްޖެ އެވެ.
ތިން މަހަށް ފަހު މާލޭގެ މިސްކިތްތަކުގައި އިއްޔެ ހުކުރު ނަމާދު ކުރަން ފެށިއިރު، ޖަމާއަތުގެ ނަމާދާއި ހުކުރުގައި ވެސް ގައިދުރުކަން ބެހެއްޓިދާނެ ކަމަށް، ދީނީ ބައެއް އިލްމުވެރިން "މިހާރު"އަށް ވިދާޅުވެއްޖެ އެވެ.
އެކަމަކު ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާއިރު، ދުރުދުރުގައި ތިބުން މުހިއްމު ނޫން ކަމަށް ގަބޫލުކުރައްވާ އިލްމުވެރިން ވެސް އުޅުއްވަ އެވެ. އެހެންކަމުން މިއީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އޮތް މައްސަލައެކެވެ.
އައިޖީއެމްއެޗުގެ ލޮލުގެ ޑޮކްޓަރު މުހައްމަދު އައްޒާމު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޖަމާއަތުގެ ނަމާދާއި އިސްލާމީ މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފޮޓޯ ހިމަނައިގެން، މަންޒަރެއް ސިފަކޮށްދެއްވައިފަ އެވެ. ބޭރުގެ ބޮޑު ތިން މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރީ، ދުރުދުރުގައި މީހުން ތިބެގެންނެވެ. އެކަމަކު އޭނާގެ ޓްވީޓްގައި ހިމެނި އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދުގެ ޖަމާއަތް އޮތީ، ކޮވިޑް-19ގެ ކުރީގެ ހާލަތާ އެއްގޮތަށެވެ.
ޑރ. އައްޒާމްގެ ޓްވީޓަށް ހިޔާލު ފާޅުކުރި މީހުން ވަނީ، ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްގެ ތެރޭގައި އެގޮތަށް ތިބުމުން، ދެން ވެދާނެ ގޮތަކާ މެދު ސުވާލު އުފައްދައިފަ އެވެ.
Hama ekani namaadhah safu hadhaa iru social distance bahattaigen nufudheyne. Namaadhah safu hadhan vee goiy Sunnathugai v saafu koh eba oiy. Namaadhah safu hedhumugai social distance bahattan jehey sababeh Raajje aku neiy.
— Dr Mohamed Iyaz (@dr_iyaz) July 10, 2020
އެކަމަކު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހުންނެވީ އޭނާގެ ގޮތުގަ އެވެ. އޭނާ ކުރެއްވި ޓްވީޓްގައި މާތް ރަސޫލާގެ ސުންނަތުން ފެންނަން އޮތް އުސޫލާ ދުރަށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމުގައި އެއްވެސް މީހަކު ގައިދުރުކަން ބަހައްޓަން އިސްކަން ނުދޭ އިރު މިސްކިތަށް އަރާ ވަގުތުގައި އެ ދުރުކަން ބެހެއްޓުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.
"ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ސޯޝަލް ޑިސްޓެންސް ބެހެއްޓުމަކުން ނުފުދޭނެ. ނަމާދުގައި ސަފު ހަދަންވީ ގޮތް ސުންނަތުގައި އެބަ އޮތް،" އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޑރ. އިޔާޒު ވިދާޅުވި އެވެ.
"ނަމާދުގައި ސަފު ހެދުމުގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭ ސަބަބެއް ރާއްޖެއަކު ނެތް."
ޑރ. އިޔާޒު އެގޮތަށް އެ ވިދާޅުވީ އާންމު ބައެއް މީހުންގެ އަމިއްލަ އުޅުމުގައި ގައިދުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މައްސަލައިގަ އެވެ. އެކަމަކު ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކެވި ދީނީ ބައެއް އިލްމުވެރިން ވިދާޅުވީ، މި ހާލަތުގައި ނަމާދާއި ހުކުރު ޖަމާއަތުގައި، ގައިދުރުކަން ބެހެއްޓުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށެވެ.
އެ ބޭފުޅުން އެގޮތަށް ވިދާޅުވީ ސައުދީ އަރަބިއްޔާ ކަހަލަ ގައުމުތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދުކުރާ ކުރުމަށް އެކަނި ބިނާކުރައްވާފައެއް ނޫނެވެ. ދީނުގައި ބައެއް ހާލަތްތަކުގައި ކަން ކުރަން އަންގާފައިވާ ގޮތަށް ވެސް، އެ އިލްމުވެރިން މިސާލު ދެއްކެވި އެވެ.
އޭގެ ތެރެއިން އެއް އިލްމުވެރިޔަކު ވިދާޅުވީ "ހަރާން [ބައެއް ކަންކަން] ވެސް ޒަރޫރީ ހާލަތްތަކުގައި ވަކި އުސޫލުތަކެއްގެ ދަށުން ހުއްދަވާ" ކަމަށެވެ. އެފަދަ ހާލަތެއްގައި ބަލަން ޖެހޭނީ، އެ ބަދަލު ގެންނަން ޖެހޭ މިންވަރަށް މަޖުބޫރުކަމެއް އޮތްތޯ ނުވަތަ ނޫންތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކައަށް ބާރު ދެއްވަމުން، އެހެން އިލްމުވެރިޔަކު ވިދާޅުވީ ވަކި ހާލަތްތަކުގައި ދީނީ ކަމަކާ ބެހޭ ގޮތުން ނިންމުމެއް ނިންމާއިރު، އިލްމުވެރިންނަށް އެކަމުގެ މައުލޫމާތު ނޭނގެންޏާ، އެނގޭ ބައެއްގެ ފަރާތުން މައުލޫމާތު ހޯދަން، ދީނުގައި އަންގާފައިވާ ކަމަށެވެ.
ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި، ތަޖުރިބާކާރުންނަކީ، ޑޮކްޓަރުންނާއި ބަލިފެތުރުމާ ބެހޭ އިލްމުގެ ތަޖުރިބާކާރުންނެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަދިވެސް ބޭނުންވަނީ ޖަމާއަތުގައި ނަމާދުކުރުން ފަސްކުރާށެވެ. ހާއްސަކޮށް ހުކުރު ނަމާދުގެ ޖަމާއަތް ހެދުން ފަސްކުރުން، ވަރަށް މުހިންމު ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
"މި ބަލިމަޑުކަން އޮތް ހާލަތެއް ބުނެދެވޭނީ ދީނީ އިލްމުވެރިންނަކަށް ނޫން، އެކަމުގެ ތަޖުރިބާކާރުންނަށް،" ހުކުރު ނަމާދުގެ ޖަމާއަތް ހެދޭ މިންވަރަށް މާލޭގެ ހާލަތު ނުދާކަމަށް ގަބޫލުކުރައްވާ އިލްމުވެރިޔަކު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ ގިނަ މީހުން އެއް ތަނަކަށް އެއްވެ ނޫޅޭށޭ ބުނާ ބޭފުޅުން. ގައިދުރުކުރާށޭ ތަކުރާރުކޮށް އެ ވިދާޅުވަނީ. އެހެންވީމާ އެބަ އެނގޭ ހުކުރު ނަމާދު ކަހަލަ ބޮޑެތި ޖަމާއަތްތައް ހަދާ މިންވަރަށް އަދި ނުދާކަން. އަޅިގަނޑު ގަބޫލުކުރަނީ ދުރުގައި ޖަމާއަތް ހެދޭނެ ކަމަށް. ނޫނީ އަދި ހުކުރު ކުރުން ފަސްކޮށްލަންވީ."
"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް އިލްމުވެރިން ވިދާޅުވި ގޮތުގައި އެޗުޕީއޭގެ އެންގުންތަކަށް އާންމުން ތަބާއަވޭތޯ ނުވަތަ ނޫންތޯ، އެއީ އެހެން މައްސަލައެކެވެ. އާންމުން ވަކި ގޮތަކަށް ނޫޅެއޭ ކިޔާފައި، ޖަމާއަތުގައި ނަމާދުކުރުން ކަހަލަ ބޮޑު އެއްވުމަކަށް އިލްމުވެރިން ތާއީދުކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގައި ބަލަން ޖެހޭނީ، އެ އިލްމުވެރިން ވިދާޅުވި ގޮތުގައި، ޖަމާއަތުގައި ނަމާދުކުރަން މިސްކިތްތަކަށް އަރާ މީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށެވެ.
ހުކުރު ނަމާދަކީ، އެހެން ނަމާދުތަކަށް ވުރެ ބޮޑު ޖަމާއަތެކެވެ. ނަމާދުގެ ޖަމާއަތަށް ނުދާ އެތައް ހާސް ބަޔަކު ވެސް، ހުކުރު ނަމާދަށް ދެ އެވެ. އަދި އާންމު ނަމާދުތަކަށް ވުރެ ޖަމާއަތުގައި ހޭދަވާ ވަގުތު ވެސް، ހުކުރު ނަމާދުގައި ގިނަ އެވެ. އެހެންކަމުން ކޮވިޑް-19 މިހާރު ފެތުރެން ފަށާފައިވާ މިންވަރަށް ބަލާއިރު، ގައިދުރުކަމެއް ނެތި ހުކުރު ނަމާދުގެ ޖަމާއަތް ބާއްވާ ނަމަ، އާ ކްލަސްޓާތަކެއް އުފެދުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެ ކްލަސްޓާތަކުގެ އެއެއް މިއެއް ނޭނގޭ ވަރަށް، ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް ފެނަން ދިއުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ނަމާދުގެ ޖަމާއަތުގައި ކައިރީގައި ތިބީ ކޮން ބައެއް ކަން، އެކަކު އަނެކަކަށް ނޭނގުމެވެ.
މައްކާ އާއި މަދީނާ ފަދަ ސިޓީތަކުގައި، ހާއްސަކޮށް މަސްޖިދުއްނަބަވީ އާއި ހަރަމްފުޅުގައި ވެސް ނަމާދު ކުރަނީ ދުރުދުރުގައި ތިބެގެން ކަމަށް މީހަކު ބުނުމުން އެއަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ "ސައުދީ އަރަބިއްޔާގައި އާއްމު ދިރިއުޅުމުގައި ވެސް މީހުން އުޅެނީ ގައިދުރުކަން ބަހައްޓައިގެން" ކަމަށެވެ.
މާލޭގައި އާންމުން އުޅެނީ އެގޮތަށް ނޫން ކަމަށް، އޭނާ ވިދާޅުވި އެވެ. ސައުދީ އަރަބިއްޔާގެ މަގުމަތީގަ އާއި ސުޕަމާކެޓްތަކުގައި އާންމުން އުޅޭއިރު ވެސް އެ ދުރުމިން ބަހައްޓާ އިރު، އޭނާ ވިދާޅުވީ، "ރާއްޖޭގެ ހާލަތު ނުގުޅުވޭނެ" ކަމަށެވެ. އެހެންކަމުން ޑރ. އިޔާޒު ގަބޫލުކުރައްވާ ގޮތުގައި މައްކާ އާއި މަދީނާގެ ހާލަތު ތަފާތެވެ.
ތިން މަސް ދުވަހުގެ ލޮކްޑައުންއަށް ފަހު މާލެ ސަރަހައްދަށް ދިން ލުޔާ އެކު ފެންނަނީ ދިވެހިންގެ ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވާ ތަނެވެ. އެގޮތުން އިއްޔެ ވެސް، 44 ދިވެއްސަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. މިއީ ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް ކަމަށް ބެލި ދުވަސްވަރު ވެސް އެއް ދުވަހެއްގައި ދިވެހިން ޕޮޒިޓިވްވެފައި ނުވާ މިންވަރެކެވެ.
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ
ހައްޖަށް ދިޔަ ދެ ދިވެއްސަކަށް އައިސީޔޫގައި ފަރުވާ ދެނީ
ވަސީލަތްތައް ނެތި ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން
ބާއްޖަވެރިކަންލިބޭނީ ﷲއާ ގުޅުން ރަނގަޅު ނަމަ: މެންކް
އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރަނީ
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ: ޚުތުބާ
ބިޑްތަކުން ނާޖާއިޒް ފައިދާ ނެގުން ބޮޑު ވައްކަމެއް
ދީންވެރި މީހަކަށް ވެސް ނަފްސާނީ ބަލި ޖެހިދާނެ: ޚުތުބާ