މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ސަރުކާރުން ދެމުން އައި ޑިސްކައުންޓު ކަނޑާލާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
01 ޖުލައި 2020
މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ސަރުކާރުން ދެމުން އައި ޑިސްކައުންޓު ކަނޑާލާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ފާއިތުވި މަސްތަކާ އަޅާ ބަލާއިރު މިދިޔަ މަހުގެ ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ގެތަކުގެ ބިލް އެހެން މަސްތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ދަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ކަރަންޓު ބިލް ބޮޑުވެފައިވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެގޮތުން އެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެމުން އައި ޑިސްކައުންޓު މިދިޔަ މަހު ކަނޑާލައިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްްގެ ގޮތުގައި ފަހުމީ ފާހަގަކުރެއްވީ ލޮކްޑައުންގެ ސަބަބުން ގޭގައި ތިބޭލެއް އިތުރުވުމެވެ. އޭނާ ވިދާޅުވީ ފާއިތުވި ތިން މަހުގެ ބިލްތަކަށް ބަލާއިރު ވެސް ގެތަކުގައި ކަރަންޓު ބޭނުން ކުރާ ވަރު އިތުރުކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ލޮކްޑައުންއާ ގުޅިގެން ގޭގައި ގިނަ ވަގުތު ހޭދަކުރާތީ ހައުސް ހޯލްޑްތަކުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވިކަން ފާހަގަކުރެވުނު. މިއާއެކު ވެސް އޭޕްރިލް މަހާއި މެއި މަހުގެ ބިލް ބޮޑު ނޫން ކަމަށް ދެއްކީ ސަރުކާރުން ޑިސްކައުންޓު ދީފަ ހުރީމަ،" ފަހުމީ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19އާ ގުޅިގެން އާއްމުންގެ ދިރިއުޅުމަށް މާލީގޮތުން ނޭދެވޭ އަސަރު ކޮށްފައިވޭތޯ ފެނާއި ކަރަންޓުން ޑިސްކައުންޓު ދީފަ އެވެ. އެގޮތުން ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ރައްޔިތުންނަށް ވަނީ ދީފަ އެވެ. ނަމަވެސް މި ޑިސްކައުންޓު ދީފައިވަނީ އޭޕްރިލް އަދި މެއި މަހުގެ ބިލްތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފަހުމީ ވިދާޅުވިގޮތުގައި މި މަހު ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ މުވައްޒަފުން އަމިއްލަ އަށް ގެތަކަށް ގޮސް ރީޑިން ނަގައިގެންނެވެ. އެހެންކަމުން ޖޫން މަހުގެ އެއްވެސް ބިލަކީ އެވްރެޖް ބިލެއް ނޫން ކަމަށާއި ބިލް އިޝޫ ކުރުމުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންއާ ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް، ރީޑިން ނެގުމުގެ ބަދަލުގައި ސްޓެލްކޯއިން ވަނީ މީޓަރުތަކުގެ ފޮޓޯ ފޮނުވުމަށް ކަސްޓަމަރުންނަށް އަންގައިފަ އެވެ. ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް ލިބޭނީ އެވްރެޖް ބިލެއް ކަމަށް ބުނި ނަމަވެސް އެވްރެޖް ބިލްތައް ފޮނުވާފައިވާނީ އޭޕްރިލް މަހު އެކަނި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި އެވްރެޖް ބިލުން އުނިވާ ބައި ޖެހިގެން އަންނަ މަހުގެ ބިލަށް އިތުރުވާނެ އެވެ. ނަމަވެސް އެވްރެޖް ބިލް ފޮނުވާފައިވަނީ އެންމެ މަހަކު ކަމަށްވުމުން މިދިޔަ މަހުގެ ބިލަށް އެބައި އިތުރުވެފައި ނުވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"އޭޕްރިލް މަހު 20 ޕަސެންޓު ގޭބިސީތަކަށް ފޮނުވީ އެވްރެޖް ބިލެއް. އެކަމަކު މެއި މަހާއި ޖޫން މަހު ރީޑިން ނަގައިގެންނާއި ކަސްޓަމަރުން ފޮނުވި ފޮޓޯތައް ބަލައިގެން ފުލް ބިލެއް ތައްޔާރު ކުރީ. އެހެންކަމުން މީގެ ސަބަބުން ބިލް ބޮޑުވި ކަމަަށް ނުބެލެވޭ،" ފަހުމީ ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން އަހަރުތަކުގައި އޭޕްރިލް، މެއި އަދި ޖޫން މަހަކީ ހޫނު ދުވަސްވަރާ ދިމާވާ މަސްތަކަށް ވާތީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓު ބޭނުން ކުރާލެއް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވޭ ނަމަ އެކަން ސްޓެލްކޯގެ ކޯލްސެންޓަރަށް ގުޅައިގެން ބެލުމަށް ފަހުމީ އެދިވަޑައިގަތެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް އެ ކުންފުނީގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ދެވަނަ ފަހަރަށް ގެއަށް ގޮސް ރީޑިން ނަގަން ޖެހޭ ހާލަތެއްގައި އެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ
"ބިލުން އޮތީ ޓެކްނިކަލް ގޮތުން ވައްކަން ކޮށްފައި"
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް
ކަރަންޓް ބިލް ވަރަށް ބޮޑުވެ ޝަކުވާ ގިނަވެއްޖެ
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
ކަރަންޓުގެ އަގު މައްޗަށް، އަދިވެސް ދާނީ މަތިވަމުން
އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ ބުރާސްފަތީގައި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަނީ
ރޯދަމަހު ބިލް ބޮޑުވީ ޔޫސޭޖް މަތިވުމާއި ހޫނު ގަދަވުމުން