Roadha Mihaaru
އެފްއޭއެމަށް ފިޔަވަޅު އަޅަން އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި!

އެފްއޭއެމަށް ފިޔަވަޅު އަޅަން އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި!

30 ޖޫން 2020

ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

އެ ގަރާރު މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މި ފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، އެ ޕާޓީ އަށް ނިސްބަތްވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ، މީގެ ކުރިން އެފްއޭއެމްގެ މައްސަލަތަކެއް ބަލަން މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން މި ސަރުކާރު، ވެރިކަމާ ހަވާލުވިތާ ކައިރީގައި ސްޕޯޓްސް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލި އެވެ.

އެކަމަކު އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން، މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަނުގެ ހިންގުމަށް ފާޑުވިދާޅުވެ އަދި ތުހުމަތުތަކެއް ވެސް ކުރެއްވުމަށް ފަހު ދެން ފެނިގެން ދިޔައީ މިނިސްޓަރު މަހުލޫފު އެ ހިތްހަމަނުޖެހުންތައް އެ ފަރާތް ކުރެއްވުމަށް ފަހު ބައްސާމްއާ ސުލްހަވެވަޑައިގެންނެވި މަންޒަރެވެ.

އަދި ކަންކަން ހަމަޔަކަށް އެޅުމާ އެކު އެފްއޭއެމުން އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ކުރިއަށް، މިދިޔަ މާޗު މަހަށް އިންތިހާބު ތާވަލުކުރި އެވެ. ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ. ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އިންތިހާބު ފަސްކޮށް މި މަހުގެ ތެރޭގައި ބާއްވަން ރޭވި އެވެ.

ގަރާރުގައި ބުނަނީ ކީކޭ؟

ޖުމްލަ ހަ ނުކުތާއެއް ފާހަގަކުރައްވައި، ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުގައި މިއީ ރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ގާއިމްކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސުތައް ތަންފީޒްކުރުމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ގާނޫނީ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި، އަދާކުރަމުން ނުގެންދާތީ، މިހާތަށް ވުރެ ބޮޑަށް ދައުލަތުން އެ ފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ހަމަ އެހެންމެ، މިއީ ދައުލަތުގެ ފެންވަރުގައި ރާއްޖެ ވާދަވެރިކޮށް ކުޅޭ، އެންމެހާ ކުޅިވަރުތައް ބައިނަލްއަގްވާމީ، ގައުމީ އަދި ރަށު ފެންވަރުގައި ކުރިއެރުވުމަށް ހިންގޭ ހަރަކާތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ މީހުންނަށްމެ، ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ނޮވެމްބަރު، 16، 2016 ގައި އިންތިހާބުވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އެފްއޭއެމް ހިންގަމުން ގެންދަނީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ ކުޅިވަރު ގާނޫނު އަދި އެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާ ހިލާފަށް ކަމަށް ދެކޭ ކަމަށް، 2008-2012 އަށް އެފްއޭއެމްގެ ރައީސްކަން ކުރެއްވި، އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބީ ރައީސްގެ ގަރާރުގައި ވެ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް މަޖިލީހުގައި. -- ފޮޓޯ: މިހާރު

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް މަޖިލީހުގައި. -- ފޮޓޯ: މިހާރު

އެ ކަމަށް ބާރުދޭން ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. ގަރާރުގައި ބުނާ ގޮތުގައި އެފްއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވީ ފަހުން ތަފާތު އެކި ދުވަސްވަރު ހިންގާ ކޮމިޓީ އަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތައް އެކިއެކި ސަބަބުތަކާ ހުރެ ހިންގާ ކޮމިޓީން އިސްތިއުފާ ދީފައިވެ އެވެ. އޭގެ ތެރެއިން ހުސްވި މަގާމްތަކަށް އެފްއޭއެމްގެ ހިންގާ ގަވާއިދު ބުނާ ގޮތަށް އެކިއެކި ފަރާތްތައް "އައްޔަން" ކޮށްފައިވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ގަރާރުގައިވާ ގޮތުގައި، އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، ހިންގާ ކޮމިޓީ އިންތިހާބުވުމަށް ފަހު، ހިންގާ ކޮމިޓީގެ މަގާމުތައް ނުވަތަ %50 މަގާމާ ހަމަޔަށް މަގާމެއް ހުސްވެއްޖެ ނަމަ ޖެހިގެން އޮންނަ ކޮންގްރެސްއާ ހަމަޔަށް އެ ހުސްވި މަގާމުތަކަށް މީހުން "އައްޔަން" ކުރުމުގެ ބާރު އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިގެންވާ ކަމަށެވެ. އަދި ޖެހިގެން އަންނަ ކޮންގްރެސްގައި ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ އޮތް ބަޔަށް އެ "އައްޔަނު" ކުރެވުނު މަގާމުތަކަށް އަލުން މީހުން "އިންތިހާބު" ކުރަން ޖެހޭކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ "ށ" ގައި ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަން ވާނެ ކަމަށާއި އަދި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަހުގެ ތެރޭގައި އިންތިހާބުކުރަން ވާނެ ކަމަށް އޮތް ކަމަށް ވެސް ގަރާރުގައި ބުނެ އެވެ.

ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ "ށ" ގައި ރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޮތްކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއް ފަހަރު، ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ނުވުމާއި އަދި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް އުފަންކޮށްފައި ނެތް ކަމަށް ވެސް ގަރާރުގައި ބުނެފައި އެވެ.

މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ "ހ" ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެކަންކަމަށް ބެލުމަށް ފަހު، މި ގަރާރުގައި ބުނެފައިވަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެފްއޭއެމާއި ސަރުކާރުގެ ކޯޅުން އަލުން ފެށެނީ؟!

ސަރުކާރުގު މިނިސްޓަރަކު އެސޯސިއޭޝަނަކާ މެދު ފިޔަވަޅު ނާޅައިގެން، ސަރުކާރު ހިންގާ ޕާޓީގެ ސީނިއާ މެމްބަރަކު މަޖިލީހަށް ގަރާރެއް ހުށަހެޅުމާ އެކު، އެކަމުގައި ސަރުކާރުން ނަގާނެ ސްޓޭންޑަކާ މެދު ސުވާލުތައް އުފެދެ އެވެ.

އެ މިނިސްޓަރު (މަހުލޫފް) ވަނީ މަގާމާ ހަވާލުވެވަޑައިގެން އެފްއޭއެމްގެ މައްސަލަތައް ފާހަގަކުރައްވައި އެކަންކަން ބައްލަވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވައިފަ އެވެ. އެފްއޭއެމްގެ މައްސަލަތަކެއް ބަލަން ކޮމިޓީއެއް ނެގުމުން، އެކަމުގައި ލަފައެއް ހޯދަން އެފްއޭއެމުން އޭއެފްސީގައި އެދުމުން އޭއެފްސީން އޭރު ވަނީ އެ މަސައްކަތް ހުއްޓާލުމަށް ނުސީދާކޮށް އިންޒާރުދީފި އެވެ.

އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތި ކަމަށް އޭއެފްސީން އޭރު ބުނެފައިވެ އެވެ.

އެ ހިސާބުން މިނިސްޓްރީން އެ މަސައްކަތް ހުއްޓާލި ނަމަވެސް އަލުން ހުޅުގަނޑު ރޯވީ އެވެ. އެއީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަންކޮށްފައިވާތީވެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެ އިދާރާގެ ރައީސްކަމުން ބައްސާމް އަކިކުރަން ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ސިގްނަލެއް މިނިސްޓަރު ދެއްވިތާ ކައިރީގައި އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމުންނެވެ.

އެ ކްލަބަށް އަދަބު ދިނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގަ އެވެ. އެކަމަކު ތުހުމަތު ކުރެވެނީ، މިނިސްޓަރު އެ އިޝާރާތްކުރެއްވި އިތުބާރު ނެތްކަމުގެ މައްސަލަ ނިއު އިން ހުށަހަޅާތީ ދިން އަދަބެއް ކަމަށެވެ. ނިއު ސަސްޕެންޑްކުރުމާ އެކު ވިކްޓްރީން އެ މަސައްކަތާ ހަވާލުވި ނަމަވެސް ސޮއިކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުން ހުއްޓުނީ އެވެ.

ދެން ފެނުނީ މަންޒަރު އެއްކޮށް ބަދަލުވިތަނެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ބޭރުކުރަން ކުރެި މަސައްކަތް މިހާރު ނިމިއްޖެ ކަމަށާއި އެކުރި ގޮތަކަށް ކޮށްގެން ބައްސާމް މަގާމް ދިފާއުކުރައްވައިފި ކަމަށް ވިދާޅުވެ މަހުލޫފް އަމާން ދެއްވީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް، އެފްއޭއެމް އެވޯޑްސް ހަފުލާގައި.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް، އެފްއޭއެމް އެވޯޑްސް ހަފުލާގައި.

އެފްއޭއެމުން ބައްސާމާއި އޭނާގެ ޓީމު ބޭރުކުރަން އޭރު ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި އެއް ސަބަބަކީ އެފްއޭއެމް އޮފީހުގައި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް ހިންގައި ސިޔާސީ މަސައްކަތްކުރުމެވެ. އެކަމަކު އެފްއޭއެމުން އެކަން ދޮގުކޮށްފައިވެ އެވެ. އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް އެ ދުވަސްވަރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގުމާއި ކޮރަޕްޝަން އޮތުން ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުނުކުރާނެކަން ފީފާ އަށް އަންގައި އަދި އެކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަންކަން ދެން ނުބަލާނެތޯ މަހުލޫފު ގާތު އޭރު އެހުމުން ވިދާޅުވީ އެފްއޭއެމުގައި މެޑަމް ފާތުންގެ އޮފީހެއް ހުރި ކަމަށާއި އެހުރިކަން ދެން ބަދަލެއް ނުވާނެ ކަމަށެވެ. އަދި އޭރުގެ މައްސަލަތައް މިނިސްޓަރު ސިފަކުރެއްވީ އޭނާ އާއި ބައްސާމާ ދެމެދު އޮތް އަމިއްލަ މައްސަލަތަކެއްގެ ގޮތުގަ އެވެ. ވިދާޅުވީ ތިމަންނާ އާއި ބައްސާމާ ދޭތެރޭގައި އޮންނަ މައްސަލައަކާ ގުޅިގެން މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދިނުމަކީ ޖޯކަކަށް ވާނެ ކަމަށެވެ.

އެ މައްސަލަ ދެން ތަހުގީގު ނުކުރާނެތޯ ތަކުރާރުކޮށް އެހުމުން މަހުލޫފު ވިދާޅުވީ އެކަންކުރަން ހަދައިގެން ރާއްޖެ އަށް އަންނާނީ ފީފާގެ ސަސްޕެންޝަނެއް ކަމަށާއި އެގޮތް ބޭނުން ނަމަ މިރޭ ވެސް ކޯޓް އަމުރެއް ހޯދައިގެން ގޮސް އެފްއޭއެމުގައި ތަޅުއަޅުވަންވީ ކަމަށެވެ.