Roadha Mihaaru
އެފްއޭއެމްގެ ދަނޑުތައް އަޅާނެ ރަށްރަށް އިއުލާންކޮށްފި

އެފްއޭއެމްގެ ޓާފް ދަނޑުތައް އަޅާނެ ރަށްރަށް އިއުލާންކޮށްފި

05 މެއި 2021

އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނި ގުޅިގެން ޓާފް ދަނޑުތައް އެޅުމަށް ހަމަޖެހިފައިވާ 16 ރަށުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނި ގުޅިގެން ޓާފް ދަނޑުތައް އެޅުމަށް ހަމަޖެހިފައިވާ 16 ރަށުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.

އެ ރަށްތަކަކީ ހއ. ކެލާ ށ. ކޮމަންޑޫ، ބ. ކަމަދޫ، ރ. އިނގުރައިދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް އދ. ދަނގަތި، މ. ނާލާފުށި ފ. ބިލެއްދޫ ތ. ގުރައިދޫ ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާ އެވެ.

މި ރަށްތައް ކަނޑައަޅާފައި ވަނީ، އެފްއޭއެމާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ދަނޑުތަކަކީ ފީފާ އެޕްރޫވް ޓާފް ދަނޑުތަކެއް ކަމަށެވެ. އަދި ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް އިލެކްޓްރޯނިކް ސްކޯ ބޯޑެއް ވެސް ހުންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، މި ދަނޑުތައް އަޅަނީ 2023-2024 ގެ ދިވެހި ޕްރިމިއާ ލީގް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ އަމާޒުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީ މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުގެ 75 ދަނޑު މިހާރު ވެސް ތަރައްގީ ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން 15 ވަރަކަށް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުޓްބޯޅަ ދަނޑުތައް އެހާ ވަރަށް އަޅާތީ ފާޑު ކިޔުން އަމާޒުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއިން ރަށަކަށް އަޅުގަނޑު ދިޔަ ކަމުގައި ވިއަސް ކައުންސިލަކާ ބައްދަލުކުރި ކަމުގައި ވިއަސް ރައްޔިތުންގެ މަޖްލިސް މެންބަރެއް ކަމުގައި ވިއަސް 99 ޕަސެންޓް އެންމެ ފުރަތަމަ ކަމަކަށް އަންނާނީ ފުޓްބޯޅަ ދަނޑެއް ނުވަތަ ފުޓްސަލް ދަނޑެއްގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

އއ. އުކުޅަސް އާއި މާޅޮސް، ތ. ގުރައިދޫ އާއި ވަންދޫގައި އަދި ގއ. ގެމަނަފުއްޓާއި ކޮލަމާފުށީގައި ދަނޑުތައް އަޅާއިރު އެ ތިން އަތޮޅުން ކޮންމެ އަތޮޅެއްގެ ދެ ރަށުގައި ދަނޑު އެޅުމުގެ ސަބަބާ ބެހޭގޮތުން މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ ފަރާތުން ހުށަހަޅާފައިވާ ރަށްރަށާއި ރައީސް އޮފީހުން ފޮނުވި ރަށްރަށް ހިމެނޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން މިވަގުތު ދަނޑެއް ނެތް ދާއިރާތަކަށް އިސްކަން ދީފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކައި ވިންޑް ގްލޯބަލް ކުންފުނިން އަޅާ 20 ދަނޑުގެ ތެރެއިން ތިން ދަނޑު އަޅަނީ މާލެ ސަރަހައްދުގަ އެވެ. އެއީ ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްކޫލުގައި އަޅާ ދަނޑާއި ވިލިމާލޭގައި މިހާރު މަސައްކަތް ކުރިއަށްދާ ޓާފް ދަނޑާއި މާފަންނު ސްޓޭޑިއަމްގައި އަޅާ ޓާފް ދަނޑެވެ.

އެފްއޭއެމް އޮފީސް ކުރިން ހުރި ބިމުގައި އިމާރާތް ކުރާ 20 ބުރީގެ އިމާރާތުގެ މަސައްކަތް ކުރާނީ ވެސް ސްކައި ވިންޑް ގްލޯބަލް ކުންފުނިންނެވެ.