Roadha Mihaaru
އިންޓަނެޓު ލިބޭ ވަސީލަތް ދޭއިރު ސަމާލުވާން އެދިއްޖެ

އިންޓަނެޓު ލިބޭ ވަސީލަތް ކުދިންނަށް ދޭއިރު ސަމާލުވާން ސަރުކާރުން އެދިއްޖެ

26 ޖޫން 2020

އިންޓަނެޓު ލިބޭ ވަސީލަތްތައް ކުދިންނަށް ދޭއިރު ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަނެޓު ލިބޭ ވަސީލަތްތައް ކުދިންނަށް ދޭއިރު ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެގެން ތަފާތު ވީޑިއޯތަކާއި ފިލްމު ބަލަމުންދާ ކަމަށެވެ. އެގޮތަށް ތިބޭއިރު، އިންޓަނެޓު ލިބޭ ވަސީލަތްތައް ކުދިންނަށް ދޭއިރު މި ވަގުތު ސަމާލުވާންޖެހޭ ކަމަށް ބުންޏެވެ.

އިންޓަނެޓުުގެ ޒަރިއްޔާ އިން ވެސް ދަރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އިންޓަނެޓުގައި ދަރިން ހޭދަކުރާ ވަގުތުގައި އެކުދިން ކުރާ ކަންކަން ބެލުމުގައި ބެލެނިވެރިން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ޔޫޓިއުބުގައި ހުންނަ ޗެނަލްތަކުގައި ކުޑަކުދިން ގަޔާވާ ކާޓޫން ކެރެކްޓާ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ޗެނަލްތައް އިތުރުވަމުންދާ ކަމަށާއި އެފަދަ ޗެނަލްތަކުގައި އިސްލާމްދީނުގެ އިޖުތިމާއީ މިންގަނޑާ ހިލާފު އަދި ކުޑަކުދިންގެ އުމުރާ ނުގުޅޭ ކަންކަން ހިމަނާފައި ހުންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު އާއްމުންގެ މެދުގައި މަގުބޫލުވަމުން އަންނަ، ގިނަ މީހުން ބައިވެރިވެގެން ގޭމްތައް ކުޅުމަށް، ޑިވައިސްތައް ދޫކޮށްލުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން އެދިފައިވެ އެވެ.

މިކަންކަން ހައްލުކުރަން

- ބެލެނިވެރިން ތިބޭ ތަންތަނުގައި ގޭމްކުޅުމުގެ ފުރުސަތު ދިނުން

- ގޭމް ކުޅުމަށް ވަކި ވަގުތެއް ކަނޑައަޅައި ސްކްރީން ޓައިމް ލިމިޓްކުރުން

- އޮންލައިންކޮށް މީހުންނާ ވާހަކަދެއްކުމުގައި އެއްވެސް މީހަކަށް ޒާތީ މައުލޫމާތު ހާމަނުކުރަން ދަސްކޮށްދީ އެކަމުގެ ނުރައްކާ ކުދިންނަށް ކިޔައިދިނުން

އެފަދަ ގޭމްތަކަކީ އެއްފަހަރާ ބައިވަރު މީހުން ކުޅޭ ގޭމްތަކެވެ. ގޭމްގެ ތެރޭގައި ކުޅުންތެރިން މުއާމަލާތްކުރަން ވޮއިސް ޗެޓް ހިމަނާފައިވެ އެވެ. އެގޮތަށް ރާއްޖޭގައި މިހާރު މަޝްހޫރު މޮބައިލް ގޭމްތައް ކަމުގައިވާ ފޯޓް ނައިޓާއި ޕަބްޖީ ފާހަގަކޮށްފައިވެ އެވެ.

އެ ގޭމްތަކަކީ ހަނގުރާމައިގެ މައިދާނެއް ތަޖުރިބާކުރެވޭ ގޮތަށް ހަދާފައިވާ ގޭމްތަކެއް ކަމަށާއި ހަތިޔާރާއި އިދިކޮޅު މީހުން މެރުމަކީ މި ގޭމްތަކުގެ މައިގަނޑު ކަންކަން ކަމަށް ބުންޏެވެ. އޭގެ އިތުރުން ވޮއިސް ޗެޓް ފީޗާ ބޭނުންކޮށްގެން ހަޑި ހުތުރު ބަހުރުވައިން ކުޅުންތެރިންނާ މުއާމަލާތްކުރާ ކަމަށާއި ކުޑަކުދިންނަށް ބުލީ ކުރުމާއި ނަފްސާނީގޮތުން ބަލިކޮށްލަން އެކި ވާހަކަ ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"މި ގޭމްތަކުގައި މައިކްރޯ ޓްރާންސެކްޝަންސް ހިމަނާފައިވެ އެވެ،" ބަޔާނުގައި ބުންޏެވެ.

މައިކްރޯ ޓްރާންސެކްޝަން އަކީ ގޭމްގެ ތެރެއިން ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އިތުރު ހަތިޔާރު ނުވަތަ ކެރެކްޓާ އަށް ބޭނުންވާ އަޕްގްރޭޑުތައް ހެދޭ ވިޔަފާރި މުއާމަލާތެކެވެ

ކުދިންގެ އެކައުންޓުތަކުން އެފަދަ ހަރަދު ކުރޭތޯ އަދި ކުރާ ކަމުގައިވާ ނަމަ ކޮންޓްރޯލްކުރުމަކީ މުހިއްމު ކަމެކެވެ.

ގޭމް ހެކިން އަދި ޗީޓް ސޮފްޓްވެއާ ބޭނުންކޮށްގެން އެހެން ކުޅުންތެރިންގެ ކޮމްޕިއުޓަރުތަކަށް ވައިރަސް ފޮނުވައި އެ ތަކެއްޗަށް އެކްސެސްވެ މައުލޫމާތު ނެގުމަކީ ވަރަށް ނުރައްކާ ކަމެކެވެ. އެފަދަ މައްސަލައެއްގައި ބޭރު ގައުމަކުން 2018 ވަނަ އަހަރު 15 މީހުން ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރީ ޕަބްޖީ ގޭމް ތެރެއިން އެހެން ކޮމްޕިއުޓަރުތަކުގެ ކޮންޓްރޯލް ނަގައި ސްކޭންކޮށް މައުލޫމާތު ނެގުމުގެ ކުށުގަ އެވެ.