Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވްވެ ޖޮކޮވިޗް މާފަށް އެދިއްޖެ

ކޮވިޑަށް ޕޮޒިޓިވްވެ ޖޮކޮވިޗް މާފަށް އެދިއްޖެ

24 ޖޫން 2020

ބެލްގްރޭޑް، ސާބިއާ (ޖޫން 24) - މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ބައިވެރިވުމާ އެކު އިންތިޒާމުކުރި އެޑްރިއާ ޓުއާ އިވެންޓްސްގެ ތެރެއިން އޭނާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެލްގްރޭޑް، ސާބިއާ (ޖޫން 24) - މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ބައިވެރިވުމާ އެކު އިންތިޒާމުކުރި އެޑްރިއާ ޓުއާ އިވެންޓްސްގެ ތެރެއިން އޭނާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އޭނާ ވަނީ ދައްކާލުމުގެ އެ މުބާރާތް ބޭއްވުނީތީ މާފަށް އެދިފަ އެވެ. ޔޫރަޕްގެ ބާލްކަން ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ރޭވި މި މުބާރާތުގައި ޖޮކޮވިޗް ބައިވެރިވީ މިދިޔަ ހުކުރު ދުވަހު ކްރޮއޭޝިއާގައި ކުރިއަށް ދިޔަ އިވެންޓްގަ އެވެ. މި އިވެންޓްގައި ބައިވެރިވި ހަތަރު ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާޔީ، އިވެންޓުގެ ބާކީ އޮތް ދެ ގައުމުގެ ޓުއާތައް ވަނީ ކެންސަލްކޮށްފަ އެވެ.

ޖޮކޮވިޗާއި އޭނާގެ އަންހެނުން ޕޮޒިޓިވިކަން އެނގުނީ ކްރޮއޭޝިއާގެ އިވެންޓް ނިންމާފައި އުފަން ގައުމު ސާބިއާ އަށް ދިއުމުން ޓެސްޓްކުރުމުންނެވެ. އެކަމަކު ދަރިންގެ ޓެސްޓްތައް ނެގެޓިވް އެވެ.

އެންޑްރިއާ އިވެންޓް ކުރިއަށް ގެންދަން ނިންމީ ޔޫރަޕްގެ އެކި ގައުމުތަކުން ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުންނެވެ. ޖޮކޮވިޗް ބުނީ މުބާރާތް ބޭއްވުމުގެ ހުއްދަ ގައުމުތަކުން ދިން ކަމުގައި ވިޔަސް ހަގީގަތުގައި މުބާރާތް ކުރިއަށްގެންދެވުނީ ވަރަށް އަވަސް އަރުވާލައިގެންކަން ގަބޫލުކުރާ ކަމަށެވެ.

"މިއީ ބާލްކަން ސަރަހައްދުގައި ތިބި ޓެނިސް ކުޅުންތެރިންނަށް އެހީވުމަށް އަހަރެމެން ފެށި މަސައްކަތެއް. މި މުބާރާތް އަވަހަށް ބޭއްވުމަކީ އަހަރެމެންނަށް ހެދުނު ގޯހެއް ކަމަށް މިހާރު ގަބޫލުކުރަން. އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅުތަކެއް އެޅިފައި ނެތް،" ސާބިއާގެ ނޫހަކަށް ޖޮކޮވިޗް ބުންޏެވެ.

އެޑްރިއާ ޓުއާއާ ގުޅިގެން ބަލްކަން ސަރަހައްދުގެ ގައުމުތަކުގައި މީހުން އެއްވެ ގިނަ އިވެންޓްތައް އަންނަނީ ހިންގަމުންނެވެ. އެހެންވެ މި އިވެންޓާ ގުޅުން ހުރި އެކި ހަރަކާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖޮކޮވިޗް ވަނީ މިކަމާ ވަރަށް ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

"މިކަމާ ގުޅިގެން ފެންނަ ކޮވިޑް-19ގެ ކޮންމެ ކޭސް އަކަށް ވަކިވަކިން އަހަރެން މާފަށް އެދެން. ހަގީގަތުގައި މި ވަގުތު އެންމެ ބޮޑު އިސްކަންދޭން ޖެހޭނީ ސިއްހަތަށް. އަހަރެން އެންމެންގެ ކިބައިން މާފަށް އެދެނީ އެކަމަށް،" ޖޮކޮވިޗް ބުންޏެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗްގެ އިތުރުން ދެން ޕޮޒިޓިވްވި ކުޅުންތެރިންނަކީ ގްރިގޯ ޑިމިޓްރޯފް، ބޯނާ ކޯރިޗް އަދި ވިކްޓަ ޓްރޮއީކީ އެވެ. މި އިވެންޓް ބޭއްވުމުގައި ޖޮކޮވިޗް ބައިވެރިވީތީ އޭނާ އަށް ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ޓެނިސް ކުޅުންތެރިންނާއި މި ވަގުތު ވެސް ޓެނިސް ކުޅެމުން އަންނަ ތަރިން ހިމެނެ އެވެ.

އެޑްރިއާ ޓުއާ އިވެންޓްސް އަކީ ރަސްމީ އިދާރާތަކާ ގުޅިގެން ކުރިއަށްދިޔަ ޓެނިސް އިވެންޓެއްް ނޫނެވެ. ރަސްމީކޮށް ޓެނިސް ހަރަކާތްތައް ފެބްރުއަރީ މަހު މެދުކަނޑާލިއިރު، އަލުން ފަށަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހު 14 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ބާއްވާނެ ބޮޑު މުބާރާތަކީ އޮގަސްޓް 13 އިން ސެޕްޓެމްބަރު 13 އަށް ކުރިއަށްގެންދަން ނިންމާފައިވާ ޔޫއެސް އޯޕަން އެވެ.