Roadha Mihaaru
ޖޮކޮވިޗާ އެކު ސާބިއާ ޑޭވިސް ކަޕުން ކަޓައިފި

ޖޮކޮވިޗާ އެކު ސާބިއާ ޑޭވިސް ކަޕުން ކަޓައިފި

04 ޑިސެމްބަރ 2021

މެޑްރިޑް (ޑިސެމްބަރު 4) - އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން އަހަރު ފަހުކޮޅު ބާއްވާ އެންމެ ދުވަސްވީ ފިރިހެން ޓީމު އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕުގެ ސެމީ ފައިނަލުގައި ނޮވަކް ޖޮކޮވިޗާ އެކު ކުޅުނު ސާބިއާ ޓީމު ކްރޮއޭޝިއާ އަތުން ބަލިވެ، ފައިނަލުގެ ޖާގަ ގެއްލިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޑިސެމްބަރު 4) - އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން އަހަރު ފަހުކޮޅު ބާއްވާ އެންމެ ދުވަސްވީ ފިރިހެން ޓީމު އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕުގެ ސެމީ ފައިނަލުގައި ނޮވަކް ޖޮކޮވިޗާ އެކު ކުޅުނު ސާބިއާ ޓީމު ކްރޮއޭޝިއާ އަތުން ބަލިވެ، ފައިނަލުގެ ޖާގަ ގެއްލިއްޖެ އެވެ.

ސްޕެއިންގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ކުރީގެ ޔޫއެސް އޯޕަން ޗެމްޕިއަން އަދި މި އަހަރު ޖަޕާނުގައި ބޭއްވި ސަމާ އޮލިމްޕިކްސްގެ ފިރިހެން ޑަބަލްސް އިވެންޓުން ރިހި މެޑެލް ހޯދި ކްރޮއޭޝިއާގެ މަރީން ސިލިޗާ ދެކޮޅަށް ޖޮކޮވިޗް ކުޅުނު ސިންގަލްސް މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރި އެވެ. ނަމަވެސް، ކްރޮއޭޝިއާ މޮޅުވީ އެންމެ ފަހުން ކުޅުނު ޑަބަލްސް ގޭމުގައި ޖޮކޮވިޗާއި ފިލިޕް ކްރަހީނޮވިޗް ސީދާ ދެ ސެޓުން ބަލި ކޮށްފަ އެވެ.

ޓެނިސްގެ ފިރިހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިން ލީޑު ކުރަމުންދާ ސާބިއާގެ މަޓޭ ޕަވިޗާއި ނިކޯލާ މެކްޓިޗް ފަހު ގޭމް ކާމިޔާބު ކުރީ 7-5، 6-1 އިންނެވެ. އަދި މި މެޗުގެ ފުރަތަމަ ގޭމުގައި ކްރޮއޭޝިއާގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ބޯނޯ ގޯހޯ ވަނީ 2-1 ސެޓުން ސާބިއާގެ ޑުސާން ލަޔޮވިޗް ބަލި ކޮށްފަ އެވެ. ގޯހޯ ވަނީ އޭނާ މި އިވެންޓުގައި ކުޅުނު ތިން ސިންގަލްސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ކްރޮއޭޝިއާގެ ޑަބަލްސް ޕެއާ، ޕަވިޗް (ވ) އަދި މެކްޓިޗް (ކ).-- ފޮޓޯ: އޭއެފްޕީ

ކްރޮއޭޝިއާގެ ޑަބަލްސް ޕެއާ، ޕަވިޗް (ވ) އަދި މެކްޓިޗް (ކ).-- ފޮޓޯ: އޭއެފްޕީ

ޓެނިސް ވޯލްޑް ކަޕް ގޮތުގައި ކުޅޭ ޑޭވިސް ކަޕް ފައިނަލްސް (ވޯލްޑް ގުރޫޕް) އިވެންޓުގެ ފައިނަލުގައި މާދަމާ ކްރޮއޭޝިއާ ޓެނިސް ޓީމަށް ވާދަ ކުރަން ޖެހޭނީ މިއަދު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ އެވެ. ޖަރުމަން ޓެނިސް ޓީމާ ދެކޮޅަށް ސެމީގެ ދެވަނަ މެޗުގައި މިއަދު ވާދަކުރާނީ ރަޝިއާގެ ގައުމީ ޓެނިސް ޓީމެވެ.

ޖޮކޮވިޗް ވަނީ 2010 ވަނަ އަހަރު ސާބިއާ މިހާތަނަށް ޑޭވިސް ކަޕް ފައިނަލްސް ކާމިޔާބު ކުރި ހަމައެކަނި ފަހަރު ވެސް ޓީމުގައި ކުޅެފަ އެވެ. އަދި 2013 ވަނަ އަހަރުގެ ފައިނަލުން ބަލިވެފައި ވާއިރު، ރޭގެ މެޗަށް ފަހު ޖޮކޮވިޗް ބުނީ، ދެވަނަ ފަހަރަށް ސާބިއާ އިން މުބާރާތް ކާމިޔާބު ކުރަން ބޭނުން ނަމަ ވަރުގަދަ ޑަބަލްސް ޕެއާއެއް ހޯދަން ޖެހޭ ކަމަށެވެ.

ކްރޮއޭޝިއާ ވަނީ ތިން ފަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށް، ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ކްރޮއޭޝިއާ ޑޭވިސް ކަޕް ޗެމްޕިއަންކަން ހޯދީ 2018 ވަނަ އަހަރެވެ.

މި އަހަރުގެ ވިމްބެލްޑަން އޯޕަންސް ޑަބަލްސް އާއި ޖަޕާނުގައި އޮތް އޮލިމްޕިކް މުބާރާތުގައި ވެސް ޑަބަލްސް އިވެންޓް ކާމިޔާބު ކުރި ކްރޮއޭޝިއާގެ ޕަވިޗާއި މެކްޓިޗްގެ ޑަބަލްސް ޕެއާ ވަނީ މިހާތަމަށް މި އަހަރު ވާދަކުރި 12 ފައިނަލެއްގައި ކުޅެ، ނުވަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.