Roadha Mihaaru
ރަށުން ފުލުހުންގެ ބަންދަށް، ދެން ކަށްވަޅަށް

ރަށުން ފުލުހުންގެ ބަންދަށް، ދެން ކަށްވަޅަށް

20 އޮކްޓޯބަރ 2016

ފުލުހުންގެ ފަރާތުން އދ. މަހިބަދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދީ، އދ. ފެންފުށީ އެއްގަމުގޭ އާދަމް އަލީ، 57، ހައްޔަރު ކުރުމަށް އޮކްޓޯބަރު 27، 2014ގައި އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. އެ ދުވަހު ފުލުހުން ފެންފުށްޓަށް ގޮސް އޭނާ ހައްޔަރުކޮށްގެން މަހިބަދު އަށް ގެންދިޔަ އެވެ. އެ ހިސާބުން އާއިލާއާ އޭނައާ ގުޅުން ކެނޑުނެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ފުލުހުންގެ ފަރާތުން އދ. މަހިބަދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދީ، އދ. ފެންފުށީ އެއްގަމުގޭ އާދަމް އަލީ، 57، ހައްޔަރު ކުރުމަށް އޮކްޓޯބަރު 27، 2014ގައި އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ. އެ ދުވަހު ފުލުހުން ފެންފުށްޓަށް ގޮސް އޭނާ ހައްޔަރުކޮށްގެން މަހިބަދު އަށް ގެންދިޔަ އެވެ. އެ ހިސާބުން އާއިލާއާ އޭނައާ ގުޅުން ކެނޑުނެވެ.

ޖެހިގެން އައި ދުވަހު މަހިބަދޫ ކޯޓަށް ހާޒިރު ކުރުމުން، އޮކްޓޫބަރު 28، 2014 އިން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އެ ކޯޓުން އަމުރެއް ނެރުނެވެ. އަދި އޭގެ ފަހުން ފެބްރުއަރީ 15، 2015ގެ ނިޔަލަށް ކޮންމެ 15 ދުވަހަކުން އެ ކޯޓުން މުއްދަތު އިތުރު ކުރަމުން ދިޔަ އެވެ. މި މުއްދަތުގައި އޭނާ ހައްޔަރުކޮށްފައި ހުރީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގަ އެވެ.

އެ މުއްދަތު ހަމަވުމުން ފެބްރުއަރީ 15، 2015 ގައި މާމިގިލީ ކޯޓަށް ހާޒިރުކޮށް އިތުރު 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އަދި 25 ފެބްރުއަރީ 2015 ގައި މާމިގިލީ ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓު އަމުރެއް ނެރުނެވެ.

އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލަކު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރި ފަހުން އޭނާ ހުރީ ކޮން ތަނެއްގައި ކަން އޭނާގެ އާއިލާ އަށް އެނގުނީ އެތައް މަހެއް ފަހުންނެވެ.

"އެއީ ވަރަށް ނިކަމެތި ބައެއް. އަޅުގަނޑު ގާތަށް އޭނާގެ ކޮއްކޮއަކު އައީ އެ ކަމެއް ހިނގިތާ ނުވަ ވަރަކަށް މަސްވީ ފަހުން. ބުނީ މި އުޅެނީ ފުލުހުން ބޭބެ ހައްޔަރުކޮށްގެންނޭ، ވީތަނެއް ބަލައިދީބަލާށޭ. ދެން އަޅުގަނޑުމެން މި ދިޔައީ މާލޭގައި ހުންނަ އަތޮޅުވެއްސަށް. އެ ތަނަށް ގޮސް ބެލުމުން މި އެނގުނީ އޭރު އޭނާ ހުރީ އެ އަތޮޅުން މާލެ ގެނެސް ދޫނިދޫގައި ހައްޔަރު ކޮށްފައި ކަން،" ވަކީލު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން މީހަކު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންވާނީ އެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދުމުންނެވެ. ނަމަވެސް މިފަދަ އަމުރެއް ހޯދުމަށް ޕީޖީގެ ފަރާތުން ކޯޓުގައި އެދިފައި ނުވާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދޭ ނަމަ، މި ގާނޫނުގެ 31 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ (ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވާ) ސަބަބުތައް ކޯޓުގައި ސާބިތުކޮށްދިނުމަށް ކޯޓުގައި އަޑުއެހުމެއް ވެސް ބާއްވާފައި ނުވާ ކަމަށް އާދަމް އަލީގެ ގާނޫނީ ވަކީލު ވިދާޅުވެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ނޮވެމްބަރު 24، 2015 ގައި އޭނާގެ ވަކީލު ފޮނުވި ސިޓީއަކާ ގުޅިގެން ޕީޖީ އޮފީހުން، ޖެނުއަރީ 7، 2016 ގައި ފޮނުވި ޖަވާބުގެ ސިޓީގައި ބުނެފައި އޮންނަނީ، އާދަމް އަލީގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އެދި އދ. މާމިގިލީ ކޯޓަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

އާދަމް އަލީގެ މައްޗަށް ފެންފުށީ ކޯޓުގައި ދައުވާ ކުރި ކަން އަންގައިދޭ، ޕީޖީ އޮފީހުގެ ލިޔުމާއި، އޭނާ ބަންދުގައި ބަހައްޓަން ދީފައިވާ ކޯޓު އަމުރުތަކާއި އެހެން ބައެއް ލިޔުންތައް.

އާދަމް އަލީގެ މައްޗަށް ފެންފުށީ ކޯޓުގައި ދައުވާ ކުރި ކަން އަންގައިދޭ، ޕީޖީ އޮފީހުގެ ލިޔުމާއި، އޭނާ ބަންދުގައި ބަހައްޓަން ދީފައިވާ ކޯޓު އަމުރުތަކާއި އެހެން ބައެއް ލިޔުންތައް.

ހައްޔަރު ކުރި ދުވަހުން ފެށިގެން، ނޮވެމްބަރު 2015 އާ ހަމައަށް، އޭނާ ބަންދުގައި ހުރީ މާމިގިލީ ޕޮލިސް ސްޓޭޝަންގަ އެވެ. އެއަށް ފަހު އޭނާ މާލެ އަށް ބަދަލުކޮށް ދޫނިދޫ ޖަލުގައި ހައްޔަރު ކުރި އެވެ. އެހެންކަމުން، އާދަމް އަލީ އަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭވަރުވީ، ހައްޔަރު ކުރިތާ އެއް އަހަރާއި 13 ދުވަސް ފަހުން، ނޮވެމްބަރު 10، 2015ގަ އެވެ. ވަކީލަކު ހަމަޖެހުމާ ގުޅިގެން އާދަމް އަލީއާ ބައްދަލުކުރުމަށް އެދުމުން، ދޫނިދޫގައި އޭނައާ ބައްދަލު ކުރުމުގެ ފުރުސަތު ފުލުހުން ވަކީލުންނަށް ފަހިކޮށްދިނެވެ.

އާދަމް އަލީގެ ވަކީލުގެ ސިޓީއެއްގެ ޖަވާބުގައި ޖެނުއަރީ 7، 2016 ގައި ޕީޖީ އޮފީހުން ފޮނުވި ސިޓީން އެނގޭ ގޮތުގައި، ނޮވެމްބަރު 27، 2014 ގައި ހައްޔަރު ކުރި އާދަމް އަލީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވީ ފެބްރުއަރީ 11، 2015ގަ އެވެ. ހައްޔަރު ކުރިތާ އެއް މަހާއި 15 ދުވަސް ފަހުންނެވެ.

އޭގެ ފަހުން އާދަމް އަލީގެ ވަކީލުންނަށް، ޖެނުއަރީ 21، 2016 ގައި ޕީޖީ އޮފީހުން ފޮނުވި ސިޓީން އެނގޭ ގޮތުގައި ނޮވެމްބަރު 27، 2014 ގައި ހައްޔަރު ކުރި އާދަމް އަލީގެ މައްޗަށް ދައުވާ ކުރީ ޑިސެމްބަރު 28، 2015ގަ އެވެ. އެއީ އޭނާ ހައްޔަރު ކުރިތާ އެއް އަހަރާއި އެއް މަސް ފަހެވެ. އަދި ފުލުހުން ޕީޖީ އަށް ހުށަހެޅިތާ، 10 މަހާއި 12 ދުވަސް ފަހެވެ.

ނަމަވެސް މީގައި ފާހަގަކޮށްލެވޭ ކަމަކީ، މައްސަލައިގައި ދައުވާ ކުރަން ފޮނުވި އިރު، ދައުވާ ލިބޭ ފަރާތް ކަމުގައިވާ އާދަމް އަލީ ހައްޔަރު ކޮށްފައި ހުރީ ދޫނިދޫގައި ކަމެވެ. ޕީޖީގެ ފަރާތުން ދައުވާ ހުށަހެޅީ އދ. ފެންފުށީ ކޯޓަށެވެ. ދައުވާ ލިބޭ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް އެކަހެރި ތަނެއްގައި ބަންދުކޮށްފައި ކަމަށްވާ އިރު، އޭނާއަކީ ދައުވާ އަށް ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމުގެ އަމިއްލަ އިޚްތިޔާރާއި ބާރުން މަހްރޫމްވެފައިވާ މީހެކެވެ.

ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ދޫނިދޫގައި ހުރި އާދަމް އަލީ، ފުލުހުންގެ ބެލުމުގެ ދަށުން ޑީޕީއާރްއެސްއާ ހަވާލުކޮށް އޭނާ މާލޭ ޖަލަށް ބަދަލުކުރި ކަމެވެ. އާންމު އުސޫލެއްގެ ގޮތުން ޑީޕީއާރްއެސްގެ ބެލުމުގެ ދަށަށް ގެންދަނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާ ފެށުމުންނެވެ. ނަމަވެސް އާދަމް އަލީ ޑީޕީއާރްއެސްގެ ބެލުމުގެ ދަށަށް ގެންގޮސް ޖެނުއަރީ 2015ގެ ތެރޭގައި މާލޭ ޖަލަށް ބަދަލުކުރި އިރު، އޭނާގެ މައްޗަށް ދައުވާ ކުރި ކަން ވެސް، މާލޭ ޖަލުގައި ހުރި އާދަމް އަލީ އަށް ނޭނގެ އެވެ.

ސުވާލަކީ، ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފައި ހުރި މީހެއްގެ މައްޗަށް، އދ. ފެންފުށީ ކޯޓުގައި ދައުވާ ކުރީ ކީއްވެ ކޮން މަގްސަދެއްގައި ހެއްޔެވެ؟ އަދި އަމުދުން ފެންފުށީ ކޯޓުގައި ދާއިމީ މެޖިސްޓްރޭޓަކު ވެސް ނުހުންނަ އިރު، ހައްޔަރު ކޮށްފައި ހުންނަތާ އެހާ ގިނަ ދުވަސްވީ މީހެއްގެ މައްސަލަ އެ ކޯޓަށް ފޮނުވީ ކީއްކުރަން ހެއްޔެވެ؟

އާދަމް އަލީގެ ވަކީލުން ބުނި ގޮތުގައި އޭނާ ދޫނިދޫ ޖަލުގައި ހުއްޓައި ފެންފުށީ ކޯޓަށް މައްސަލަ ހުށަހެޅިކަން އެނގުމުން އެ ކަން އޮޅުން ފިލުވި އިރު، އޭނާ ހުރީ މާލޭ ޖަލަށް ބަދަލުކޮށްފަ އެވެ. "އޭނާ ހުރީ މާލޭގައި ކަމަށްވާތީ ދެން އަޅުގަނޑުމެން ޕީޖީގައި އެދުނީ އޭނާގެ މައްސަލަ މާލޭގެ ކޯޓަކަށް ބަދަލުކޮށްދޭން. އެކަމެއް ނުކޮށްދިން. އެކަން ނުކޮށްދިން އިރު ފެންފުށީގައި ނެތް މެޖިސްޓްރޭޓެއް ވެސް. ފެންފުއްޓަށް މިދަނީ ވަގުތީ ގޮތުން ކޮންމެ މަހަކު ނޫނީ ދެ މަހުން އެއްމަހު، ދާ މީހަކަށް މި ހުންނަނީ މަންދޫ ކޯޓުގެ އޭރުގެ މެޖިސްޓްރޭޓް މުހައްމަދު ހަސަން. އެ މެޖިސްޓްރޭޓް ކައިރިން އަހަރެމެން އެދުނީ އޭނަގެ މައްސަލަ އަވަސްކޮށްދޭށޭ އެތައް ފަހަރަކު ގުޅައިގެން ވެސް. އޭނަ ބުނީ ދެ ދުވަހު ޝަރީއަތް ބާއްވަން ޝެޑިއުލް ކުރީމޭ. ޝެޑިއުލް ކުރީމާ، ޑީޕީއާރްއެސް އިން އޭނާ ހާޒިރެއް ނުކޮށްދިނޭ ކޯޓަކަށް. ދެން ކިހިނެއްހޭ ޝަރީއަތް ބޭއްވޭނީ. އެ ކޯޓުން އެބަ ބުނޭ ދެ ފަހަރު އޮންނާނޭ ޑީޕީއާރްއެސްގައި ރިކުއެސްޓް ކޮށްފައި އޭނާ ހާޒިރު ކޮށްދޭން. ޑީޕީއާރްއެސް އިން ބުނަނީ މާލޭގައި ހުރި މީހަކު އެހެން ރަށަކެއްގެ ކޯޓަކަށް ހާޒިރެއް ނުކުރެވޭނެޔޭ. ޕީޖީއަކުން އޭނާގެ މައްސަލަ މާލެއަކަށް ބަދަލެއް ނުކޮށްދިން. ޑީޕީއާރްއެސް އިން އޭނާ ފެންފުށީ ކޯޓަށް ހާޒިރެއް ނުކޮށްދިން. އެ ދޭތެރޭ މެދުގައި އޭނާ ތާށިވީ،" ވަކީލް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރު ކުރި މީހެއްގެ ޝަރީއަތް ވެސް ނުފަށަނީސް އޭނާ ޑީޕީއާރްއެސްއާ ހަވާލު ކުރީ ކޮން ބޭނުމަކުތޯ ވެސް ސުވާލު އުފެދެ އެވެ. ފުލުހުންނަކީ ޑީޕީއާރްއެސް އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަސީލަތްތައް ގިނަ އިދާރާއަކަށްވާ އިރު، ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރި ނަމަ، ފެންފުށީ ކޯޓަށް އޭނާ ހާޒިރު ކުރުން ފަސޭހަވާނެ އެވެ.

ދެން އޮތީ އެ މީހަކު ނިސްބަތްވާ ދާއިރާއެއްގެ ކޯޓުގައި އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގެ މައްސަލަ އެވެ. މިއީ މާ ބޮޑު މައްސަލައަކަށް ނުވިޔަސް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި، ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބަހައްޓަން ކޯޓު އަމުރެއް ދީފައި އޮތް އިރު، އޭނާގެ ޝަރީއަތް ހިންގާ ކޯޓަކަށް އޭނާ ހާޒިރު ކޮށްދިނުމަކީ ހޯމް މިނިސްޓްރީގެ ޒިންމާއެކެވެ.

ފުލުހުންގެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ތަނަކަށްވާ ފަދައިން ޑީޕީއާރްއެސް އަކީ ވެސް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާއެކެވެ. ދައުލަތުގެ އެއް ވުޒާރާއެއްގެ ދަށުން ހިންގާ ދެ އިދާރާ އެވެ.

އާދަމްއަލީ މާލޭ ޖަލުގައި ނުވަތަ ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި އިރު، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފެންފުށީ ކޯޓަށް ހުށަހެޅީ އޭނާ އަމިއްލައަކަށް ނޫނެވެ. އޭނާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުން މާލޭގައި ހައްޔަރުކޮށްފައި ކަން އެނގި ހުރެ، އޭނާގެ މައްސަލަ ފެންފުށީ ކޯޓަށް ފޮނުވީ ވެސް ދައުލަތުގެ ފަރާތުންނެވެ. ޖަލުގައި ހުރުމުގެ ސަބަބުން، އަމިއްލަ އިޚްތިޔާރުގައި ކޯޓަށް ހާޒިރުވެވޭނެ ގޮތެއް ނެތް މީހަކު، އޭނާގެ މައްޗަށް ކުރާ ޝަރީއަތަކަށް ހާޒިރު ކޮށްދިނުމަކީ ވެސް ދައުލަތުގެ ޒިންމާއެއް ކަމުގައި ނޫނީ ނުވާނެ އެވެ.

އާދަމް އަލީއަކީ ސިޔާސީ މީހެއް ނޫނެވެ. ޕާޓީއެއްގެ ނުފޫޒު ގަދަ މަގާމެއްގައި ހުރި މީހެއް ނޫނެވެ. އެހެންކަމުން ކޮންމެ ފަދަ ކުށެއްގެ ތުހުމަތުގައި ކަމަށް ވިޔަސް، އޭނާ ހައްޔަރުކުރި ކަމާއި، ދައުވާއެއް ކުރުމެއް ނެތި ދޮޅު އަހަރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި ކަން އެނގޭ މީހަކު ނެތެވެ. އޭނާގެ ހައްގުތައް ހޯދައިދޭނެ މުއައްސަސާއެއް ނެތެވެ.

އޭގެ ފަހުން ނޫސްތަކުގެ ސުރުޚީން ފެނުނީ މާލޭގައި ހުންނަ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައި ހުރި މީހަކު، ސެޕްޓެމްބަރު 12، 2016 ގައި އެ ތަނުގައި މަރުވި ވާހަކަ އެވެ. ރިމާންޑް ސެންޓަރުގެ މީހުންނަށް ފެނުނީ، އޭނާ ބިންމައްޗަށް ވެއްޓުނު ތަނެވެ. އޭގެ ފަސް މިނިޓް ފަހުން އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން އޭރު ވިދާޅުވެފައިވެ އެވެ.

ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު ވިޔަސް، އެ މީހެއްގެ ތަހުގީގު ވީހައި އަވަހަކަށް ނިންމައި ޝަރީއަތުން ގޮތެއް ކަނޑައެޅުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެކެވެ. ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގައި ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާ މެދު ޝަރީއަތް ކޮށް ނިންމުމުގެ ހައްގު ލިބިގެންވެ އެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި (މާމިގިލީ ޕޮލިސް ސްޓޭޝަން، ދޫނިދޫ، މާލޭ ރިމާންޑް ސެންޓަރުގައި) ހުރި މީހަކު ޖަލު ތެރެއަށް މަރުވެގެން ވެއްޓިގެން އެ ދިޔައީ، ޝަރީއަތެއް ކުރެވުމެއް ނެތި އެއް އަހަރާއި ނުވަ މަހާއި 15 ދުވަސް ވަންދެން ހައްޔަރުކޮށްފައި ހުރެ އެވެ. މިކަން ދެނެހުރީ ދައުލަތުގެ ކޮން މުއައްސަސާއެއް ހެއްޔެވެ؟