Roadha Mihaaru
ޖަލުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގައި ލުއިތަކެއް

ޖަލުގައި ތިބޭ މީހުންނާ އާއިލާއިން ބައްދަލު ކުރުމަށް ލުއިތަކެއް

29 ޑިސެމްބަރ 2022

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު އާއިލާގެ ގިނަ މީހުންނަށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު އާއިލާގެ ގިނަ މީހުންނަށް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކުރިން ގަވާއިދު އޮންނަ ގޮތުން ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ އަނބިންނާއި ފިރިންނާއި ދަރިންނާއި ދަރިންގެ ދަރިންނާއި މައިންބަފައިންނާއި މާމަ އާއި ކާފަގެ އިތުރުން ދޮންބައްޕަ އާއި ދޮންމަންމަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި ޝަރުއީ ބަދަލުވެރިންނަށެވެ.

ގަވާއިދަށް މިއަދު ގެނެސްފައިވާ އިސްލާހުގެ ދަށުން ބޮޑުބޭބެ އާއި ބޮޑުދައިތަ އާއި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ދަރިންނަށް ވެސް ބަންދުގައި ހުންނަ މީހާއާ ބައްދަލު ކުރެވޭނެ އެވެ. އަދި ދޮން މާމަ އާއި ދޮން ކާފައާ ވެސް ބައްދަލު ކުރެވޭނެ އެވެ.

ޖަލުގައި ބައްދަލު ކުރުމުގެ އިތުރުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ވެސް މި ބަދަލު ވަނީ ގެނެސްފަ އެވެ. އެހެންވެ، އާއިލީގެ ގޮތުން އެ ދަރަޖައިގެ މީހަކު މަރުވެއްޖެނަމަ، ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ބަންދުގައި ހުންނަ މީހާއަށް ލިބޭނެ އެވެ.

މި ގަވާއިދުގެ މި އުސޫލުތައް ހިނގާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އެކަންޏެވެ. އަދި ހުކުމް ތަންފީޒުކުރާ މީހުންނާއި ރިމާންޑް ޖަލުތަކުގައި ތިބޭ މީހުންނަށް އޮންނަނީ ކަރެކްޝަންސް އިން ހަދާ ވަކި ގަވާއިދެކެވެ.