Roadha Mihaaru
ބަންދު މީހުންނާ ބަައްދަލުކުރެވޭ އުސޫލަށް ބަދަލުތަކެއް

ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބަައްދަލު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

14 މާޗް 2020

ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލުކުރެވޭ އުސޫލަށް، ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަދަލު ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލުކުރެވޭ އުސޫލަށް، ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަދަލު ގެނެސްފި އެވެ.

ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 ހުރި 10 މީހަކު ރާއްޖެއިން ފެނި، މުޅި ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އަދި ޔުނިވަސިޓީތަކާއި ކޮލެޖްތައް ބަންދުކޮށް، އިތުރު ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ.

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، އާންމު ހާލަތަކަށް ބަދަލު ވަންދެން، ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އޭގެ ބަދަލުގައި ކޮންމެ 10 ދުވަހަކު 10 މިނެޓްގެ ފޯން ކޯލެއް ކޮންމެ މީހަކަށް ވެސް ދޭން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވަކީލުންނާ ބައްދަލު ކުރަން 30 މިނެޓްގެ ފޯން ކޯލެއް ދެވޭނެ ކަމަށާއި އަދި ރޯގާގެ އަލާމާތްތައް ހުރެއްޖެ ނަމަ، ވަކީލުންނާ ބައްދަލު ނުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ރޯގާގެ އަލާމާތެއް ނެތަސް، ބަންދު މީހުންނާ ބައްދަލު ނުކުރަން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައިއިރު، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބި މީހުންނާ ބައްދަލު ކުރުމުގެ އުސޫލުތަކަށް ވެސް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ އެވެ.