Roadha Mihaaru

ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ ކަމަށް ބުނެފި

ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރި ނަމަވެސް ގައުމު އިސްލާހުކުރުމަށް ފަށާފައިވާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ

ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރި ނަމަވެސް ގައުމު އިސްލާހުކުރުމަށް ފަށާފައިވާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ފުލުހުން ގާސިމް ހައްޔަރުކޮށްފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށެވެ.

"ދޮގު ތުހުމަތުތަކެއްގެ އިލްޒާމް އޭގައި އެކުލެވިގެންވާކަން އަޅުގަނޑުމެން މި ފުރުސަތުގައި ފާހަގަކުރަން. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސަރުކާރު ގޮތް ހުސްވެފައިވާކަން. ސަރުކާރުގެ އަނިޔާވެރިކަން އަނެއްކާ ވެސް އިތުރުވެގެން ދިޔަތަން. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި ސަރުކާރު ބަލިވެއްޖެކަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމް ހައްޔަރުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގާސިމް ހައްޔަރުކުރީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްގެން ކަމަށެވެ. އަދި ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވާ ކަމަށް ކޯޓު އަމުރުގައި ލިޔުއްވާފައިވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެހާ ސީރިއަސް ތުހުމަތުތަކެއް ކުރައްވާ އިރުގައި މި މައްސަލަ ބަލަން މިއޮތީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކަމަށް ކަނޑައެޅިފައިވާ ކަމަށް މައުލޫމާތު ލިބެނީ. މޯލްޑިވްސް ޕޮލިސް ސާވިސްގައި މި ބާވަތުގެ ސީރިއަސް މައްސަލަތައް ބަލަން ކަނޑައެޅިފައި އެބައޮވޭ ވަކި ޑިޕާޓްމަންޓެއް. އެއީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ކިޔާ ޑިޕާޓްމަންޓެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ގާސިމްއާ މެދު ތުހުމަތުކުރި މައްސަލައެއް ތަހުގީގުކޮށްފައި ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އަނބުރާ ފުލުހުންގެ އެދުމަށް ގެނެސް، ހައްޔަރު ކުރުމުގެ އަމުރެއްގައި އޭނާ ގެންދެވުމުން އެކަމާ މެދު ވަރަށް ބޮޑު ސުވާލުތަކެއް އުފެދިފައިވާ ކަަމަށެވެ. އަދި އެއީ މިހާރު ފަށައިގެން އުޅޭ އިސްލާހީ މަސައްކަތްތައް ފެށުމުން ކުރިޔަށް ހުރި ވޯޓުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެމްބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނަކާއި ގަވައިދުތަކެއް އެބަ އޮވޭ. އަޅުގަނޑު މިކަމާ ގުޅިގެން މަޖިލީހުގެ ސްޕީކަރަށް [ރައީސަށް] ފޯނުކޮށްލިން މިކަން އެނގިވަޑައިގެންފައިވޭތޯ ބެލުމަށް. ސްޕީކަ ޖަވާބެއް ނުދެއްވާ. މަޖިލީހުގެ އަމީން އާއްމު ޖަވާބު ދެއްވި. މަޖިލީހުގެ އަމީން އާއްމު ވިދާޅުވެފައި އެބައޮތް ތިމަންނައަށް ރަސްމީކޮށް އެނގިފައި ނެތޭ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މެމްބަރަކު ހައްޔަރުކޮށްފި ނަމަ އެކަން 15 މިނެޓްގެ ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ އަމީން އާއްމަށް އަންގަން ޖެހޭ ކަމަށެވެ. އަދި އެކަން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީއަށް އަންގަން ޕާޓީގެ ފަރާތުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ އަދި މިކަން ކުށްވެރިކުރަން. ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު، އަޅުގަނޑުމެން ދެކެނީ މިއީ ވަކި ގޮތަކަށް ފިކްސްކޮށްގެން ވަކި ގޮތަކަށް މި މައްސަލަތަކުގެ ނަތީޖާ ނެރުމަށް ކުރައްވާ އަމަލެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ގާސިމް ހައްޔަރުކުރީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ. އަދި ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގުޅިފައިވާ ޕާޓީތަކުގެ އެހެން ލީޑަރުގެ ނަމުގައި ގާސިމް މިނިވަންކުރުމަށް ގޮވާލާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން މަޖިލިސް ތެރެއިން އިސްލާހުކުރަން ހުރި ކަންތައްތައް ކުރުމަށް ކުރިޔަށް ދާން މިތިބީ. ގާސިމް އިބްރާހިމް ފަހަކަށް ދެއްކެވި ވާހަކަތަކުގައި މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ވިދާޅުވެފައި އެބަހުރި. ގާސިމް ވިދާޅުވެފައި އެބައޮތް އިތުރު ހިތްވަރަކާއެކު ކުރިޔަށް ދާން ޖެހޭނެ ކަމަށް. އެހެން ކަމުން އަޅުގަނޑުމެން މިތިބީ ކުރިޔަށްދާ ގޮތަށް،" ފަރިސް ވިދާޅުވި އެވެ.