Roadha Mihaaru
މައުމޫންގެ އާއިލީ ބައްދަލުވުންތައް ހުއްޓުވައިފި: ވަކީލް

މައުމޫންގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވައިފި

14 މެއި 2018

އެއްބަފާ ކޮއްކޯފުޅު ރައީސް އަބއދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްބަފާ ކޮއްކޯފުޅު ރައީސް އަބއދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތައް ހުއްޓުވާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން "މިހާރު" އަށް ވިދާޅުވީ އިއްޔެ އިން ފެށިގެން އާއިލީ ބައްދަލުވުންތައް ހުއްޓުވައި، މި މަހުގެ 28 އާ ހަމައަށް ބައްދަލުވުންތަކާއި ފޯނުކޯލްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ފުލުހުން ދެއްކީ، ކޯޓަށް ހާޒިރުވުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބުން ކަމަށް ވަކީލް ވިދާޅުވި އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސް ވެފައިވާއިރު، ފުލުހުންގެ މި އަމަލުގެ ސަބަބުން އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ މައުމޫން ހަމީދު ކަންބޮޑުވުންފާޅުކުރެއްވި އެވެ.

"އާއިލާގެ އެހީތެރިކަމާ އެކު ދޭން ޖެހޭ ފަރުވާތައް ނުދެވި ވަނިކޮށް، އާއިލީ ބައްދަލުވުންތައް ސަސްޕެންޑް ކުރުމުން ހާލުކޮޅު އިތުރަށް ގޯސްވާނެ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށް ދިނުމަށް އެދި މުއައްސަސާތަކަށް ހުށަހެޅި އެއްވެސް ސިޓީ އަކަށް މިހާތަނަށް ނަތީޖާއެއް ނުލިބެ އެވެ. އަދިވެސް ތަކުރާރުކޮށް މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައުމޫން ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާ އެކު އަރިހުގައި އަބަދުވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެއީ، ވާޓިގޯ އެޓޭކަކާ އެކު މައުމޫންގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ. އެ ބަލީގެ ސަބަބުން، ބޮލަށް ގެންނަ ހަރަކާތަކާ ގުޅިގެން ވެސް ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުން ވުމުގެ ފުރުސަތު އޮވެ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.