14 މެއި 2018
ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ބުނެ ބައްދަލުވުންތަކަށް ފުލުހުން އަލުން ހުއްދަ ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.
ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ބުނެ ބައްދަލުވުންތަކަށް ފުލުހުން އަލުން ހުއްދަ ދީފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.
މައުމޫންގެ ވަކީލް، މައުމޫން ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މައުމޫންގެ އާއިލީ ބައްދަލުވުންތައް މި މަހުގެ 28 އާ ހަމައަށް މެދުކަނޑާލި ކަން އާއިލާ އަށް ފުލުހުން އެންގި އެވެ. ނަމަވެސް އޭގެ އިރުގަނޑެއް ފަހުން، މައުމޫންގެ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލްތަކަށް ހުއްދަ ދިން ކަން ފުލުހުން އަންގާފައިވާ ކަމަށް މައުމޫންގެ އާއިލާ އިން ބުނެ އެވެ.
މައުމޫންގެ އާއިލާގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލްތައް ހުއްޓުވި ސަބަބު އޮޅުންފިލުއްވުމަށް، އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަރަށް ގިނަ މުއައްސަސާތަކަށް ގުޅުއްވި ކަމަށެވެ. އާއިލީ ބައްދަލުވުންތައް މެދުކަނޑާލި ކަމަށް ބުނެވުނީ، ފުލުހުންގެ ކަސްޓޯޑިއަލް އަށް އޮޅުމަކުން ކަމަށް ބުނެ ބައްދަލުވުންތަކަށް އަލުން ފޯމުލާން ފުލުހުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާގައި އެ ވާހަކަ [ބައްދަލުވުން ހުއްޓުވި ވާހަކަ] ޖެހީމާ، އެންގީ އޮޅުމަކުންވީ ކަމެއް ކަމަށް. އަލުން ފޯމު ހުށަހެޅީމަ މާދަމާ އަށް އާއިލީ ބައްދަލުވުން ހަމަޖައްސައިދީފި،" މައުމޫންގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.
ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބައްދަލުވުންތައް މެދުކަނޑާލުމުން، އާއިލާ އާއި ވަކީލުން ކަންބޮޑުވުން ފާޅުކުރީ، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވެދާނެ ކަމަށް ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައުމޫން ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާ އެކު އަރިހުގައި އަބަދުވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެއީ، ވާޓިގޯ އެޓޭކަކާ އެކު މައުމޫންގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި، ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
އެ ބަލީގެ ސަބަބުން، ބޮލަށް ގެންނަ ހަރަކާތަކާ ގުޅިގެން ވެސް ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުން ވުމުގެ ފުރުސަތު އޮވެ އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!
"މައުމޫން އެކަނި ނުކުރަން ޑޮކްޓަރު ވަނީ އަންގާފައި"
މައުމޫނަށް ސިއްހީ ނުރައްކަލެއްގެ ބިރު އެބައޮތް: ވަކީލު
މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލު
މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލް
މައުމޫންގެ އާއިލީ ބައްދަލުވުންތައް ހުއްޓުވައިފި: ވަކީލް
ޖަލުގައި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުލިބޭ: ވަކީލް
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
ރޭ ވެސް ނަސްރީނާ ޖަލަށް ވަޑައިގެންނެވި