Roadha Mihaaru
މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލް

މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލު

24 އޯގަސްޓް 2018

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަރިއްކުޅުއްވާ ބޭސްތައް ފުލުހުން އަތުލާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަރިއްކުޅުއްވާ ބޭސްތައް ފުލުހުން އަތުލާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް ވިދާޅުވީ މާފުށީ ޖަލުން ދޫނިދުއަށް ބަދަލުކުރުމަށް ފަހު އިއްޔެ އިރުއޮއްސުނު ވަގުތު ބޭސް ފަރިއްކުޅުއްވަން ވެގެން ދަބަސްކޮޅު ހާވައި ބެއްލެވިއިރު ނެތުމުން އެކަން އެންގެވި ކަމަށެވެ. އަދި ފަހުން ބެލިއިރު އެނގުނީ އެމަނިކުފާނަށް އެނގިވަޑައިގަތުމެއް ނެތި ފުލުހުން އެ ބޭސްތައް ގެންދިޔަ ކަން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވި މައްސަލައެއް. އެމަނިކުފާނު ފަރިއްކުޅުއްވާ ބޭސްތައް ހުންނަން ޖެހޭނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ ބޭސްތައް ފުލުހުން މައުމޫންގެ ދަބަސްކޮޅުން ނެގީ މާފުށިން ދޫނިދުއަށް ބަދަލުކުރުމަށް ފަހު ކަމަށެވެ.

"މިއީ ފުލުހުންނަށް ވެސް ކުރެވޭނެ ކަމެއް ނޫން. އެ ބޭސްތައް ހުންނަން ޖެހޭނީ ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުގައި،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ރައީސް މައުމޫނާއި ބައްދަލުކުރަން ކަރެކްޝަންސްއަށް ފޯމު ހުށަހެޅުމުން އެމަނިކުފާނު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެތަނުން އެންގި ކަމަށެވެ. ނަމަވެސް ބައްދަލުވުން ހަމަޖައްސައިދިނުމަށް ފުލުހުންގެ ކިބައިން އެދުމުން، ރައީސް މައުމޫން ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކީލުންނަށް މިއުޅެނީ އަދިވެސް ބައްދަލުކުރެވޭނެ ގޮތެއް ހަމަނުޖެހިގެން. މައުމޫން ހުންނެވި ތަނެއް ނޭންގި މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނަން،" ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫން، ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދު އަށް އިއްޔެ ބަދަލުކުރީ "ޚާއްސަ ހާލަތެއް މެދުވެރިވެގެން" ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

އިއްޔެ ކުރެއްވި ޓްވީޓެއްގައި ޝަމީމް ވަނީ މައުމޫން ކަރެކްޝަންސް އިން މައުމޫން "ވަގަން ނަގާފައިވާ" ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އެގޮތަށް އޭނާ ސިފަކުރެއްވީ މައުމޫންއަށް ދެންނެވުމެއް ނެތި އަދި އާއިލާ އާއި ވަކީލުންނަށް ވެސް އެންގުމެއް ނެތި މާފުށީ ޖަލުން އެހެން ތަނަކަށް ބަދަލުކުރުމުންނެވެ.

އެ ޓްވީޓްގައި ފުލުހުން ޓެގްކޮށް ޝަމީމް ސުވާލުކުރެއްވީ މައުމޫނަށް އެނގިވަޑައިގަތުމެއް ނެތި "އެމަނިކުފާނުގެ ބޭސްތައް އަތުލަން ލަދުނުގަންނަންތޯ" އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

މައުމޫންގެ ހާލުކޮޅު ގޯސްވުމުން އެމަނިކުފާނު ޗެކްކުރައްވަން ޖަލަށް ގެންދިޔަ ޑޮކްޓަރު ލަފާދީފައި ވަނީ ގެކޮޅަށް ބަދަލުކުރާށެވެ. ނަމަވެސް ކަރެކްޝަނުން އެކަން ނުކޮށް އެންމެ ފަހުން ދޫނިދުއަށް ބަދަލުކުރީ އެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.