Roadha Mihaaru
ދޫނިދޫ ޖަލުން ސާފު ފެން ނުދޭތީ ފިޔަވަޅު އަޅަނީ

ދޫނިދޫގައި ބަންދުުގައި ތިބި މީހުންނަށް ސާފު ފެން ފޯރުކޮށް ނުދޭތީ އެޗްއާރުސީއެމުން ފިޔަވަޅު އަޅަނީ

02 ނޮވެމްބަރ 2020

ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިިންމައިފި އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުުގެ ފަހުކޮޅު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ކުރި ޒިޔާރަތުގައި އެތަނުގައި ބަންދުގައި ތިބި މީހުންނަށް ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު އެ ފެނުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ ހުރި ކަން ފާހަގަވި ކަމަށެވެ. އެ ފެނަކީ އެކަށީގެން ނުވާ ފެނެއް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ކަނޑައަޅާފައިވާ ކަމަށާއި އަދި އޭގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ބުނާތީ ދޫނިދޫގައި ބަންދުގައި ތިބި މީހުންނަށް އެ ފެން ދިނުން ހުއްޓާލުމަށް ފަހު 72 ގަޑިއިރުގެ ތެރޭގައި ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް މިދިިޔަ ހަފުތާގައި އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް މިއަދު އެ ކޮމިޝަނުން ދޫނިދޫ ޖަލަށް ގޮސް ބެލިއިރު ވެސް، ފެން ފޯރުކޮށްދިނުމުގެ އިންތިޒާމް އިސްލާހު ކޮށްފައިނުވާ ކަމަށާއި އެކަން އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ސާފު ބޯފެން އެތަނުން ފޯރުކޮށް ދިނުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 26 ވަނަ މާއްދާ ބުނާގޮތުން އެ ކޮމިޝަންގެ އެންގުމަކަށް ތަބާނުވެއްޖެ ނަމަ، އެކަން ކުރި މީހެއްގެ އަދަބަކީ ތިން މަހަށް ގޭ ބަންދު ކުރެވޭނެ އެވެ. އަދި އެގޮތަށް އަމަލުކުރީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އެ މީހަކު މަގާމުން ވަކި ކުރެވޭނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލުގައި ސާފުކޮށް ނުލިބޭ ކަމަށް ބުނެ އެޗްއާރުސީއެމުން ފިޔަވަޅު އަޅަން ނިންމިއިރު، ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ޖަލުތަކުގައި ސާފުކޮށް ފޯރުކޮށް ދިނުމުގެ ނިޒާމެއް މިދިޔަ އަހަރު ވަނީ ގާއިމްކޮށްފަ އެވެ.