Roadha Mihaaru
އަސްލަމް، އަލުން މަގާމުގެ ހުވާކުރައްވައިފި

އަސްލަމް، އަލުން މަގާމުގެ ހުވާކުރައްވައިފި

14 ޖޫން 2020

މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ކަމުގެ މަގާމަށް މުހައްމަދު އަސްލަމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި އަސްލަމް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ. އޭނާ އަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާދާ ޒާހިރު އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް އަސްލަމް މި އައްޔަން ކުރެއްވީ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު އުވާލައްވައި ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއަށް ހައުސިން މިނިސްޓްރީގެ މަސްއޫލިއްޔަތުތައް އިތުރު ކުރެއްވުމުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް މެމްބަރު އަސްލަމް މިހާތަނަށް ހުންނެވީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރުގެ މަގާމުގަ އެވެ.

ހައުސިން މިނިސްޓްރީ އުވައިލުމާ އެކު، އެ މިނިސްޓްރީގެ މުވައްޒަފުން ވެސް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީ އަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހައުސިން މިނިސްޓްރީ އުވައިލެއްވީ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޓިކެޓުގައި މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައި ހުންނެވި އާތިފާ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީ އުފެއްދުމާ އެކު، އެއީ މި ސަރުކާރުގެ އެންމެ ބިޔަ މިނިސްޓްރީ އަށް ވަނީ ވެފަ އެވެ.