Roadha Mihaaru
ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުން ރަނގަޅެއް ނޫން: ޚަލީލް

ހުރިހާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓުކުރުން ރަނގަޅެއް ނޫން: ޚަލީލް

04 ޖޫން 2020

ޓޫރިޒަމް އަލުން ހުޅުވާލާއިރު ހުރިހާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މަންޓާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމް އަލުން ހުޅުވާލާއިރު ހުރިހާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މަންޓާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން މިއަދު ބޭއްވި ވެބިނާ ސެޝަންގައި ޚަލީލް ވިދާޅުވީ ގައުމުތަކުން ތައްޔާރުކުރާ ގައިޑްލައިންގެ ސަބަބުން ބޮޑު ހަރަދުތަކެއް ހިނގައިގެން ނުވާނެ ކަމަށެވެ. އެގޮތުން، ރާއްޖެ އަށް އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓު ކުރުމަށް ޓެސްޓު ކިޓު ހޯދުމަކީ ބޮޑު ހަރަދެއް ކަމަށާއި އެންމެން ޓެސްޓުކުރަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ކޮވިޑް-19ގެ އަލާމާތް ހުންނަ ޓޫރިސްޓުން އެކަނި ޓެސްޓު ކުރުމެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ގިނަ ޓޫރިސްޓުން އެ މީހުންގެ ގައުމުތަކުން އަންނާނީ ޓެސްޓު ހެދުމަށް ފަހުގައި ކަމަށް ވާތީ އެވެ.

"ޓޫރިސްޓުން އަންނާނީ ޓެސްޓު ހަދައިގެން. އެހެންކަމަށްވާ ނަމަ މިކޮޅުން އަނެއްކާ އެ ޓެސްޓު ހެދުމަކީ ބޭކާރު ކަމެއް. އެވާނީ ސެކަންޑްރީ ޓެސްޓަކަށް،" ކަނޑިމަ ރިސޯޓުގެ ޑިރެކްޓަރެއްގެ މަގާމު ވެސް އަދާކުރައްވާ ޚަލީލް ވިދާޅުވި އެވެ.

އޭނާ ވަނީ ހުރިހާ ޓޫރިސްޓުން ޓެސްޓު ހަދަން ނިންމައިފި ނަމަ ރިކަވަރީ ލަސްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މިގޮތަށް އޭނާ ވިދާޅުވީ ޓެސްޓު ހަދަން ފަށައިފި ނަމަ ޓޫރިސްޓުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ލަފާކުރައްވައިފަ އެވެ.

ޓެސްޓު ހެދުމުގެ ބަދަލުގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި މާސްކާއި ސެނިޓައިޒާ ބޭނުން ކުރުމަށް ބާރުއެޅުން މުހިންމު ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

"ހެޒްމެޓް ސޫޓުލައިިގެން ޓެސްޓު ހަދަން ފަށައިފި ނަމަ ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭނީ ނެގެޓިވްކޮޮށް. މީގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވެ ރިކަވަރީ ދަށްވުމަކީ އެކަށީގެންވާ ކަމެއް،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލްގެ މި ވާހަކަތަކަށް ވެބިނާގައި ބައިވެރިވި ބައެއް ބޭފުޅުންގެ ތާއީދާ ދެކޮޅުހެދުން ވެސް އައެވެ. ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ސޮނެވާ ރިސޯޓުތަކުގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަކީ ރައްކާތެރި ތަނެއްކަން ކަށަވަރު ކުރެވޭނީ ހުރިހާ ޓޫރިސްޓުން ޓެސްޓު ކޮށްގެންނެވެ. އަދި އަލުން ޓޫރިޒަމް ހުޅުވާލާއިރު ޓޫރިސްޓުންގެ އިތުބާރު ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންއެފްއެމްއީން ބޭއްވި މި ވެބިނާ ސެޝަން ލީޑްކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ. މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ޚަލީލާއި ސޯނޫގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް އާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓާ އޮފް ބިޒްނަސް ޑެވެލޮޕްމަންޓް މުރާދު ހަސަން ބައިވެރިވެވަޑައިގަތެވެ.