01 އޯގަސްޓް 2018
ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން، 100 މިލިޔަން ރުފިޔާގެ ސްކީމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން، 100 މިލިޔަން ރުފިޔާގެ ސްކީމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ޓޫރިޒަމް ދާއިރާގައި 18،000 ޒުވާނުން މަސައްކަތް ކުރާއިރު، ކުރިއަށް އޮތްތަނުގައި އެ އަދަދު މަދުވެގެން 36،000އަށް އިތުރު ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން ވަޒީފާގައި ހަރުލެއްވުމަށާއި އިތުރު މީހުން ރިސޯޓުތަކާ ގުޅުވުމަށް އެ މަނިކުފާނު އެ ފައްޓަވަން ނިންމާފައިވަނީ ބޮޑު ސްކީމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސްކީމް ފެށުމަށް ސަރުކާރުން 100 މިލިޔަން ރުފިޔާ ހަރަދު ކުރާނެ އެވެ. އަދި ސްކީމްގައި ބައިވެރިވާ ކޮންމެ ޒުވާނަކު، އެ މީހެއްގެ މުސާރައިން ބައެއް ސްކީމްގައި ހިމަނާއިރު، ހަމަ އެއަދަދަށް ރިސޯޓުތަކުން ވެސް ފައިސާ ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.
"ރިސޯޓުތަކުން މިކަމަށް އެކަށީގެންވާ ތަރުހީބެއް ލިބޭކަމަށް ވާނަމަ، އެ އަދަދު އަޅުގަނޑުމެން 500 މިލިޔަން ރުފިޔާއަށް އިތުރު ކުރާނަން،" ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސްކީމްގައި ބައިވެރިވުން، މުވައްޒަފުންނަށް ލާޒިމް ނޫން ކަމަށާއި އެއީ އެ މީހެއްގެ އިހްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. އަދި ސްކީމްގެ ދަށުން، މުވައްޒަފުން ދައްކަން ޖެހޭނީ ވެސް "ތަކުލީފް އުފުލަން ނުޖެހޭވަރުގެ" ވަރަށް ކުޑަ ނިސްބަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެކި ރަށްރަށުގައި އަޅާފައިވާ 50 ފުޓްސަލް ދަނޑު، ރައީސް ޔާމީން މިރޭ ރަސްމީކޮށް އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ފަދަ ސްކީމެއް ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރިސޯޓު މުވައްޒަފުންނަކީ ދިވެހި ދައުލަތާއި އިގްތިސޯދު ބަލައިގަންނަ ބައެއްކަން އެންގުމެވެ. އޭގެ އިތުރުން، ސްކީމްގައި ބައިވެރިވެގެން، އެ މީހަކަށް ފްލެޓް ހޯދުމާއި ވިޔަފާރި ފެށުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ސްކީމްގައި ހިމެނޭ ފައިސާއިން މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތައް ހޯދުމަށް، ޑިޕޮސިޓް ފައިސާގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެކަށީގެންވާ ތަރުހީބެއް އެކަމަށް އޮތްނަމަ، ސަރުކާރުގެ ހައުސިން މަޝްރޫއުތަކުގެ ވަކި ބައެއް، ރިސޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަ ކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންނެވި އެވެ.
"މީގެ ފައިދާއަކީ އެ މީހުންނަށް ލިބިގެންދާނެ، މިތަނުން ފްލެޓް ގަތުމަށް ބޭނުންވާނެ ސީޑް މަނީ. އިންޓަރެސްޓް ހުރެއްޖެ ކަމަށް ވާނަމަ، މުސާރައިން ބައެއް ލާންވީ. އޭރުން ކޮންމެ މީހަކަށް ވެސް، މާލެ ސަރަަހައްދުން ފްލެޓެއް ހޯދުމުގެ ޖާގަ ލިބުނީ. ބޭނުން ވެއްޖެ ނަމަ އަމިއްލަ ރަށުން ވެސް ގެ ނޫނީ ފާހާނާއެއް ނޫނީ ކޮޓަރިއެއް ހަދަން ވެސް މި ފައިސާ ބޭނުން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުންފުނިތަކުން ހިއްސާ ގަތުމަށާއި އިންވެސްޓްކުރުމުގެ އިތުރުން، އިންޓަގްރޭޓެޑް ޓޫރިޒަމަށް ވެސް މި ފައިސާ އެ މުވައްޒަފުންނަށް ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސޯދު ފުޅާވެ، ގިނަ ރިސޯޓުތަކެއް އުފެދި އެތަންތަނަށް ގިނަ ޒުވާނުން ބޭނުންވާނެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެ ތަންތަނުގައި ދިވެހިން މަސައްކަތް ކުރަން ރިސޯޓު އޯނަރުން ވެސް ބޭނުންވާ ކަމަށެވެ. އެހެންވެ، މި ސްކީމަށް، ރިސޯޓުތަކުން ވެސް ހިތްވަރު ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރިސޯޓު ހިއްސާ ނުލިބި އާ ސްކީމެއް: އާއްމުން ފާޑުކިޔަނީ
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު
ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުން ރަނގަޅެއް ނޫން: ޚަލީލް
މަސައްކަތްތެރިންގެ ހައްގު ބައި ހޯދައިދީ!
އިތުރު 140 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުން: އަލީ
އެންމެ އުތުރަށް ލަންކާގެ ދަތުރު މުހިންމުވެފައި!
އީސީން އުޅެނީ ރައީސް ޔާމީން އަލުން އިންތިޚާބު ކުރަން
މާލެ އަތޮޅުގެ 27 ފަޅެއް ޓޫރިޒަމަށް ތަރައްގީ ކުރަނީ
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް