Roadha Mihaaru
މާލެ އަތޮޅުގެ 27 ފަޅެއް ޓޫރިޒަމަށް ތަރައްގީ ކުރަނީ

މާލެ އަތޮޅުގެ 27 ފަޅެއް ޓޫރިޒަމަށް ވަނީ ދޫކޮށްފައި: ރައީސް

22 ފެބުރުއަރީ 2018

ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ބޭނުމުގައި މާލެ އަތޮޅުގެ 27 ފަޅެއް ތަރައްގީ ކުރުމަށް އާންމު ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމް ދާއިރާ ފުޅާކުރުމުގެ ބޭނުމުގައި މާލެ އަތޮޅުގެ 27 ފަޅެއް ތަރައްގީ ކުރުމަށް އާންމު ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ވިދާޅުވީ މާލެ އަތޮޅުގެ ފަޅުތައް ތަރައްގީ ކުރަން ނިންމީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އާބާދީ ބޮޑުވަމުން ދިއުމާއެކު، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. ނަމަވެސް އާންމުންނަށް ދޫކުރި ފަޅުތަކުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

އެނބޫދޫފަޅުގައި ރިސޯޓްތައް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު.

އެނބޫދޫފަޅުގައި ރިސޯޓްތައް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު.

މި 27 ފަޅު ތަރައްގީ ކުރުމުގެ އިތުރުން، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މި އަހަރު ފަސް ފަޅެއް ހިއްކައި، ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ދެންނެވި ފަޅުތައް ތަރައްގީކޮށް ނިމުމުން، 47،000 އާ ވަޒީފާ އުފެދިގެން ދާނެ. މި ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށް ދިން، 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމަށް 107 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، ފަޅުތައް ހިއްކައިގެން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އަށް ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު 1.3 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

"މިއީ ޓޫރިޒަމް ދާއިރާ އިން ރާއްޖެ ހޯދި ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރޭ ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރޭ ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރި ރަށްރަށުގެ ތެރެއިން 24 ރަށެއް މި އަހަރު ހުޅުވިގެން ދާނެ ކަމަށާއި މި އަހަރު އަލަށް ހުޅުވޭ ދެ ހޮޓަލާ އެކު، އެނދުގެ އަދަދު 5،300 އަށް ވުރެ އިތުރުވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1.6 ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ގޮތަށް ޓޫރިޒަމް ދާއިރާ އިން 40 ފޮރިން އިންވެސްޓްމަންޓެއް މިދިޔަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ސިނާއަތްތަކުން 1.8 ބިލިއަން ޑޮލަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްކުރާ ގޮތަށް 50 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މާލެ އަތޮޅުން ހިއްކާފައިވާ ފަޅެއް: ބައެއް ފަޅުތައް ހިއްކުމުން ރާއްޖޭގެ ރީތި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޓީން ބުނޭ.---ފޮޓޯ: ކޮކީ

މާލެ އަތޮޅުން ހިއްކާފައިވާ ފަޅެއް: ބައެއް ފަޅުތައް ހިއްކުމުން ރާއްޖޭގެ ރީތި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޓީން ބުނޭ.---ފޮޓޯ: ކޮކީ

ބައެއް ފަޅުތައް ހިއްކުމުން ރާއްޖޭގެ ރީތި ކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ހިއްސާ ކުރި އެވެ.

މީގެ ތެރެއިން އެއް މަޝްރޫއަކީ ތައިލެންޑުގެ ސިންގް އެސްޓޭޓުން ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ އިންޓެގްރޭޓެޑް ރިސޯޓެވެ. މާލޭގެ ދެކުނުން އޮންނަ ބޮޑު ފަޅުގައި އެ ރިސޯޓްތައް ހަދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ގޮތަށް އަދި ޗުއްޓީ ހޭދަކުރުމުގެ ހުރިހާ ކަމެއް ފުރިހަމަ އަށް ލިބޭ ގޮތަށެވެ.

ކްރޮސް ރޯޑްސްގައި އެންމެ މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.