04 ޖޫން 2020
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަލުން ފަށައި ގަތުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވައިލާނީ ޕްރައިވެޓް ޖެޓްތަކުން އަންނަ ބޮޑެތި މަހުޖަނުންނަށް ކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓްރީން މީގެ ދެ މަހެއްހާ ދުވަސް ކުރިން ދިނެވެ. އޭގެ ބޭނުމަކީ، ޓޫރިޒަމް މުޅިން ހުއްޓާލާފައި ބޭއްވުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެކަމަކު މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހިޔާލު ތަފާތު މައްސަލައެކެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަލުން ފަށައި ގަތުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވައިލާނީ ޕްރައިވެޓް ޖެޓްތަކުން އަންނަ ބޮޑެތި މަހުޖަނުންނަށް ކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓްރީން މީގެ ދެ މަހެއްހާ ދުވަސް ކުރިން ދިނެވެ. އޭގެ ބޭނުމަކީ، ޓޫރިޒަމް މުޅިން ހުއްޓާލާފައި ބޭއްވުމުގެ ބަދަލުގައި ރައްކާތެރިކަމާ އެކު ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެކަމަކު މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހިޔާލު ތަފާތު މައްސަލައެކެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކަށް ދުނިޔޭގެ މަޝްހޫރު ބައެއް ތަރިންނާއި ބައެއް މަހުޖަނުން އަންނަނީ އަމިއްލަ ޖެޓްތަކުގަ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ވަރަށް ހާއްސަ ބައެކެވެ. އެމީހުންގެ ޗުއްޓީއަށް އެތައް ލައްކަ ޑޮލަރެއް، ބައެއް ފަހަރަށް މިލިއަނުން ވެސް ހޭދަކުރެ އެވެ.
މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިފައި އޮތުމުން ރާއްޖެ ކަހަލަ ތަނެއްގައި މަހެއް، ދެ މަހެއް ހޭދަކޮށްލަން ބޭނުން މީހުން އެބަ އުޅެ އެވެ. އެކަން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކެއް ހިންގަވާ އަދި ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވަކީ ކުރިން ވެސް ވިދާޅުވެފަ އެވެ. އޭނާ ލިއުއްވި މަޒުމޫނެއްގައި ވިދާޅުވީ ޕްރައިވެޓް ޖެޓްތަކަށް ހުޅުވައިލައިގެން ރާއްޖެއަށް ޓޫރިސްޓުން ގެނެވޭނެ ގޮތްތައް ހޯދާ، ދާއިރާ ކުރިއަށް ގެންދޭވޭނެ ކަމަށެވެ. ކޯޕަރޭޓް މޯލްޑިވްސް ވެބްސައިޓުގައި ޖެހި އެ އާޓިކަލްގައި އޭނާ ވިދާޅުވި ގޮތުގައި ބޯޑަރު އަލުން ހުޅުވައިލުމުގެ ފައިދާ އެންމެ ރަނގަޅަށް ހިފޭނީ އަމިއްލަ ޖެޓްތަކުގައި އަންނަ ބޮޑެތި މަހުޖަނުންނަށް އެންމެ ފުރަތަމަ ފުރުސަތު ދީގެންނެވެ.
"އަމިއްލަ ޖެޓްތަކުގައި އަންނަ މަހަޖަނުންނާ އެކު މާ ގިނަ ފަސިންޖަރުންނެއް ނާންނާނެ. އެހެންވެ އެއާޕޯޓް ވީއައިޕީއާ ހިސާބުން ފަސޭހަމާ އެކު އެ މީހުން އައިސޮލޭޓް ކުރެވޭނެ. ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ހޯދައި އެ ތަނުން ވަގުތުން ޓެސްޓް ވެސް ކުރެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން އެ ހިޔާލަށް ތާއީދުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުލައި ނުވަތަ އޮގަސްޓްގައި ބޯޑަރު ހުޅުވައިލި ނަމަވެސް ކުއްލިއަކަށް ގިނަ ބަޔަކު ރާއްޖެ އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫނަސް، ޖެޓްތައް ޖެއްސޭ ފެންވަރަށް ހުރި ރީޖަނަލް އެއާޕޯޓުތައް އެ ޖެޓްތަކަށް ހުޅުވާލުން ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މާމިގިލި އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތް ވެއްޖެ ނަމަ އދ. އާއި އއ.ގެ ރިސޯޓުތަކަށް ޓޫރިސްޓުން އައުމަށް ފުރުސަތު އޮންނާނެ. މީގައި ބަލަންވީ އެއް ޓޫރިސްޓަކަށް ވެސް އާދެވެން އޮތިއްޔާ އެ ފުރުސަތު ދިނުން،" އަފީފް ވިދާޅުވި އެވެ.
ލަކްސް ނޯތު މާލެ އެޓޯލްސްގެ ވިލާއެއް: ވީހާވެސް އަވަހަކަށް ޓޫރިޒަމް ހުޅުވާލަން ޖެހޭ
މިހާރު ވެސް ރަޝިޔާގެ ގިނަ މަހުޖަނުންގެ ކުދިކުދި ގްރޫޕްތައް ޕްރައިވެޓް ޖެޓްތަކުގައި ކެރީބިއަން އައިލެންޑްސް ފަދަ މަންޒިލްތަކަށް ދަތުރު ކުރެ އެވެ. އެހެންކަމުން މިއީ ރާއްޖެއަށް ވެސް އޮތް ފުރުސަތެއް ކަމުގައި އޭނާ ގަބޫލުކުރައްވަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު ވެސް އަރަބި ގައުމުތަކުގެ 2،000 މީހުން ރާއްޖެ އަންނަން ބޭނުންވެ އެވެ. މިކަމުން ވެސް އެނގެނީ ޕްރައިވެޓް ޖެޓްތަކަށް ބޯޑަރު ހުޅުވާލައިފި ނަމަ ރާއްޖޭގެ ޓޫރިޒަމް ކޮންމެވެސް ވަރަކަށް މިހާރު ވެސް ހިނގައިގަންނާނެ ކަމެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މައި އެއް ކުންފުނި ކަމަށް ވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޝާހީން ވިދާޅުވީ ޕްރައިވެޓް ޖެޓުތަކުން އަންނަ މަހުޖަނުންނަށް ހުޅުވާލުމުން އޭގެ ފައިދާވާނީ މަދު ބަޔަކަށް ކަމަށެވެ. ގިނަ ކޮޓަރިތައް ހުންނަ ރިސޯޓުތަކަށް ޖެޓަކުން އަންނަ އާއިލާއަކަށް އެކަނި ހިދުމަތް ދީގެން ވާނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ވަން އެންޑް އޮންލީ ކަހަލަ ރިސޯޓުތަކަށް ވެސް ފައިދާއެއް ނުވާނެ. ކުދިކުދި ތަންތަނަށް ފައިދާވާނީ. އަޅުގަނޑުމެން ހިންގާ ތަންތަނުގެ ތެރެއިން ކުޑަދުއަށް އެކަނި ފައިދާވާނީ،" ޝާހީން ވިދާޅުވި އެވެ.
ޓޫރިސްޓުން ފްލައިޓުން ފައިބައިގެން އަންނަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ކުޑަދުއަކީ އެންމެ މަތީ ފަންތީގެ މަހުޖަނުންނަށް ހާއްސަކޮށް އޮންނަ ޕްރައިވެޓް އައިލެންޑެކެވެ. އެ ތަނުގައި ހުންނަނީ އެންމެ 15 ވިލާ އެވެ. އެހެންކަމުން ވަކި ބަޔަކަށް ފުރަތަމަ ފުރުސަތު ދިނުމުގެ ބަދަލުގައި އެންމެންނަށް ވެސް ބޯޑަރު ހުޅުވާލައި ޓޫރިސްޓުން އަންނާނެ ގައުމުތައް ދެނެގަތުން މާ މުހިއްމު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޝާހީން ވިދާޅުވި ގޮތުގައި ޖުލައިގައި ބޯޑަރު ހުޅުވައިލާނެ ވާހަކަ ދައްކާ އިރު، ޓޫރިޒަމް ދާއިރާގެ މީހުންނަށް އެކަންކަމުގެ ތަފްސީލު އަދި ނުލިބެ އެވެ. ބޯޑަރު ހުޅުވާލި ނަމަވެސް، ޔޫރަޕުންނާއި ޗައިނާ އިން ޓޫރިސްޓުން އަންނާނެ މިންވަރު އަންދާޒާކުރަން ވެސް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މޭޖާ މާކެޓަކީ ޔޫރަފް. އެކަމަކު މިހާރު ހާލަތު އޮތް ގޮތުން އެހެން ގައުމުތަކަށް ޔޫރަޕުން މީހުން ދަތުރު ކުރާނެ ކަމަށް ބެލެވެނީ އޮގަސްޓް ހިސާބުގައި. ދެން އޮތީ ޗައިނާ. އެއީ ވަރަށް ސެންސިޓިވް މާކެޓެއް. އެމީހުން ސަރުކާރުން ދަތުރު ނުކުރާށޭ ބުނެފިއްޔާ ދަތުރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވައިލާ އިރު ހަމައެކަނި މަހުޖަހުންނަށް ފުރަތަމަ އިސްކަން ދިނުމުގެ ވިސްނުމާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވެސް ދެކޮޅެވެ.
"މިހާރު މުޅި އިންޑަސްޓްރީ މިއޮތީ ކްރޭޝްވެފައި. ވީހާވެސް އަވަހަކަށް ހުޅުވައިލުން މުހިއްމު،"
އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަ މި ހާލަތުގައި މި ފެންނަނީ ފޯކާސްޓް ކުރަން ވެސް އުނދަގޫ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ބޯޑަރުތައް ހުޅުވާލުމަށް ފަހުގައި، އެންމެ ފުރަތަމަ ޖެހޭނީ ރާއްޖެ އަންނަނީ ކޮން ކަހަލަ، ކޮން ފަންތިއެއްގެ ބައެއްތޯ ބަލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ: މިހާރު
"އަސްލު މިހާރު މުޅި ދާއިރާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ވަރަށް ބޮޑަށް ކްލިއާ ވާން ޖެހޭ. މިހާރު މިއޮތީ ކޮންފިއުޝަނެއްގައި. ބޭރުގެ އެކިއެކި މީޑިއާތަކުގައި ތަފާތު އާޓިކަލްތައް ލިޔެވޭ އިރު ދާއިރާގެ ސްޓޭންޑް އަދި ހުޅުވާލުމުގައި އަމަލުކުރާނެ އުސޫލު ވަރަށް ބޮޑަށް ސާފުވުން ވަރަށް މުހިއްމު،" ފިރާގު ވިދާޅުވި އެވެ.
ޖުލައި މަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވައިލާ އިރު އަމަލު ކުރާނެ ހާއްސަ ގައިޑްލައިންގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އާ ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓާއި ފައިނަލް ޑްރާފްޓް ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި އޮތް އިރު އަލުން ހުޅުވާލާ އިރު ހުރިހާ ލެވެލެއްގެ ޓޫރިސްޓުންނަށް ވެސް އާދެވޭނެ ފުރުސަތު އޮތުން މުހިއްމު ކަމަށް ފިރާގު ވިދާޅުވި އެވެ.
"މިހާރު މުޅި އިންޑަސްޓްރީ މިއޮތީ ކްރޭޝްވެފައި. ވީހާވެސް އަވަހަކަށް ހުޅުވައިލުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ޕްރައިވެޓް ޖެޓްތަކުގެ މޫވްމެންޓް އުޅޭނީ ގާތްގަނޑަކަށް 700 އާއި 800 އާ ދެމެދުގައި ކަމަށް ލަފާކުރައްވާ އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މުޅި ޓޫރިޒަމްއަށް ބަލާ ނަމަ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އަދި މިފަދަ ބަލި މަޑުކަމެއްގެ ހާލަތުގައި އެއަދަދު އިތުރަށް ދަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ ހިޔާލަކީ ޖެޓްތަކުން އަންނަ ދެތިން މީހަކަށް ވުރެ، މުޅި ދާއިރާ ހުޅުވައިލުން މުހިންމުވާނެ ކަމެވެ.
ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް 150 ރިސޯޓްގެ ތެރެއިން މި ވަގުތު ހިންގަމުން އަންނަނީ 10 ރިސޯޓެކެވެ.
މަހުޖަނުންނަށް އަމާޒުކޮށް ރިސޯޓްތައް ހިންގާ އިންވެސްޓަރުންގެ ނަޒަރުގައި، ކިތައްމެ މަދުން އައި ނަމަވެސް އެ ފުރުސަތު އޮތުމުން ޓޫރިޒަމްގެ ހަރަކާތްތައް ދާނީ ކުރިއަށެވެ. އަދި އެއީ ސަރުކާރަށް ވެސް، އެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް ލިބޭނެ އާމްދަނީއެއް ކަމަށް އެ މީހުން ބުނެ އެވެ.
މިހާރު ކުރިމަތިވެފައި މި އޮތީ މުޅިން އާ ހާލަތެކެވެ. އެހެންކަމުން މީގައި ސަރުކާރަށް އަމަލްކުރެވޭނެ ގޮތްތައް ވެސް ތަފާތުކުރެވިދާނެ އެވެ. މަގުސަދަކަށް ވާން ޖެހޭނީ، މި ގޮތަށް ހުރިހާ ކަމެއް ހުއްޓާލައިގެން ގިނަ ދުވަހު ނުތިބެވޭނެ ކަމެވެ. ކޮންމެވެސް ގޮތަކުން ބޯޑަރުތައް ވެސް އަދި ރިސޯޓްތައް ވެސް ހުޅުވާލަން ޖެހޭނެ ކަމެވެ. ދެތިން މީހަކުން ފަށައިގެން ނަމަވެސް، އެ ފުރުސަތު ވެސް އޮންނަން ޖެހޭނެ ކަމެވެ.
މަތީ ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!