Roadha Mihaaru
މަތީ ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ

މަތީ ފަންތީގެ ޓޫރިސްޓުންނަށް ހޯމަ ދުވަހުން ފެށިގެން ރާއްޖެ ހުޅުވައިލަން މަސައްކަތް ކުރަނީ

12 ޖޫން 2020

ޕްރައިވެޓް ޖެޓާއި ސުޕަ ޔޮޓުތަކުގައިި ރާއްޖެ އަންނަ ޓޫރިސްޓުންނަށް މި ހޯމަ ދުވަހުން ފެށިގެން ހުއްދަ ދޭން މަސައްކަތް ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕްރައިވެޓް ޖެޓާއި ސުޕަ ޔޮޓުތަކުގައިި ރާއްޖެ އަންނަ ޓޫރިސްޓުންނަށް މި ހޯމަ ދުވަހުން ފެށިގެން ހުއްދަ ދޭން މަސައްކަތް ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް މަހުގެ 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ޓޫރިޒަމް ވަނީ ހުއްޓިފަ އެވެ. ނަމަވެސް އެ ބަލީގެ ހާލަތު ބަދަލުވުމާ ގުޅިގެން އަންނަ މަހުން ފެށިގެން ޓޫރިޒަމް އަލުން ހުޅުވައިލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް ހުޅުވައިލަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މަތީ ފަންތީގެ ޓޫރިސްޓުން ރާއްޖެ އަންނަން ހޯމަ ދުވަހުން ފެށިގެން ހުއްދަ ދޭން ކަމާ ބެހޭ ފަރާތްތަކާ އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެނގިފައި ވެ އެވެ. ސަބަބަކީ މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ވެސް އަންނަނީ ބައެއް ޕްރައިވެޓް ޖެޓުތަކަށް ރާއްޖެ އައުމުގެ ހުއްދަ ދޫކުރަމުންނެވެ. އެކަމަކު، މި ވަގުތަށް ހުއްދަ ދޫކުރަނީ ރިސޯޓުތަކުގެ ވެރިންނަށް އެކަންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުޅުވައިލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ. ޓޫރިޒަމް އަލުން ފެށުމަށް ތައްޔާރުކުރަންޖެހޭ ގައިޑްލައިން ނިމިފައިވާއިރު ވަރަށް އަވަހަށް އެ ގައިޑްލައިނާ އެއްގޮތަށް ޓޫރިސްޓު ފެސިލިޓީތައް ތައްޔާރު ކުރުމަށް ސަރުކާރުން އަންގާނެ އެވެ.

ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުޅުވާލާނީ އެ ތަނެއް ގައިޑްލައިނާ އެއްގޮތަށް ތައްޔާރު ވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް މީހުންނާއި ހެލްތު އޮފިޝަލުން ގަބޫލު ކުރާ ފެންވަރުގެ ގައިޑްލައިނަކަށް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަންނަ މަހު އަލުން ހުޅުވާލާއިރު ޓޫރިސްޓުންގެ އަތުން އިތުރު އެއްވެސް ޗާޖެއް ނުނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން ގިނަ ބަޔަކު އަންނަނީ މިހާރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހައްދަމުންނެވެ.

މާލެ އިން ކޮވިޑް-19 ގެ މީހަކު އޭޕްރީލް 15 ގައި ފެނުމާ ގުޅިގެން އެ ދުވަހުން ފެށިފެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންކޮށްފައި އޮތް ނަމަވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ވަރަށް ބޮޑު ލުޔެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދަ ނެތި ބޭރުގައި އުޅެވޭނެ އެވެ. މި ނޫން ވެސް އެހެން ލުއިތަކެއް ދީފައި ވެ އެވެ.