Roadha Mihaaru

މަޖިލިސް ހަމަނުޖެހުން: ގޯސް ހެއްދެވީ ރިޔާސަތުން؟

ގައިދުރުކަން ބަހައްޓައިގެން ބާއްވަން އެޗްޕީއޭން ހުއްދަ ދިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޭ ވަނީ އެއް ބަޔަކު އެއް ބަޔަކަށް ގަޔަށް އަތްލައި ހަމަނުޖެހުން ހިންގައިފަ އެވެ. ރޭ ދަންވަރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތާ މެދު ވެސް އެތައް ބަޔަކު މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރުމަށް ނަޝީދު ކުރެއްވި އަމުރާ އެކު، އެހެން މެމްބަރުން މެދުވެރިކުރައްވައި އެ އަމުރު ތަންފީޒު ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ބައެެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.

މަޖިލިސް ހަމަނުޖެހުން: ގޯސް ހެއްދެވީ ރިޔާސަތުން؟
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

02 ޖޫން 2020

ގައިދުރުކަން ބަހައްޓައިގެން ބާއްވަން އެޗްޕީއޭން ހުއްދަ ދިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޭ ވަނީ އެއް ބަޔަކު އެއް ބަޔަކަށް ގަޔަށް އަތްލައި ހަމަނުޖެހުން ހިންގައިފަ އެވެ. ރޭ ދަންވަރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތާ މެދު ވެސް އެތައް ބަޔަކު މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރުމަށް ނަޝީދު ކުރެއްވި އަމުރާ އެކު، އެހެން މެމްބަރުން މެދުވެރިކުރައްވައި އެ އަމުރު ތަންފީޒު ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ބައެެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭ ގޮތް ނުވުުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރޭ ދަންވަރު 1:30 ގައި ފެށި ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރައީސް ނަޝީދު އިއްވެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ. އޭނާ އަޑުގަދަ ކުރައްވަން ފެއްޓެވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ލަސްވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށާއި އެ ދެ ޕާޓީން އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮޮށް ކަމަށް ވިދާޅުވެ، ނަޝީދު ވާހަކަފުޅު ދައްކަވަނިކޮށެވެ.

ނަން އިއްވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހެއްދެވި އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ކޯފާވެ ހުންނަވައި ނަޝީދު ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް އަންގަވައިފަ އެވެ. އެއާއެކު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. ޝިޔާމް މަޖިލީހުން ނެރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އިސްވެ މަސައްކަތް ކުރެއްވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި ރޭ ދަންވަރު އެޑްމިޓް ކޮށްފައި.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އޭޑީކޭ ހޮސްޕިޓަލްގައި ރޭ ދަންވަރު އެޑްމިޓް ކޮށްފައި.

ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުން ނެރުމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތެއް ކަމަށް ވިޔަސް އޭނާ އެކަނި އެ ކަމެއް ނުކުރެއްވޭނެކަން ރޭ ވަރަށް ރަނގަޅަށް ސާފުވި އެވެ. ނަތީޖާ އަކަށް ވީ އިދިކޮޅާއި އެމްޑީޕީގެ މެމްބަރުންނަށް ވެސް އަނިޔާވުމެވެ.

ރޭ މަޖިލީހުގައި ހަމަނުޖެހުން ހިންގަނީ

މި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމް މަޖިލީހުގެ ތެރެއަށް ވެއްޓިވަޑައިގެންފައި ވަނިކޮށް، ވީޑިއޯއިން ފެނެ އެވެ. އޭނާގެ ގަމީސް ވެސް ވީދުނެވެ. ރޭ ވަނީ އޭޑީކޭ ހޮސްޕިޓަލުން ޝިޔާމަށް ފަރުވާ ދީފަ އެވެ.

އެ ހަމަނުޖެހުމުގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އަށް ޝިޔާމް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ މެމްބަރުން ވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

ޝިޔާމް، އީސަޔަށް ހަމަލާ ދިން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވުން

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުންގެ އިތުރުން ސާޖަންޓް އެޓް އާމް ވެސް މަސައްކަތް ކުރައްވާތަން ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް ސާޖަންޓް އެޓް އާމްސް އެކަނި ކަމަށް ވުމުން އެ ހަމަނުޖެހުން ކޮންޓްރޯލެއް ނުކުރެއްވުނެވެ. ނަތީޖާ އަކީ ޝިޔާމް މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އޭނާ ވަށާލައިގެން ތިބެ ކުރި މަސައްކަތްތަކުގައި މެމްބަރުންތައް ޒަޚަމް ވުމެވެ. ބައެއް މެމްބަރުންގެ ލޭ ކޮށައިގެން ދިޔަ އެވެ. އޭރު ވެސް ނަޝީދު ގެންދެވީ އެކަން ކުރިއަށް ގެންދަން ހިތްވަރު ދެއްވަމުން ކަން ބައެއް މެމްބަރުން ނަންގަވާފައިވާ ވީޑިއޯތަކުން އެނގެ އެވެ. ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް މަސައްކަތް ކުރެއްވި މެމްބަރުން ހުއްޓުވަން އުޅުއްވި ތަނެއް ނުފެނެ އެވެ.

"ރިޔާސަތުން ހެއްދެވީ ގޯހެއް"

ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް، "މިހާރު" އަށް ވިދާޅުވީ ނިޒާމާ ހިލާފުވެގެން މެމްބަރެއްގެ ނަން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލިސްގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނަވަން ޖެހޭނެ ކަމަށެވެ. އެ މެމްބަރަކު ނުކުމެވަޑައިގަންނަވަން ދެކޮޅު ހައްދަވާ ނަމަ ރަނގަޅު ގޮތަކީ ކުރީގައި އަމަލު ކުރާގޮތަށް ސެކިއުރިޓީ މެދުވެރިކޮށް ނެރުން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ރޭ ފެނިވަޑައިގަތީ އިދިކޮޅު މެމްބަރު ޝިޔާމް މަޖިލީހުން ނެރުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު، އެ މަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށް އެންގެވި ތަނެވެ. އެއީ ސީދާ ހަމަނުޖެހުމަށް ފުރުސަތު ދެއްވުން ކަމަށް އުޝާމް ވިދާޅުވި އެވެ.

"ރިޔާސަތުން އަމަލު ކުރެއްވި ގޮތުން މަޖިލިސް އެއް މެމްބަރަކު އަނެއް މެމްބަރަކު މާރާމާރީއަށް ފުރުސަތު ލިބިގެން ދިޔައީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ މަޖިލީހުގެ ގަވައިދުގެ ތެރެއިން ހިނގި ކަމެއް ކަމަކަށް. އަދި އެކަން ހިނގަން ޖެހޭނެ ގޮތް ކަމަކަށް ވެސް،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް، އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބިފައިވީ ނަމަވެސް އެގޮތަށް މާރާމާރީ ހިންގުމުގެ ޖާގައެއް ނެތެވެ. އެހެން ކަމުން އެކަން ބަލައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ރޭ ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. މައްސަލަ ބަލާކަމެއް ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ. މީގެ ކުރިން ވެސް މަޖިލީހުގެ ތަޅުމުގަ އާއި ކޮމިޓީތަކުގައި މެމްބަރުން މާރާމާރީ ހިންގައި، މަޖިލީހުގެ އިދާރާގެ ތަކެއްޗަށް ގެއްލުން ދީފައި ވެ އެވެ. ފުލުހުން މައްސަލަ ބަލާފައި ވެ އެވެ. އެކަމަކު، އެއިން އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅި ކަމެއް އެނގޭކަށް ނެތެވެ.

"ރިޔާސަތުން އަމަލު ކުރެއްވި ގޮތުން މަޖިލިސް އެއް މެމްބަރަކު އަނެއް މެމްބަރަކު މާރާމާރީއަށް ފުރުސަތު ލިބިގެން ދިޔައީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ މަޖިލީހުގެ ގަވައިދުގެ ތެރެއިން ހިނގި ކަމެއް ކަމަކަށް. އަދި އެކަން ހިނގަން ޖެހޭނެ ގޮތް ކަމަކަށް ވެސް،" ---އުޝާމް

މީގެ ކުރިން މަޖިލީހުގެ ޖަލްސާތަކުގައި ނަން އިއްވުމުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވާ މެމްބަރުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނެވެ. ނަމަވެސް ނަޝީދުގެ ރިޔާސަތުގައި އެކަން ކުރައްވަނީ ސާޖަންޓް އެޓް އާމްސް އެވެ. ނަމަވެސް މަޖިލިސް ހޫނުވާ ދުވަސްތަކުގައި މަޖިލީހުން މެމްބަރުން ނެރުމަކީ މިދިޔަ ދުވަސްތަކުގެ ތަޖުރިބާ އަށް ބަލާއިރު ފަސޭހަ ކަމެއް ނޫނެވެ. ސާޖަންޓް އެޓް އާމްސް އަށް އެކަން ނުވެގެން މަޖިލީހުގެ މެމްބަރުންނަށް ރިޔާސަތުން އަންގަވައިގެން މެމްބަރުން ނެރޭ ނަމަ މާރާމާރީ އާއި ބޮޑެތި ހަމަނުޖެހުން ހިނގާނެކަން ރޭގެ ޖަލްސާއިން ވަރަށް ސާފުކޮށް ފެނިއްޖެ އެވެ.

"ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވައި އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން އެފަދަ އަމަލެއްކުރުމަކީ ކުށެއް،" ---ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު، (ރީކޯ) ވިދާޅުވީ، މެމްބަރެއްގެ ނަން އިއްވުމުން ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވާ ނަމަ އެ މެމްބަރަކު ނެރެން ޖެހޭނީ ޖަލްސާ މެދުކަނޑައިލުމަށް ފަހު ސެކިއުރިޓީން މެދުވެރިކޮށެވެ.

"ރިޔާސަތުން އެހެން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވައި އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން އެފަދަ އަމަލެއްކުރުމަކީ ކުށެއް،" މޫސަގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށާއި އދ. އަށް ވެސް ހުށަހަޅަން އިދިކޮޅުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ އަކީ މަޖިލިސް ތަޅުމަށް ސިފައިން ވައްދައިގެން މެމްބަރުން ތަޅުމުން ނެރުމާ ދެކޮޅަށް ކުރިން ވަކާލާތުކުރި ޕާޓީއެކެވެ. އެހެން މެމްބަރުން މެދުވެރިކޮށް، މިހާ ބޮޑަށް މި ފަހަރު ރިޔާސަތުން އަމަލުކުރެއްވީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު، މި ގޮތަށް ކޮންމެ ފަހަރަކު އެހެން މެމްބަރުން މެދުވެރިކޮށް، ރިޔާސަތުން ނަން އިއްވާ މެމްބަރު މަޖިލީހުން ގަދަކަމުން ނެރެން އުޅުއްވާ ނަމަ މި އަށް ވުރެ ބޮޑެތި ހަމަނުޖެހުން ހިންގައި ބޮޑެތި އަނިޔާތަކެއް ވެސް ވުމަކީ ދުރު ކަމެއް ނޫނެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަނީ ރިޔާސަތުން ނަން އިއްވާ މެމްބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގަތުން ކަމަށް ވިޔަސް އެގޮތަށް އަމަލު ނުކުރައްވާ ފަހަރު މަދެއް ނޫނެވެ. އެހެންވެ، އެ ހާލަތާ ވެސް ވިސްނުންތެރިކަމާ އެކު ކުރިމަތިލާންޖެހެ އެވެ.