Roadha Mihaaru

އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން މިދަނީ ތައްޔާރުވަމުން: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާ ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް އިިތުރު ފަރުވާއަށް ވަޑައިގަންނަވަން ތަައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިތުރު ފަރުވާއަށް ޝިޔާމް ބޭރަށް ވަޑައިގަންނަވަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

06 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާ ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް އިިތުރު ފަރުވާއަށް ވަޑައިގަންނަވަން ތަައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު ބޭއްވި ޖަލްސާގަައި ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުމުގައި ހަމަނުޖެހުންތަކެއް ހިނގައި އޭނާއަށް ވަނީ އަނިޔާވެފަ އެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ޝިޔާމް ނެރުއްވި ބަޔާނެއްގައިވަނީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، އޭނާ ނެރުމުގެ ތެރޭގައި އޭނާގެ މައި ބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ޓެސްޓްތަކުން ހާމަވާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އަދި އިތުރު ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ލިބިފައިވާތީ އެކަމަށް ތައްޔާރުވަމުން ގެންދާ ވާހަކަ ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެ އިސްލާހު ގެންނާތީ އެކަމާ ދެކޮޅަށް އޭނާ މަޖިލީހުގައި އަޑުއުފުއްލަވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެންގެވުމަށް އޭނާ ތަބާނުވި ކަމަށް ވިދާޅުވެ، އޭނާ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ނަޝީދު ކަމަށާއި އެއީ ވެސް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"މި ޣައިރު ގާނޫނީ އެންގެވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް ވަނީ އެޗްޕީއޭގެ އެންގުންތަކާއި އެ އޭޖެންސީގެ ގައިޑްލައިންތަކާ ޚިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތްލައި އަޅުގަނޑު މަޖިލީހުން ނެރެން ކަމަށް ބުނެ ގިނަ ގުނަ އަނިޔާތަކެއް ދީފަ އެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޝިޔާމް ވިދާޅުވެފައިވަނީ އެ އަމަލަކީ ޖިނާއީ ކުށްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން އިންސާފުވެރިކަމާ އެކު ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފަރުވާއަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި މެމްބަރެއްގެ ހައިިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ޝިޔާމްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މީހުންނާއި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޝިޔާމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ތައްޔާރުވާ ކަމަށް ވިދާޅުވިއިރު، އޭނާ މަޖިލީހުން ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށް މަޖިލީހުގެ މިނިވަން ބައެއް މެމްބަރުންނާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަނުޖެހުުންތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.